ސައުދާއި އަމީތު ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މާދަމާ ފަށަނީ
ސައުދާއި އަމީތު ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު ބަންދުގައި ބަހައްޓަން ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ސައުދާއި އަމީތު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ އެ ދެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުންނާ އެކު މަޖިލީހަށް ވަދެ ވަޑައިގަތް މައްސަލައިގަ އެވެ.

އެ ދެ ބޭފުޅުން ބަންދުގައި ބަހައްޓަން ކުރި އަމުރު އިސްތިއުނާފް ކުރަން އެ ދެ ބޭފުޅުންގެ ފަރާތުން ހުށަހެޅި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ބާއްވަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު ވަކިވަކިންނެވެ.

ސައުދާއި އަމީތުގެ އިތުރުން އެ މައްސަލާގައި ހައްޔަރުކޮށް، ބަންދުގައި ހުންނެވި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ބަންދުގައި ބަހައްޓަން ނެރުނު އަމުރު ވެސް އޭނާގެ ފަރާތުން ވަނީ އިސްތިއުނާފްކޮށްފަ އެވެ.

އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް ނުފެށި އޮއްވާ އެ އަމުރުގެ މުއްދަތު މިއަދަށް ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިހާރު ވަނީ ކްރިމިނަލް ކޯޓަށް ގެންގޮސްފަ އެވެ.

އެ ތިން ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ މިހާރު ދަނީ ސުޕްރީމް ކޯޓުގައި ހިނގަމުންނެވެ.