10 އޯގަސްޓް 2017 - 06:58

އެމެރިކާގެ ކެލިފޯނިއާގައި ގެޔަކުން ވައްކަން ކުރަން ވަން މީހަކު، އެ ގޭގެ ފާޚާނާޔަކަށް ވަދެ ބޮޑުކަމު ގޮސް ފްލަޝްނުކޮށް ހުރުމުން އެއިން ޑީއެންއޭ ސާމްޕަލް ލިބި ފަޅާއަރައިފި އެވެ.
"ވައްކަން ކުރަން ވަދެގެން އުޅުމުގެ ތެރޭ ފާޚާނާކުރަން ޖެހިގެން އޭނާ ވަނީ އެކަން ކޮށްފައި. އެކަމަކު ފާހާނާ ފްލަޝްކޮށްލަން އޭނާ ހަނދާން ނެތުނީ،" ޑިޓެކްޓިވް ޓިމް ލޯމަންއާ ހަވާލާދީ އޭޕީ އިން ބުންޏެވެ.
އޭނާ ވިދާޅުވީ ފާހާނާއިން ލިބުނު ޑީއެންއޭ، ފުލުހުންގެ ޑޭޓާބޭސްގައި ރައްކާކޮށްފައިވާ ޑީއެންއޭ ސާމްޕަލްއަކާ ދިމާވި ކަމަށެވެ. އޮކްޓޫބަރު މަހު މި ވައްކަން ކުރީ އެންޑްރޫ ޑޭވިޑް ކިޔާ މީހެކެވެ. ހޭވުނު ހަޑިއަކުން މި މީހާ ފަޅާއަރައި ޖުލައި މަހު ވަނީ ހައްޔަރުކޮށްފަ އެވެ.
އޭނާ ކަފާލާތަކަށް ފަނޑިޔާރު ކަނޑައަޅުއްވާފައި ވަނީ 180،000 ޑޮލަރެވެ.
ލޯމަން ވިދާޅުވީ މިއީ ވައްކަމުގެ މައްސަލައެއްގައި، ބޮޑުކަމުދާ ނަޖިހުން ހެކި ލިބި މީހާ ހައްޔަރުކުރި ފުރަތަމަ ފަހަރު ކަމަށެވެ.
"ޑީއެންއޭގެ ވާހަކަ ދައްކާއިރު އަބަދުވެސް ހީކުރެވިފައި އޮންނަނީ އިސްތަށި ނުވަތަ ކުޅު ކަހަލަ އެއްޗަކުން ސާމްޕަލް ލިބޭ ކަމަށް،" ލޯމަން ވިދާޅުވި އެވެ.