މައްކާގައި ހިނގި އަލިފާނުގެ ހާދިސާގައި އިންޑިއާގެ 390 ހައްޖާޖީން ހޮޓަލުން ނެރެފި
މައްކާގައި ހިނގި އަލިފާނުގެ ހާދިސާގައި އިންޑިއާގެ 390 ހައްޖާޖީން ހޮޓަލުން ނެރެފި

މައްކާ (އޮގަސްޓް 9) - މައްކާގެ އަލް އަޒީޒިއްޔާ ސަރަހައްދުގެ ހޮޓަލެއްގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އިންޑިއާގެ 390 ހައްޖާޖީން ހޮޓަލުން ނެރެ ރައްކާތެރިކަމުގެ ހިސާބަކަށް ބަދަލުކޮށްފި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ކޮޓަރީގައި އަލިފާން ރޯވަން ދިމާވީ މޯބައިލް ފޯނެއްގެ ޗާރެއް ޝޯޓް ސާކިޓްވެގެން ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

މައްކާގެ ސިވިލް ޑިފެންސްގެ ތަރުޖަމާން ކެޕްޓަން ނާއިފް އަލް ޝާރިފް ވިދާޅުވީ އަލިފާން ރޯވީ އިމާރާތުގެ ހަތް ވަނަ ބުރީގައި ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮޓަލުން މީހުން ހުސްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ. ސިވިލް ޑިފެންސް އިން ވަނީ މާގިނައިރު ނުވަނީސް އަލިފާން ނިއްވާލައިފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގައި ގިނައިން ތިބެނީ އިންޑިއާގެ އިރު އުތުރުގެ އާސާމް ސްޓޭޓްގެ ހައްޖާޖީންނެވެ. އިންޑިއާގެ ހައްޖު ކޮންސުލް ޝާހިދު އާލަމް ވިދާޅުވީ އެއީ އެހާ ބޮޑު ހާދިސާއެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އިންޑިއާގެ އެއްވެސް ހައްޖާޖީއަކަށް އަސަރު ކޮށްފައި ނުވާ ކަމަށެވެ.

މީގެ ކުރިން ވެސް ވަނީ މައްކާގެ ހޮޓާތަކުގައި އަލިފާނުގެ ހާދިސާތައް ހިނގައިފަ އެވެ. ގިނަ ހާދިސާތައް ހިނގަން މެދުވެރިވެފައި ވަނީ ކޮޓަރިތެރޭގައި ކައްކަން އުޅުމުންނެވެ. އެހެންވެ މައްކާގެ ހޮޓާތަކުގެ ކޮޓަރީގައި ކެއްކުން ވަނީ މަނާކޮށްފަ އެވެ.