09 އޯގަސްޓް 2017 - 18:24

ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު، ދޫނިދޫގައި ޖަލުގައި މިހާރު ތަޖުރިބާ ކުރައްވާ ހިތްދަތި ކަންތައްތައް ސުޕްރީމް ކޯޓުގައި މިއަދު ކިޔައި ދެއްވައިފި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ 24 ގައި ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި އަމީތު ވަނީ ދޫނިދޫގައި ބަންދުކޮށްފަ އެވެ. އޭނާ ބަންދުކުރީ ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން 15 ދުވަހަށެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަމީތު ވަނީ ޖަލުގައި އޭނާ އަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖަލުގެ ހާލަތު ވެސް އޭނާ ވަނީ ވަރަށް ތަފްސީލްކޮށް ވިދާޅުވެ ދެއްވައިފަ އެވެ.
އަމީތު ވިދާޅުވި ގޮތުގައި ޖަލުން ލިބެން ޖެހޭ އަސާސީ ހައްގުތަކުން އޭނާ ވަނީ މަހްރޫމްކޮށްފަ އެވެ. އަދި ޖަލުގައި ހުންނެވި ފުރަތަމަ ފަސް ދުވަސް ބައްލަވަން ޖެހިވަޑައިގަތީ ފާޚާނާގެ ފެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަސް ދުވަސް ފަހުން ބޯނެ ފެން ލިބުނީ. ގޮޅީގައި ހުންނަން ޖެހެނީ އަލިކަމެއް ނެތި. ގަދަ އަވީގައި އޮންނަން ޖެހޭއިރު ފަންކާއެއް ވެސް ގޮޅީގައި ނުހުރޭ،" މަޑު ނޫކުލައިގެ ގަމީހެއް ތުރުކުރައްވައިގެން ވަރަށް އަސަރާއެކުގައި އަމީތު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ރިޔާސަތު ބެލެހެއްޓެވި ޝަރީއަތުގެ މަޖިލީހުގައި އަމީތު ވިދާޅުވީ ގައިގައި ބިހިތަކެއް ނަގައިގެން ޑޮކްޓަރަށް ވެސް ދައްކަވާފައިވާ ކަމަށެވެ. ސިއްހީ މައްސަލަތަކެއް ކުރިމަތިވަނީ، ދޫނިދޫގެ ގޮޅީގައި އޮންނަވަން ޖެހޭ ތަނުގެ ގޮތުން ކަމަށް ޑޮކްޓަރާ ހަވާލާދެއްވައި އަމީތު ވިދާޅުވި ކަމަށެވެ. އަދި ހާލަތު ރަނގަޅު ތަނަކަށް ބަދަލުކޮށް ދިނުމަށް ޑޮކްޓަރު ވެސް އެދިފައިވާ ކަން އަމީތު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު އެދެނީ އަޅުގަނޑަށް ލިބެން ޖެހޭ ހައްގުތައް ހޯދައި ދިނުމަށް،" އޭނާ ވިދާޅުވި އެވެ.
އަމީތު ވަނީ އާއިލާ އާއި އަނބިދަރިންނާއި ދާއިރާގެ ރައްޔިތުންނާ ވަކިން ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން، މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި އިންސާފުވެރި ހުކުމެއް އިއްވަވައި ދެއްވުމަށް ފަނޑިޔާރުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.
ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 13 ގައި ކުރި ހުކުމުގެ ފަހުން ޕީޕީއެމުން ވަކިވި ކަމަށް ދައުލަތުން ފާހަގަކުރުމާ ގުޅިގެން އަމީތު ވިދާޅުވީ އޭނާ އަކީ ޕީޕީއެމް މެމްބަރެއް ނޫން ކަން މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ. އެކަމަކު، ޕީޕީއެމުން އުނިކޮށް ދިނުމަށް އެދި 10 ޖުލައިގައި (ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން) އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީއަށް ސިޓީ ފޮނުވާފައިވާނެ ކަން އަމީތުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
ޕާޓީތަކުގެ ޓިކެޓްގައި މަޖިލީހަށް ހޮވޭ މެމްބަރުން އެ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ ހުކުމާއެކު މާޒީގައި ހިނގާ ކަންކަމަށް އަމަލު ނުކުރާނެ ކަމަށް އެ ކޯޓުން އެންމެ ފަހުން ނެރުނު އަމުރުގައި ވަނީ ބުނެފަ އެވެ.
އަމީތުގެ ވަކީލު އިބްރާހިމް ރިއްފަތު ވިދާޅުވީ އަމީތު ޕީޕީއެމުން ވަކިކުރިކަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން މިދިޔަ މާޗް 29 ގައި ނިންމާފައިވާތީ އޮޓެމެޓިކުން އަމީތު ޕާޓީން ވަކިވާނެ ކަމަށެވެ. އޭގެ ފަހުން، އެއްވެސް ބަޔަކު އެ މައްސަލަ އިސްތިއުނާފްކޮށްފައި ނުވާކަން ރިއްފަތު ފާހަގަކުރެއްވި އެވެ. އަދި މެމްބަރަކަށް ވުމަށް ކުރަން ޖެހޭ އެއްވެސް ކަމެއް އަމީތު ކުރައްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެހެން ޝަރީއަތްތަކެކޭ އެއްގޮތަށް ދައުލަތުން މި މަޖިލީހުގައި ވެސް ބުނެފައިވަނީ އަމީތު ޕާޓީން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 18 ގައި ކަމަށެވެ. އެކަމާ ގުޅިގެން ރިއްފަތު ވިދާޅުވީ އެ ތާރީހުގައި އަމީތު ޕާޓީން ވަކިކުރި ކަމަށް ދައުލަތުން ބުނުމަކީ ބާތިލް ވާހަކައެއް ކަމަށެވެ. އަދި މެމްބަރަކު ޕާޓީން ވަކި ކުރުމުގެ ކުރިން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ރިއްފަތު ވިދާޅުވި ގޮތުގައި އަމީތުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމުން ނިންމީ މަކަރުވެރި، ނުބައި ނިޔަތަކާއެކުގައި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނިންމުމަކީ މިނިވަންކަމާއެކު ތައައްސުބުން އެއްކިބާގެން ތިބެ ކުރި ކަމެއް ކަމަށް ވިދާޅުވެ، ރިއްފަތު ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެ ކޮމިޝަނުން އަމަލުކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ނޫން ކަމަށާއި އެ ކޮމިޝަނުން އިންސާފުން ކަންކަން ކުރި ކަން ކަށަވަރުކޮށްދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމުން ހުށަހެޅީމަ [ހުކުމްގެ ކުރިން] ޖެހިގެން އައި ދުވަހު އިލެކްޝަންސް ކޮމިޝަނުން އަމީތު ޕީޕީއެމުން ވަކި ކުރުމަކީ ނާޖައިޒު ގޮތުގައި ކުރި ކަމެއް. އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން،" ގާތްގަނޑަކަށް 45 މިނެޓެއްހާއިރު ވަންދެން އަމީތުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ރިއްފަތު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށާއި އަމުރަށް ރިއާޔަތް ކުރައްވައި ރިއްފަތު ވިދާޅުވި ގޮތުގައި އެއީ މާޒީ އަށް ރުޖޫއަވާ ގޮތަށް ބާރު ލިބިދޭ ހުކުމެއް ނޫނެވެ. އަދި ހުކުމުގެ ފަހުން އަމީތު ޕާޓީން ވަކިވި ކަމަށް ބުނުމަކީ "އިންސާނީ ބުއްދި ގަބޫލު ކުރާ" ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހުކުމުގެ މަގްސަދާ ހިލާފަށް އަމަލު ކުރުމަށް ގާނޫނުއަސަސާސީ އާއި ގާނޫނުތައް ތަން ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މި މައްސަލާގައި ފާހަގަކުރި ގޮތުގައި އަމީތުގެ ގޮނޑި ގެއްލުނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ކުރި ސޮއި އަނބުރާ ނެގުމަށް އެ ހުކުމުގެ ފަހުން އަމީތަށް ޕީޕީއެމުން އެންގުމުން އެ އެންގުމަށް ތަބާނުވި މައްސަލާގަ އެވެ. އޭޖީގެ ވަކީލުން ގޮތުގައި ޕާޓީއަކުން މީހަކު ވަކިވި ކަމަށް ބެލެވޭނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެ ޕާޓީއެއްގެ ދަފްތަރުން އެ މީހެއްގެ ނަން އުނިކުރާ ހިސާބުންނެވެ.
ޕާޓީއަކުން ވަކިކޮށްދޭން އެދި ފުރަތަމަ އެދެން ޖެހޭނީ އެ ޕާޓީއެއްގައި ކަމަށާއި ކޮމިޝަނުން އެކަން ކޮށްދޭނީ 14 ދުވަސް ތެރޭގައި ޕާޓީން އެކަން ކޮށް ނުދީފި ނަމަ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލުން ބުންޏެވެ. ކޮމިޝަނުން އަމިއްލަ އަށް ޕާޓީއަކުން މެމްބަރަކު ވަކިކޮށްދޭނީ އެކަންކަން ކަށަވަރު ކުރުމަށް ފަހު ކަމަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލުން ބުންޏެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލުން ވަނީ އަމީތު މިދިޔަ މަހުގެ 18 އާ ހަމައަށް ހުންނެވީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ކަން ފާހަގަކޮށް، އޭގެ ކުރިން ވެސް އެ ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތުން މަޖިލީހުގައި ތަމްސީލް ކުރައްވައި، ވާހަކަ ދެއްކެވި ކަމަށް ބުނެ، ކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅައިފަ އެވެ.
އެކަމާ ގުޅިގެން އަމީތު ވިދާޅުވީ މަޖިލީހުގައި ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ތަމްސީލް ކުރެއްވި ކަމަށް ބުނާއިރު، ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު ވާހަކަތައް ދެ ފަރާތުން ދައްކަން ބޭނުންވާ ނަމަ އިތުރު އަޑުއެހުމެއް ބާއްްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.