ފާރިސްގެ ޝަރީއަތަށް ނަސްރީނާ ފުރަތަމަ ފަހަރަށް ވަޑައިގެންފި
ފާރިސްގެ ޝަރީއަތަށް ނަސްރީނާ ފުރަތަމަ ފަހަރަށް ވަޑައިގެންފި

ބަންދުގައި ހުންނެވި ރައްްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތަށް އޭނާގެ މަންމާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ފުރަތަމަ ފަހަރަށް މިއަދު ހައި ކޯޓަށް ވަޑައިގެންފި އެވެ.

ނަސްރީނާ ވަޑައިގަތީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުމަށެވެ. މިއަދު ވަނީ އެ އަޑުއެހުންތައް ނިންމާލައިފަ އެވެ.

ބަންދު އަމުރުތަކާއި ހައްޔަރުކުރުމުގެ އަމުރުތަކުގެ އިސްތިއުނާފް އަޑުއެހުންތަކަކީ އާންމު އުސޫލުން ސިއްރު އަޑުއެހުންތަކެއް ކަމަށް ވިޔަސް އާއިލާ މީހުންނަށް އެފަދަ އަޑުއެހުންތަކަށް ވަނުމުގެ ފުރުސަތު ހައި ކޯޓުން ދެ އެވެ. އެހެންވެ، މިއަދުގެ އަޑުއެހުމަށް ވަދެވަޑައިގަތުމުގެ ފުރުސަތު ނަސްރީނާ އަށް ވެސް ހައި ކޯޓުން ދިނެވެ.

ނަސްރީނާގެ އިތުރުން ދޮށީ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް މިއަދުގެ އަޑުއެހުމަށް ވަޑައިގަތެވެ.

އަޑުއެހުން ނިންމާލުމަށް ފަހު ކޯޓު ރޫމުން ނިކުމެވަޑައިގަތުމުގެ ކުރިން ނަސްރީނާ ވަނީ ފާރިސްގެ ގައިގައި ބައްދާލައްވައި، ދޮނެއް ދެއްވައިފަ އެވެ.

އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައަި 2008 ގައި މައުމޫން ބަލިވެވަޑައިގެން ފަހުން ނަސްރީނާ ދޭތެރެ ދޭތެރެއިން އޭރު އޮތް ޑީއާރުޕީ އަދި ޕީޕީއެމްގެ ބޮޑެތި ބައެއް ޖަލްސާތަކުގައި ނަސްރީނާ ބައިވެރިވެޑައިގަނެ އެވެ. އާންމު ތަނަކުން އެންމެ ފަހުން އެކަމަނާ ފެނުނީ މައުމޫންގެ އުފަން ދުވަސް ފާހަގަކުރަން މިދިޔަ އަހަރު ފަހުކޮޅު ބޭއްވި ހަފުލާއެއްގަ އެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލާގައި ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ފަނޑިޔާރުންގެ ބެެންޗުން އިއުލާން ކުރެއްވި އެވެ.

ފާރިސް މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތަކަށް މައުމޫން ވަޑައިގަތެވެ. އެއީ މައުމޫން ވެސް އެފަދަ ޝަރީއަތުގެ އަޑުއެހުމަކަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.