ތިމަރަފުށީ މުސްތަފާގެ ޕާސްޕޯޓް ތިން މަސް ދުވަހަށް ހިފަހައްޓައިފި
ތިމަރަފުށީ މުސްތަފާގެ ޕާސްޕޯޓް ތިން މަސް ދުވަހަށް ހިފަހައްޓައިފި

ރައްޔިތުން ނުކުމެ ސަރުކާރު ވައްޓާލަން ހިތްވަރު ލިބޭ ފަދަ ވާހަކައެއް ދެއްކެވިކަމުގެ ތުހުމަތުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ޕާސްޕޯޓް ތިން މަސް ދުވަހަށް ހިފަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ނެރެފި އެވެ.

އެ އަމުރުގެ ކޮޕީއަކާ އެކު މުސްތަފާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރަށުން ބޭރަށް ފުރުން މަނާކުރާ ކޯޓު އަމުރު ދާދި ދެންމެ ލިބިއްޖެ" ކަމަށެވެ.

"އެކަމަކު މި ކޯޓު އަމުރު ހަވާލުކުރީ ކޯޓަކުން ނޫން، ފުލުހުން،" ޓްވީޓްގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ނެރުއްވި އަމުރުގައި މުސްތަފާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ރާއްޖެ ޓީވީގައި ޖުލައި 28 ވަނަ ދުވަހު އޭނާ ދެއްކެވި ވާހަކަތަކެވެ. އެ ވާހަކަތަކުން "ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ބޭރުކޮށް، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ" ކަމަށް ތުހުމަތުކުރެވޭ ކަމަށް އަމުރުގައިވެ އެވެ.

އަމުރު ނެރުމުގެ ހެއްކަކަށް ހުށަހަޅާފައި ވަނީ ރާއްޖެ ޓީވީގައި އޭނާ ދެއްކެވި ވާހަކަައިގެ ވީޑިއޯ އާއި އެ ވާހަކަތަކުގެ ސްކްރިޕްޓެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ކޯޓުން އަމުރުކުރީ އޮގަސްޓް 8 އިން ފެށިގެން ނޮވެމްބަރު 8 އަށް ޕާސްޕޯޓް ހިފެހެއްޓުމަށެވެ.

އަމުރުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި މުސްތަފާ މަޑުކުރުވަން ބޭނުންވަނީ ފިއްލަވާފާނެ ކަމަށް ތުހުމަތުކުރެވޭތީ އެވެ.

މި ތަހުގީގަށް އޭނާ މިރޭ ފުލުސް އޮފީހަށް ހާޒިރުކުރަން އިއްޔެ ޗިޓް ވެސް ފޮނުވި އެވެ. އެކަމަކު ފަހުން ވަނީ އެ ޗިޓް ކެންސަލްކޮށްފަ އެވެ.

މުސްތަފާ އަކީ ރައީސް ޔާމީނާއި މި ސަރުކާރާ ދެކޮޅަށް މިހާރު އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެއް މެމްބަރެވެ.