09 އޯގަސްޓް 2017 - 11:59

މެޑްރިޑް (އޮގަސްޓް 9) – ގެރެތު ބޭލް ވިއްކާލުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.
ރެއާލް މެޑްރިޑުން މޮނާކޯގެ ފޯވާޑް ކީލިއަން އެމްބާޕޭ 180 މިލިއަން ޔޫރޯ އަށް ގަންނަން މަސައްކަތްކުރާ ކަމަށް އަޑުފެތުރިފައިވާއިރު ބެލެވޭ ގޮތުގައި އެ ކްލަބުން މިވަރުގެ ހޭދައެއްކުރާނީ ކުޅުންތެރިއަކު ވިއްކައިގެން ބޮޑު ފައިދާއެއް ހޯދުމަށް ފަހު އެވެ. މެޑްރިޑުން 2013 ވަނަ އަހަރު 100 މިލިއަން ޔޫރޯ އަށް ގަތް ބޭލް އަށް އަނިޔާގެ ސަބަބުން މެޑްރިޑަށް އެންމެ ރަނގަޅު ހިދުމަތެއް ނުދެވެ އެވެ.
ޔުއެފާ ސުޕަ ކަޕުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ބޭލް ނޭރުވި ނަމަ އޭނާ ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބުނެފަ އެވެ. އެކަމަކު ބޭލް ވަނީ ރޭގެ މެޗުގައި ކުޅެ އިސްކޯ އަށް ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.
"ބޭލް؟ އަހަރެން ޕްލޭނެއް ނުކުރަން އޭނާ ވިއްކާލަން. އޭނާ އަކީ މެޑްރިޑުގެ ކުޅުންތެރިއެއް އޭނާ އަކީ އަހަރެމެންނަށް މުހިއްމު ކުޅުންތެރިއެއް. އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިއާ،" ޕެރޭޒް ވިދާޅުވި އެވެ.
ޕެރޭޒް ވިދާޅުވީ މެޑްރިޑުގައި މިހާރު ވެސް މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި އާ ކުޅުންތެރިއަކު އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ފަހު އަހަންނާއި ޒިދާން (ކޯޗު) ގެ ވިސްނުމަކަށްވީ ޓީމު އޮތްގޮތަށް ބޭއްވުން،" ޕެރޭޒް ވިދާޅުވި އެވެ.