09 އޯގަސްޓް 2017 - 10:07

ބާސެލޯނާ (އޮގަސްޓް 9) - ބާސެލޯނާގެ ކުރީގެ ރައީސް ޔޮއާން ލަޕޯޓާ، އޭނާގެ ފަހުން އެ ކްލަބާ ހަވާލުވި ދެ ރައީސުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ލަޕޯޓާ އަކީ 2003 އިން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާގެ ރައީސެވެ. ލަޕޯޓާގެ ރައީސް ކަމުގައި ބާސެލޯނާ އިން ވަނީ ޔޫރަޕްގެ ފުޓްބޯޅައިގައި ރަސްކަން ކޮށްފަ އެވެ. އޭރު އެ ޓީމުގެ ކޯޗަކީ މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ.
ސްޕެއިނުގެ ސިޔާސީ މައިދާނުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ލަޕޯޓާ އަށް ފަހު ބާސެލޯނާގެ ރައީސްކަން ކޮށްފައިވަނީ ކުރިން ހުރި ސަންޑްރޯ ރޮސެލް އާއި މިހާރުގެ ރައީސް ޖޯސެފް ބާޓޮމެއު އެވެ.
ލަޕޯޓާ ބުނީ ބާސެލޯނާ އަށް މިހާރު ކުރިމަތިވަމުން އެ އަންނަ ކަންތައްތަކުގެ ޒިންމާ ނަގަންޖެހޭނީ ރޮސެލް އާއި ބާޓޮމެއު ކަމަށެވެ.
"މި ދެ ރައީސުން (ރޮސެލް އާއި ބާޓޮމެއު)ގެ މަގްސަދަކަށް ވެފައިވަނީ ފައިސާ. އެ ވިސްނުމުގައި އުޅެގެން އެމީހުން އެ ދަނީ ބާސެލޯނާ ހަލާކުކުރަމުން. އަހަރެން މަގާމުގައި ހުރިއިރު އޮންނާނީ އެންމެ ވަރުގަދަ ބާސެލޯނާ ޓީމު އެކުލަވާލާފައި. އެކަމަކު މިހާރު އޭގެ އަސަރު ކެޑެމުން އަންނަތަން މި ފެންނަނީ،" ލަޕޯޓާ ވިދާޅުވި އެވެ.
ލަޕޯޓާ އަށް ފަހު 2010 ވަނަ އަހަރު ޖުލައި މަހުން ފެށިގެން 2014 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ބާސެލޯނާގެ ރައީސްކަން ކުރި ރޮސެލް ވަނީ ލަޕޯޓާ އަށް ވަަރަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. ލަޕޯޓާ ބުނީ އެއީ އެއްވެސް އަސްލެއް އޮތް ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
"އަހަންނަށް ފަހު އައި ރައީސް (ރޮސެލް) އަހަރެންގެ މައްޗަށް ކުރި ތުހުމަތަކީ އަހަރެން އެއްވެސް އަސްލެއް ނެތް ގޮތަށް ކަމަށް ކަންތައް ކުރީ. އެގޮތަށް ބުނެފައި އޭނާ ޔުނިސެފް އަތުން ސްޕޮންސާ ނަގާފައި ގަތަރަށް ވިއްކާލީ އޭނާގެ އަމިއްލަ ފައިދާ އަށް. އެ ރައީސް (ރޮސެލް) އަކީ އަމިއްލަ ވިޔަފާރި ގަތަރުގައި އޮންނަ މީހެއް،" ބްރެޒިލް ގައުމީ ޓީމު މެޗުތަކެއްގެ ޓީވީ ރައިޓްސް ވިއްކުމުގެ މަނީ ލޯންޑަރިންގެ މައްސަލައެއްގައި މި އަހަރު ޖަލަށްލާފައިވާ ރޮސެލްއާ ބެހޭގޮތުން ލަޕޯޓާ ވިދާޅުވި އެވެ.
ލަޕޯޓާ ވިދާޅުވީ 2014 ވަނަ އަހަރު ރައީސް ކަމަށް އައި ބާޓޮމެއު އަކީ ރޮސެލްގެ ވަރަށް ގާތް މީހެއް ކަމަށާއި އޭނާ އަކީ ވެސް އަމިއްލަ ފައިދާއަށް އުޅޭ މީހެއް ކަމަށެވެ.
"މިހާރުގެ ރައީސް (ބާޓޮމެއު) އަކީ ރޮސެލްގެ ވަރަށް ގާތް މީހެއް. އޭނާ އަކީ އަމިއްލަ ފައިދާ އަށް ކްލަބާއި ކްލަބްގެ ސަޕޯޓަރުންނަށް އޮޅުވާލަމުން އަންނަ މީހެއް. ބާސެލޯނާ މިހާރު މިއޮތް މިސްރާބުން ސަލާމަތް ކުރެވޭނީ ކްލަބް ދެކެ ލޯބިވާ ރައީސެއް ހުރެގެން. މިހާރު ކްލަބް އޮތީ ރަނގަޅު ފައްތަރެއްގައެއް ނޫން،" ލަޕޯޓާ ވިދާޅުވި އެވެ.
ލަޕޯޓާ ބުނީ މުސްތަގުބަލުގައި ބާސެލޯނާގެ ރައީސް ކަމަށް އައުމުގެ ވިސްނުމެއް ނެތް ކަމަށާއި އޭނާ އަކީ އަބަދުވެސް ކްލަބަށް ހެޔޮ އެދޭނެ މީހެއް ކަމަށެވެ.