27 ޖޫން 2016 - 10:49

ލިޔޯން، ފްރާންސް (ޖޫން 27) - ޖަރުމަނަކީ މި ފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޭވަރިޓެއް ނޫން ކަމަށާއި މުބާރާތް ކާމިޔާބު ކުރަން ބޭނުންވާނަމަ ކުޅުން އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށް ޖަރުމަނުގެ ކޯޗު ޔަކިމް ލޯ ބުނެފި އެވެ.
ދެ ވަނަ ބުރުގައި ރޭ ސްލޮވާކިއާ އަތުން 3-0 އިން މޮޅުވެ ޖަރުމަން ވަނީ ކުއާޓާގެ ޖާގައެއް ހޯދައިފަ އެވެ. އެއާ އެކު ޖަރުމަން ވެފައިވަނީ ޔޫރޯ ތާރީހުގައި ވެސް ބައިކޮޅަށް ލަނޑެއް ނުވަދެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަށެވެ.
ޖަރުމަނުގެ ކޯޗު ލޯ ބުނީ ސްލޮވާކިއާ އަތުން ފަސޭހަ މޮޅެއް ލިބުނު ނަމަވެސް ދެން އޮތް މެޗުތައް އުނދަގޫވާނެ ކަމަށެވެ.
"ސްލޮވާކިއާ އަށް އިހުތިރާމްކުރަން. އެކަަމަކު މި މެޗުން ފަސޭހައިން މޮޅުވެވުމުން އަހަރެމެންނަކީ މުބާރާތުގެ ފޭވަރިޓުންނަކަށް ނުވޭ. އެއީ ކުޅުމަށް ބަލާއިރު އަދިވެސް އެބަހުރި މައްސަަލަތަކެއް. މުބާރާތް ކާމިޔާބު ކުރަން ބޭނުން ނަަމަ އަދިވެސް ރަނގަޅު ކުރަން ޖެހޭ،" 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ހޯދައިިދިން ލޯ ބުންޏެވެ.
ސްލޮވާކިއާ ކޮޅަށް ޖަރުމަނުގެ ލަނޑުތައް ކާމިޔާބުކުރީ ޖެރޯމް ބޯޓެން އާއި މާރިއޯ ގޯމޭޒް އަދި ޖޫލިއަން ޑްރެކްސްލާ އެވެ. މި މެޗުގައި ބޯޓެން ޖެހި ލަނޑަކީ ގައުމީ ޓީމަށް އޭނާ ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
ކުއާޓާ ފައިނަލުގައި ޖަރުމަނު ކުޅޭނީ މިރޭ ސްޕެއިން އާއި އިޓަލީ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ. ޖަރުމަނު 2008 ޔޫރޯ ފައިނަލުގައި ބަލިވީ ސްޕެއިން އަތުންނެވެ. އަދި 2012 ވަނަ އަހަރު އެ ޓީމު ކެޓީ ސެމީ ފައިނަލުގައި އިޓަލީ އަތުން ބަލިވެގެންނެވެ.