އައިޝްވާރިޔާއާ ހެދި އަކްޝޭ އޮބެރޯއީ "ފެނީ ހާން" ދޫކޮށްލައިފި
އައިޝްވާރިޔާއާ ހެދި އަކްޝޭ އޮބެރޯއީ "ފެނީ ހާން" ދޫކޮށްލައިފި

އައިޝްވާރިޔާ ރާއީގެ ކުރިިއަށް އޮތް ފިލްމް "ފެނީ ހާން" ގައި އޭނާ ފެނިގެން ދާނީ ވަރަށް ޒުވާން އެކްޓަރަކާ އެކުގަ އެވެ. އަނިލް ކަޕޫރް ވެސް މުހިއްމު ރޯލެއް ކުޅޭ އެ ފިލްމަށް ޒުވާން ބަތަލަކު ހޯދަން މަސައްކަތް ކުރަމުން އަންނަ އިރު އެ ރޭހުގައި ރާޖްކުމާރް ރާއޯ އާއި އަކްޝޭ އޮބެރޯއީ ފަދަ އެކްޓަރުން ހިމެނެ އެވެ.

ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން "ފެނީ ހާން" އަކްޝޭ އަށް ހުށަހެޅުމުން އޭނާ ވަނީ އެ ފިލްމަށް ނޫނެކޭ ބުނެފަ އެވެ. ސަބަބަކީ އައިޝްވާރިއާގެ ލޯބިވެރިޔާގެ ރޯލް ފިލްމްގައި ކުޅެން ޖެހޭތީ އެވެ.

އެކަމަކު ސުވާލަކީ އެ ރޯލް އަކްޝޭ ދޫކޮށްލި މައިގަނޑު ސަބަބަކީ ކޮބައި ހެއްޔެވެ؟ ޖަވާބު ވަރަށް ވެސް ޝައުގުވެރި އެވެ. އައިޝްވާރިޔާއަކީ އަކްޝޭގެ ބޮޑުބޭބެއެއް ކަމަށްވާ އެކްޓަރު ވިވެކް އޮބެރޯއީގެ ކުރީގެ ލޯބިވެރިޔާ އެވެ.

ސަލްމާން ހާނާ ރައްޓެހިވެގެން އުޅެފައި ޖެހުނު މައްސަލަތަކާ ގުޅިގެން އޭނާއާ ވަކިވުމަށް ފަހު އައިޝްވާރިޔާ ރައްޓެހިވީ ވިކެވްކްއާ އެ އެވެ. ދެ މީހުން ވަރަށް ސީރިއަސްކޮށް ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުނެވެ. އަދި އޭރު އެކުގައި ފިލްމެއް ވެސް ކުޅުނެވެ. އެއީ އައިޝްވާރިޔާގެ މިހާރުގެ ބަފައިބެ އަމީތާބް ބައްޗަން ވެސް މުހިއްމު ރޯލެއް ކުޅެފައިވާ ކިޔު ހޯ ގަޔާނާ (2004) އެވެ.

އައިޝްވާރިޔާ އާއި ވިވެކްގެ ލޯބީގައި ސިއްކަ ޖެހުނީ ވެސް ސަލްމާންގެ ތުރާލާ ހެދި އެވެ. އެގޮތުން އޭނާ ވިވެކަށް ތަފާތު އިންޒާރުތައް ދެމުން ދިޔަ މައްސަލާގައި ވިވެކް ނޫސްވެރިންނަށް ދައުވަތު ދިނުމަށް ފަހު، ސަލްމާނާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ކިޔައި ދީފައިވެ އެވެ.

މި މައްސަލަ ފަހުން ވަރަށް ބޮޑަށް ހޫނުވެ، އައިޝްވާރިޔާ އާއި ވިވެކްގެ ގުޅުން ވެސް ނިމުމަކަށް އައީ އެވެ. އަދި އޭގެ ފަހުން ސަލްމާނާއި ވިކެވަކީ ބޮޑު ދެ ހަތުރުންނެވެ.

މިކަހަލަ މައްސަލަތަކެއް ޖެހިފައި ހުރުމާ އެކު ބޮޑުބޭބެ ވިވެކްގެ ކުރީގެ ލޯބިވެރިޔާއާ އެކުގައި މަސައްކަތް ކުރަން ބޭނުން ނުވުމުން އަކްޝޭ ފިލްމް ދޫކޮށްލީ އެވެ.

މި އަކްޝޭ، 32، "ފެނީ ހާން" ދޫކޮށްލި އިރު މީނާއަކީ މިހާތަނަށް ބޮލީވުޑްގައި މާ ވިދާ އެކްޓަރެއް ވެސް ނޫނެވެ. އޭނާ ސަޕޯޓިން ރޯލް ކުޅުނު ބައެއް ފިލްމްތަކުގެ ތެރޭގައި ޕީކޫ (2015) އަދި ފިތޫރް (2016) ހިމެނެ އެވެ.

އަކްޝޭގެ ކުރިއަށް އޮތް ފިލްމަކީ ސައިފް އަލީ ހާނާ އެކު ފެނިގެންދާ "ކާލަކާންޑީ" އެވެ.

އޭނާ "ފެނީ ހާން" އަށް އެއްބަސް ނުވުމުން އަނެއްކާ ވެސް އެހެން އެކްޓަރަކު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި ފިލްމަކީ "ބާގް މިލްކާ ބާގް" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ އޯމް ޕްރަކާޝް މެހެރާ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.