އެމެރިކާގެ ސަރަހައްދަކަށް މިސައިލް ހަމަލާދޭން ނޯތު ކޮރެއާ އިން ވިސްނަނީ
އެމެރިކާގެ ސަރަހައްދަކަށް މިސައިލް ހަމަލާދޭން ނޯތު ކޮރެއާ އިން ވިސްނަނީ

ޕިއޮންޔޮން (އޮގަސްޓް 9) - ޕެސިފިކުގައިވާ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމަށް މިސައިލް ހަމަލާދޭން ވިސްނަމުންދާ ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.

ނޯތު ކޮރެއާގެ އަސްކަރިއްޔާ އިން މި އިންޒާރު ދީފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބިރު ދެއްކުމުގެ އިންޒާރެއް ނޯތު ކޮރެއާ އަށް ދީފައި ވަނިކޮށެވެ. ޓްރަމްޕް ވަނީ އެމެރިކާ އަށް ބިރު ދެއްކުން ހުއްޓާލުމަށް ނޯތު ކޮރެއާ އަށް އަންގައިފަ އެވެ. އެހެން ނޫނީ އަލިފާނާއި އަލިފާން ބައްދަލުވާނެ ކަމަށް ވަނީ އިންޒާރު ދެއްވައިފަ އެވެ.

ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނީ އެމެރިކާގެ ބޮން އަޅާ ބޯޓުތައް ގާއިމްކޮށްފައިވާ ގުއާމަށް މެދު ރާސްތާ ނޫނީ ދިގު ރާސްތާ ރޮކެޓް ހަމަލާއެއް ދިނުމަށް އޮޕަރޭޝަނަލް ޕްލޭނެއް ހަދަމުންދާ ކަމަށެވެ.

ނޯތު ކޮރެއާ އިން ވަނީ ނިއުކްލިއާ ފަސް މިސައިލެއް ޓެސްޓްކޮށްފަ އެވެ. އަދި މިދިޔަ ޖުލައި މަހު ވަނީ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް ދެ މިސައިލް ޓެސްޓްކޮށްފަ އެވެ. އެ ގައުމުން ބުނެފައި ވަނީ މިއީ އެމެރިކާގެ ކޮންމެ ހިސާބަކަށް ވެސް ހަމަލާދެވޭ ވަރުގެ ގާބިލްކަން ލިބިފައިވާ މިސައިލެއް ކަމަށެވެ.

މި ޓެސްޓްތަކާ ގުޅިގެން އެމެރިކާ އިސްވެ ވަނީ ނޯތު ކޮރެއާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީސް މެދުވެރިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނޯތު ކޮރެއާ އިން ބުނެފައި ވަނީ އެ ފިޔަވަޅުތަކުގެ އަގު އެމެރިކާ އިން އަދާކުރަން ޖެހޭނެ ކަމަށެވެ.