އީރާނުގެ ބޯޑަރު ކައިރީ ތުރުކީން ފާރެއް ރާނަނީ
އީރާނުގެ ބޯޑަރު ކައިރީ ތުރުކީން ފާރެއް ރާނަނީ

އިސްތަންބޫލް (އޮގަސްޓް 9) - އީރާނުގެ ސަރަހައްދީ ރޮނގު ކައިރީ ސަލާމަތީ ފާރެއް ރޭނުމުގެ މަސައްކަތް ތުރުކީން ފަށައިފި އެވެ.

އީރާނުގެ ބޯޑަރު ކައިރީ ތުރުކީން ފާރެއް ރާނަނީ
އީރާނުގެ ބޯޑަރު ކައިރީ ތުރުކީން ފާރެއް ރާނަނީ

ތުރުކީގެ އޮފިޝަލުން ބުނީ މިއީ ވަކިވެގަތުމަށް މަސައްކަތް ކުރާ ކުރުދީން ހުއްޓުވަން ކުރާ ކަމެއް ކަމަށެވެ.

ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އީރާނުގެ ބޯޑަރު ކައިރީ 144 ކިލޯ މީޓަރު (80 މޭލު) ގެ ދިގު ފާރެއް ރާނާނެކަން މެއި މަހު އިއުލާންކޮށްފަ އެވެ. ބޭނުމަކީ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) ގެ މެންބަރުން ހުއްޓުވުން ކަމަށް ވެސް ބުނެފައިވެ އެވެ. ތުރުކީ އާއި އީރާނުން 500 ކިލޯ މީޓަރުގެ ބޯޑަރެއް ހިއްސާ ކުރެ އެވެ.

ޕީކޭކޭ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ތުރުކީން ވަނީ ކަނޑައަޅައިފަ އެވެ. ޕީކޭކޭ އިން ވަނީ 1980 ގެ އަހަރުތަކުން ފެށިގެން ތުރުކީގައި ވަކިވެގަތުމުގެ ހަރަކާތްތަކެއް ފަށައިފަ އެވެ.

ސީރިއާއާވީ ފަޅިން ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ތުރުކީން ވަނީ މީގެ ދެ އަހަރު ކުރިން ފާރެއް ރޭނުމުގެ މަސައްކަތް ފަށައިފަ އެވެ. ތުރުކީން ބުނެފައި ވަނީ އެއީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ހުއްޓުވަން ރާނާ ފާރެއް ކަމަށެވެ. ތުރުކީ އާއި ސީރިއާ 828 ކިލޯ މީޓަރުގެ ދިގު ބޯޑަރެއް ހިއްސާ ކުރެ އެވެ. މީގެ ތެރޭން 690 ކިލޯ މީޓަރުގައި ފާރު ރާނާފައިވާ ކަމަށް ތުރުކީގެ ޑިފެންސް މިނިސްޓަރު ފިކްރީ އިސިކް ޖޫން މަހު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ފާރުގެ މަސައްކަތް ނިމުމުން ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.