27 ޖޫން 2016 - 12:45

އަލިމަގު ޕްރޮޖެކްޓްގެ ދަށުން ހިންގާ "ގުރުއާން ޗެލެންޖް" ގެ މި އަހަރުގެ މުބާރާތް ބޭއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހުއްދަ ލިބި، ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ހިލޭ ބައިވެރިވެވޭ މި މުބާރާތް ކުރިއަށް ދާނީ ދެ އުމުރު ފުރައަކަށް ބަހާލައިގެނެވެ. އެއީ އަށް އަހަރުން ދަށް އަދި 10 އަހަރުން ދަށުގެ އުމުރުފުރަ އެވެ. މި މުބާރާތުގައި ބައިވެރިވުމަށް އަންނަ މަހު 20 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.
މި މުބާރާތަކީ އޮންލައިންކޮށް ހިންގާ މުބާރާތެކެވެ. އެގޮތުން، ކޮންމެ ރަށެއްގައި ތިބެގެން ވެސް ބައިވެރިވެވޭ މި ޕްރޮގްރާމަކީ މިގޮތަށް ބާއްވާ ފުރަތަމަ ޕްރޮގްރާމެވެ.
މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން އަށް އަހަރުން ދަށުގެ އުމުރުފުރައިގެ ދަރިވަރުން ދަސްކުރަން ޖެހެނީ އާާޔަތުގެ ދިވެހި އަދި އިނގިރޭސި ތަރުޖަމާ އާއި ސޫރަތުލް ފާތިޙާ އަދި މުބާރާތް ހިންގާ ފަރާތުން ކަނޑައަޅާފައިވާ ކުރު ހަ އާޔަތެކެވެ.
އަލިމަގު ޕްރޮޖެކްޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދަރިވަރުން ދަސްކުރަން ޖެހޭ ކުރު ހަ އާޔަތުގައިވާ ވަކި ލަފްޒުތަކުގެ އިނގިރޭސި މާނަ ވެސް ދަސްކުރަން ޖެހޭނެ އެވެ. އަދި މި ހަ އާޔަތުގެ ތެރޭގައި މައިންބަފައިންނަށް ކަމޭހިތުމާ ގުޅޭ ދެ އާޔަތާއި ނަމާދާ ގުޅޭ ދެ އާޔަތް އަދި ދުއާ ހިމެނޭ ދެ އާޔަތް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މި މުބާރާތުގައި ބައިވެރިވާ 10 އަހަރުން ދަށުގެ ދަރިވަރުން ދަސްކުރަން ޖެހެނީ އަށް އަހަރުން ދަށުގެ އުމުރުފުރައިގެ ދަރިވަރުން ދަސްކުރަން ޖެހޭ ބައިގެ އިތުރުން ތިން އާޔަތެކެވެ.
މި އުމުރުފުރަޔަށް އިތުރު ކޮށްފައިވާ ތިން އާޔަތަކީ މައިންބަފައިންނަށް ކަމޭހިތުމާ ގުޅޭ އާޔަތަކާއި ނަމާދާ ގުޅޭ އާޔަތަކާއި ދުއާ ހިމެނޭ އާޔަތެކެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ދަރިވަރުން ދަސްކުރަން ޖެހޭ ބައިތައް އަލިމަގު ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެ އެވެ.
މިއަހަރުގެ މި މުބާރާތުގެ ފައިނަލް ގައި ބައިވެރިވެވޭނީ ދަސްކުރަން ޖެހޭ ބައިތައް ދަސްކޮށް، އެސެސްމަންޓް ފޯމް ފުރިހަމަ ކޮށް. ހުށަހަޅަން ޖެހޭ ސުންގަޑީގެ ކުރިން ހުށަހަޅާ ދަރިވަރުންނަށެވެ.
އެސެސްމަންޓް ފޯމުގައި ބެލެނިވެރިޔާގެ އިތުރުން ޓީޗަރު ފުރުމަށް ކަނޑައަޅަފައިވާ ބައި، ދީނީ އިލްމުވެރިއެއް ނުވަތަ ގުރުއާން ނުވަތަ އިސްލާމް މުދައްރިސެއް ނުވަތަ ސްކޫލްގެ ދިވެހި ސުޕަވައިޒަރެއް ލައްވައި ފުރިހަމަ ކުރުމަށް ފަހު[email protected]އަށް އީމެއިލް ނުވަތަ 9998620 އަށް ވައިބާ ކޮށްގެން ހުށަހެޅޭނެ އެވެ.
ބައިވެރިވާން ހުށަހަޅާ ދަރިވަރުންނަށް ގުޅައި، ދަސްވެފައިވާ މިންވަރު ބެލުމަށް ސުވާލު ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެގޮތުން، އެ ދަރިވަރުންގެ ތެރެއިން ލަކީ ޑްރޯ އަކުން ހޮވާ 20 ދަރިވަރުންނަށް، ކޮންމެ ދަރިވަރަކަށް 3،000ރ. ގެ މަގުން ފައިސާގެ އިނާމެއް ދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.