ޔާމީންގެ މަރުގެ ފަހަތުގައި ތިބީ ދީނީ ހަރުކަށި ވިސްނުމުގެ ބައެއް ކަމަށް ފުލުހުން ނުސީދާކޮށް ބުނެފި
ޔާމީންގެ މަރުގެ ފަހަތުގައި ތިބީ ދީނީ ހަރުކަށި ވިސްނުމުގެ ބައެއް ކަމަށް ފުލުހުން ނުސީދާކޮށް ބުނެފި

މަޝްހޫރު ބްލޮގާ ޔާމީން ރަޝީދު ރަހުމްކުޑަ ގޮތަކަށް މަރާލުމުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންނަކީ އިސްލާމް ދީނަށް ފުރައްސާކުރުމާ ދެކޮޅު ހަދާ ބައެއް ކަމަށް ބުނެ، އޭނާ މަރާލުމުގެ ފަހަތުގައި ތިބީ ދީނީ ހަރުކަށި ވިސްނުމުގެ ބައެއް ކަމަށް ދޭހަވާ ގޮތަށް ފުލުހުން މިއަދު ވާހަކަދައްކައިފި އެވެ.

ޔާމީންގެ މަރުގެ ފަހަތުގައި ތިބީ ދީނީ ހަރުކަށި ވިސްނުމުގެ ބައެއް ކަމަށް ފުލުހުން ނުސީދާކޮށް ބުނެފި
ޔާމީންގެ މަރުގެ ފަހަތުގައި ތިބީ ދީނީ ހަރުކަށި ވިސްނުމުގެ ބައެއް ކަމަށް ފުލުހުން ނުސީދާކޮށް ބުނެފި

ޔާމީންގެ މަރުގެ މައްސަލައާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހާމަނުކުރާތާ ގިނަ ދުވަސްތަކަކަށް ފަހު، ބޭއްވި ޕްރެސް ބްރީފިންއެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ ޔާމީން މަރާލުމުގައި ބައިވެރިވީ، އެކަށީގެންވާ ފެންވަރަށް ކިޔަވައިގެން ތިބި މީހުން ކަމަށް ވިޔަސް އެއީ ދީނީ ގޮތުން ބަސް ބުނުމުގެ އެއްވެސް ލިޔުމެއް ލިބިފައިވާ ބައެއް ނޫން ކަމަށެވެ. އެ މީހުންގެ ވިސްނުމުގައި، ޔާމީނަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ޔާމީން މަރާލަން ޖެހުނު ސަބަބު ކަމަށް ފުލުހުންނަށް ހާމަކުރެވެން އޮތް އެންމެ ބޮޑު މިންވަރެވެ.

"... އަޅުގަނޑުމެން ފާހަގަކުރަނީ، ޔާމީން ރަޝީދު މަރާލުމުގައި ހަރަކާތްތެރިވި މީހުންނަކީ އުމުރުގެ ގޮތުން ވެސް އެހާ ދޮށީ ބައެއް ނޫނޭ. ވަރަށް ޅައުމުރުގެ ބައެއް. ފަންސަވީސް އަހަރުން ދަށުގެ މީހުން އުޅެނީ. އެހެންވީމަ މި މީހުން ގަބޫލުކުރާ ގޮތުގައި ދީނަށް ފުރައްސާރަކުރާ މީހުންނާ ޚިޔާލު ތަފާތުވޭ. އެގޮތުން މި މީހުން ގަބޫލުކުރަނީ ޔާމީން ރަޝީދަކީ ވެސް ދީނަށް ފުރައްސާރަކުރާ މީހެއްގެ ގޮތުގައި،" ޔާމީން މަރާލި މައްސަލާގައި ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ޕްރެޒެންޓޭޝަނަށް އިޝާރާތް ކުރައްވަމުން ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔާމީން މަރާލީ ދީނީ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ތިބި ބައެއްގެ މައުލޫމާތު ލިބިފައިވާކަން ކުރިން ހާމަކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެ ތަހުގީގު މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަކިން ކުރިއަށް އެބަގެންދޭ. އިރާދަކުރެއްވިއްޔާ އެ މީހުންނާ ގުޅޭ ގޮތުން ލިބިފައިހުރި މައުލޫމާތުތަކާއި އޭގެ ހަގީގަތްތައް ބަލައި އެނަލައިޒްކުރުމުގެ މަސައްކަތް މޭޖާ ކްރައިމް ސެންޓަރުން ކުރަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގުގެ މައުލޫމާތު އާއްމުކުރުން ލަސްވީ ކީއްވެތޯ އެހުމުން ޝަމީމް ވިދާޅުވީ އެ ތަހުގީގާ ގުޅޭ ގޮތުން ޔާމީންގެ އާއިލާ އިންނާއި ބައިނަލްއަގުމީ ޖަމިއްޔާތަކުންނާއި އެކި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މިއަދު ޔާމީން ރަޝީދުގެ އާއިލާއިން ގަބޫލުކުރައްވާނެކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަރަށް ތެދުނިޔަތުގައި ވަރަށް އިހުލާސްތެރިކަމާ އެކު މިކަމުގެ އިންސާފު ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔާމީން މަރާލި މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ކުރިމަތިކުރަމުން ގެންދިޔަ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ފޮރިން މިނިސްޓްރީ އަށް އެކަމާ ގުޅޭ މައުލޫމާތުތައް ހިއްސާކުރަމުންގެންދިޔަ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ވެރިންނާ ބައްދަލުކުރައްވައި ސުވާލުކުރި ފަރާތްތަކަށް ވެސް މައުލޫމާތު ހިއްސާކުރި ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"މިކަމުގައި ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތް ބައިނަލް އަގުވާމީ ކޮމިއުނިޓީގައި ބަލައިގަތްކަން ފާހަގަކުރަން،" ފުލުހުންނަށް ކުރިމަތިވަމުންދިޔަ ޝަކުވާތަކާ ގުޅިގެން އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެ ވަގުތު ގޭގެ ބޭރުގައި ފާރައަށް ހުރީ ގ. ތާއިފް އިސްމާއިލް ރަޝީދު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދެއްކި ޕްރެޒެންޓޭޝަނެއްގައި ބުނީ އެ ތިން މީހުންގެ އިތުރުން ދެން މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ ސިންދުބާންގޭ މުހައްމަދު އިފްރާން އާއި މ. ކުދެހި ހަސަން ޝިފާޒާއި ގދ. ތިނަދޫ ހިކިފިނިފެންމާގޭ އަހުމަދު ނަސޫހް އަބްދުﷲ އާއި މ. ޕާލްމާވިލާ މުހައްމަދު ޔަޝްފައު ރަޝީދު އަދި މ. ކޮޅުފުށި އީސްޓް ހުސެއިން ޒިޔާދު ކަމަށެވެ.

ޔާމީން ދިރިއުޅޭ މ.ސްޕެޓިއުލާގޭގެ ތިރީ ސިޑި ކައިރީގައި އޭނާ މަރާލާފައި އޮއްވައި ފެނުނީ، މިދިޔަ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭގަ އެވެ.

މި މައްސަލާގައި އަށް މީހަކު ހައްޔަރުކޮށް، ހަތް މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އަދި އެކަކު ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.