09 އޯގަސްޓް 2017 - 12:15

މަންމަ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުގެ ކަންކަން ހަމަޖެހެންދެން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގަތުމުން ވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން އެކަމާ އަޅައެއް ނުލި ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ސައުދު މިހެން ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، އެކަން ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް އޭނާ ހުށަހެޅުއްވި މައްސަލާގަައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.
ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ 24 ގައި މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި އޭނާ ވަނީ ދޫނިދޫގައި ބަންދުކޮށްފަ އެވެ. އަދި މަންމަ އަވަހާރަވީ، ސައުދު ބަންދުކޮށްފައި ހުއްޓާ މިދިޔަ އާދީއްތަ ދުވަހު އެވެ.
ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، އޭނާ ބަންދުކުރީ މަންމަ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ގެންދިއުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް ކަމަށެވެ. އެހެންވެ މަންމަ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ގެންދެވެންދެން، އެންމެ ކުޑަމިނުން ސައުދު ގޭބަންދުގައި ބަހައްޓައި ދިނުމަށް އެދިވަޑައިގަތުމުން ވެސް އެއްވެސް އިދާރާއަކުން އަޅައެއް ނުލި ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދުގެ މަންމަ ބޭރަށް ގެންދަން އުޅުނީ ލިވަޓްރާންސްޕްލާންޓް ހެދުމަށެވެ. އެކަމަކު އޭގެ ކުރިން ހާލު ސީރިއަސްވެ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް އަވަހާރަވީ އެވެ.
ސައުދުގެ އާއިލާ އިން ބުނެފައި ވަނީ މަންމަ ބޭސްފަރުވާ އަށް ނުފުރި ލަސްވީ ސައުދު ހައްޔަރު ކުރުމުން ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ސައުދު ވިދާޅުވި ގޮތުގައި ދޫނިދޫގައި އޭނާ ބަހައްްޓާފައި ވަނީ އިންސާނުންނަށް ކަމުދާ ތަނެއްގައެއް ނޫނެވެ. އެގޮތުން މުޅި ގޮޅީގައި އޮންނަނީ ފާޚާނާގެ ނަޖިސް ކަމަށާއި ތިން ދުވަސް ވަންދެން ބޯން ބޭނުން ކުރެއްވީ ވެސް ފާޚާނާގެ ފެން ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދު ފާހަގަކުރެއްވި ގޮތުގައި ޕީޕީއެމުން އޭނާ ވަކިކުރީ ގައުމީ މަސްލަހަތަށް މަސައްކަތް ކުރެއްވުމުންނެވެ. އަދި މަޖިލިހުގެ ގޮނޑި އަށް އިންތިޚާބުވީ ޕީޕީއެމްގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފިކުރަށް ތާއީދު ކުރެއްވުމުން ކަމަށާއި އެކަން މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން ވެސް ސާފުވާނެ ކަމަށެވެ. ޚާއްސަކޮށް ވިލިނގިލި ދާއިރާގެ ހުރިހާ ގޮނޑިއެއް އެ އިންތިޚާބުގައި ކާމިޔާބުކުރީ މައުމޫންގެ ފިކުރުގެ ބޭފުޅުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.