09 އޯގަސްޓް 2017 - 10:08

ކޭޕް ޓައުން (އޮގަސްޓް 9) - ޕާލަމެންޓުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓުން ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ އަނެއްކާވެސް ސަލާމަތްވެއްޖެ އެވެ.

ޕާލަމެންޓުގައި މިފަހަރު ނެގީ ސިއްރު ވޯޓެއް ނަމަވެސް ޒޫމާ ކާމިޔާބު ކުރެއްވީ 198-177 ވޯޓުންނެވެ. އިދިކޮޅު ފަރާތްތަކުން އުއްމީދުކޮށްގެން ތިބީ ސިއްރު ވޯޓެއް ނަގާތީ ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) ގެ ގިނަ މެމްބަރުންތަކެއް ވެސް ރައީސްއާ ދެކޮޅަށް ވޯޓު ދޭނެ ކަމަށެވެ. ނަތީޖާ ދެއްކި ގޮތުން އޭއެންސީގެ 26 މެންބަރަކު ވަނީ ޒޫމާއާ ދެކޮޅަށް ވޯޓު ދީފަ އެވެ. އަދި ނުވަ މެންބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. ރައީސް ޒޫމާ މަގާމުން ދުރުކުރަން އޭއެންސީގެ 249 މެންބަރުންގެ ތެރޭން 50 މެންބަރުން ވޯޓު ބޭނުންވެ އެވެ.
ވޯޓަށް ފަހު ވާހަކަ ދައްކަވަމުން ޒޫމާ ވިދާޅުވީ އޭނާ އަށް ސަޕޯޓް ކުރާ މީހުންނާއި ޕާލަމެންޓުގައި ރަނގަޅަށް ވޯޓުލީ ހުރިހާ މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޕާލަމެންޓުގެ އަޣުލަބިއްޔަތު އޭއެންސީ އަށް އޮތް ނަމަވެސް މީގެ ކުރިން ވެސް ވަނީ ޒޫމާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓުތައް ނަގައިފަ އެވެ. މިއީ އިތުބާރު ނެތްކަމުގެ ވޯޓު ނެގި އަށް ވަނަ ފަހަރެވެ. އެއިން ކޮންމެ ފަހަރަކު ވެސް އޭނާ ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. ރައީސްކަމުގެ މަގާމާ 2009 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ފަހުން ޒޫމާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ތަފާތު ތުހުމަތުތައް ކޮށްފަ އެވެ. އޭގެ ތެރޭގައި ޓެކްސް ދައްކާ މީހުންގެ ފައިސާ އިން އަމިއްލަ ގެ މަރާމާތު ކުރުމާއި މުއްސަނދި ގުޕްޓާ އާއިލާއާ މާބޮޑަށް ގުޅުން ބޭއްވުން ހިމެނެ އެވެ. އެ އާއިލާ އިން ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ޒޫމާ އަށް ފާޑުކިޔުންތައް އިތުރުވެފައި ވަނީ މާލީ ވަޒީރުގެ މަގާމުން ޕްރެވިން ގޯދަން މާޗު މަހު ވަކިކުރުމާ ގުޅިގެންނެވެ.
އެކަމަކު އޭއެންސީގެ ޕާލަމެންޓްރީ ގްރޫޕުން މި ތުހުމަތުތަކަށް ސަމާލުކަން ދީފައެއް ނުވެ އެވެ. އެ ގްރޫޕުން ބުނެފައި ވަނީ ޒޫމާއާ ދެކޮޅަށް ގެންނަން އުޅުނީ "ލުއި ބަޣާވާތެއް" ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އުޅެނީ ސަރުކާރު ވައްޓާލާ މުޖްތަމައުގައި ހަމަނުޖެހުން އުފައްދާ، ވެރިކަން ހޯދުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.
އިިދިކޮޅު ޑިމޮކްރެޓިކް އެލަޔަންސްގެ ލީޑަރު މުސީ މައިމާން ވަނީ ޒޫމާއާ ދެކޮޅަށް ވޯޓު ދިން އޭއެންސީގެ މެންބަރުންނަށް ތައުރީފް ކުރައްވައިފަ އެވެ. އަދި އެއީ ރަނގަޅާއި ނުބަޔާ ދެމެދު ލީ ވޯޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބަދަލަކަށް ވޯޓު ދިން އޭއެންސީގެ މެންބަރުންގެ ހިތްވަރަށް އޭނާ ވަނީ ތައުރީފް ކުރައްވައިފަ އެވެ. އޭއެންސީގެ ޗީފް ވިޕް ޖެކްސަން އެމްތެމްބޫ ވިދާޅުވީ ވިޕްލައިނާ ޚިލާފުވި މެންބަރުންނަށް ސުލޫކީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ސައުތު އެފްރިކާގައި ރިޔާސީ އިންތިޚާބު އޮންނާނީ 2019 ވަނަ އަހަރު އެވެ. އޭއެންސީގެ ލީޑަރުކަމުން ޑިސެމްބަރު މަހު ޒޫމާ އިސްތިއުފާ ދެއްވުމަށް ވަނީ ނިންމަވައިފަ އެވެ. ޒޫމާ ވަނީ ޕާޓީގެ ލީޑަރުކަމަށް އަނބިކަނބަލުން އެންކޮސަޒަނާ ޑްލަމިނީ-ޒޫމާ އެންޑޯޒް ކުރައްވައިފަ އެވެ.