ޖޫނިއާ ގައުމީ ޓީމު ގޮވައިގެން ޝާޒް ދެ މުބާރާތަކަށް
ޖޫނިއާ ގައުމީ ޓީމު ގޮވައިގެން ޝާޒް ދެ މުބާރާތަކަށް

މުހައްމަދު ޝާޒްލީގެ އިރުޝާދުގެ ދަށުން 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ސާފް ޗެމްޕިއަންޝިޕާއި އޭއެފްސީ އަންޑަ 16 ކޮލިފިކޭޝަނަށް ތައްޔާރުވަމުން އެބަދެ އެވެ.

މީގެ މަހެއްހާ ދުވަސްކުރިން ގައުމީ ޓީމުގެ ޕްރެކްޓިސް ފަށާފައިވާއިރު އެންމެ ފުރަތަމަ ވާދަކުރާނީ ނޭޕާލުގައި މި މަހުގެ 18-27 އަށް ބާއްވާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގަ އެވެ. ރާއްޖެ ހިމެނެނީ ނޭޕާލާއި އިންޑިއާއާ އެކު ގްރޫޕް ބީ ގަ އެވެ. އަނެއް ގްރޫޕުގައި އޮތީ ބަންގްލަދޭޝާއި ބޫޓާނާއި ސްރީ ލަންކާ އެވެ.

މުބާރާތުގެ ކުރިން ޓްރެއިން ކޭމްޕެއްގައި ޓީމު މާދަމާ ސްރީ ލަންކާ އަށް ފުރާނެ އެވެ. ލަންކާގައި އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރެއިން އެއް މެޗު ކުޅޭނީ މުބާރާތުގައި ވާދަކުރާ ލަންކާ ގައުމީ ޓީމާ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ފަހު ޖޫނިއާ ގައުމީ ޓީމު ދެން ވާދަކުރާނީ ސެޕްޓެމްބަރު 16 އިން 29 އަށް އޮންނަ އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގަ އެވެ. ރާއްޖެ ހިމެނެނީ އޮމާނާއި ތަޖިކިސްތާނާއި ސީރިއާ އާއި ތުރުކުމެނިސްތާނާ އެކު ގްރޫޕް ބީ ގަ އެވެ. ހުރިހާ މެޗެއް ވެސް ކުރިއަށްދާނީ ތަޖިކިސްތާނުގެ ޑުޝާންބޭގަ އެވެ.

ޓީމުގެ ކޯޗު ޝާޒްލީ ބުނީ ޓީމާ ދޭތެރެ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށެވެ، ފުރަތަމަ ޑިވިޝަން ޓީމުތަކުގެ ޔޫތު ޓީމުތަކާ އެކު ކޮންމެވެސް ވަރަކަށް ފަރިތަކޮށްފައިވާ ކުޅުންތެރިން ތިބި ނަމަވެސް ގިނައީ ސީދާ ސްކޫލް މުބާރާތްތަކުން ފާހަގަވި ކުޅުންތެރިންނެވެ.

"ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި. މި މުބާރާތްތަކުން އެ ކުޅުންތެރިން ވަރަށް ރަނގަޅު ތަޖުރިބާތަކެއް ލިބި ހުނަރު ތަރައްގީކުރަން އެހީއަކަށް ވާނެ،" ކުރިން ބީޖީ އާއި ވިކްޓަރީ އަށް ކޯޗުކޮށްދީފައިވާ ޝާޒް ބުންޏެވެ.

ޝާޒްލީ ބުނީ ކުރިން ޓާގެޓްކޮށްފައި އޮތީ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ދިއުމަށް ކަމަށާއި އެކަމަކު އިންޑިއާ އާއި ނޭޕާލާ އެއް ގްރޫޕެއް ލައްވާލުމުން މިހާރު ޓާގެޓްކުރަނީ މަދުވެގެން ޕޮއިންޓެއް ހޯދަން ކަމަށެވެ.

ބަންގްލަދޭޝްގައި 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ފުރަތަމަ މެޗުން ނޭޕާލް އަތުން 5-0 އިން ބަލިވިއިރު ދެ ވަނަ މެޗުން އަފްގާނިސްތާން އަތުން 4-2 އިން ބަލިވީ އެވެ. އޭގެ ކުރިން 2013 ގައި ބައިވެރިނުވާއިރު 2011 ވަނަ އަހަރު ބޭއްވި މުބާރާތުން ވެސް ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އެ ފަހަރު ފުރަތަމަ މެޗުން ޕާކިސްތާން އަތުން 6-0 އިން ބަލިވިއިރު ދެ ވަނަ މެޗުން އިންޑިއާ އަތުން ބަލިވީ 5-0 އިންނެވެ.