އަލިފާނުގެ ހާދިސާގައި ސީރިއަސްވި މީހާ އަދިވެސް އައިސީޔޫގައި
އަލިފާނުގެ ހާދިސާގައި ސީރިއަސްވި މީހާ އަދިވެސް އައިސީޔޫގައި

ހުޅުމާލޭގައި ހުންނަ އަމިން ކޮންސްޓްރަކްޝަންގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކުގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި 21 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދިނެވެ. އޭގެ ތެރެއިން 12 މީހަކު މާލެ ގެނެސް އައިޖީއެމްއެޗުގައި ވަނީ ފަރުވާ ދީފަ އެެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ވަގުތު ފަރުވާ ދެމުން އަންނަނީ ހަ މީހަކަށް ކަމަށެވެ. އޭގެ ތެރެއިން އައިސީޔޫގައި ބާއްވައިގެން އެކަކަށް ފަރުވާ ދޭއިރު ފަސް މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާލު ސީރިއަސްވި މީހާގެ އަތާއި ފައި ފިހިފައިވާއިރު އޭނާގެ ހަށިގަނޑުގެ 40 ޕަސެންޓް ވަނީ ފިހިފަ އެވެ. އަދި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ އޭނާ ނޭވާ ލައްވަމުންދަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

"ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާތީ މެޝިނުގެ އެހީގައި ނޭވާލައްވަމުން ގެންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ހުރި ގުދަނަކީ، އަމިންގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރާ 300 ފްލެޓުގެ ކަންކަމާ ހަވާލުވެ ތިބި ބިދޭސީ ސީނިއާ މުވައްޒަފުން ދިރިއުޅެމުންދާ އިމާރާތެކެވެ. އެ ތަނުގެ އެންމެ ތިރީ ފްލޯ ގުދަނެއްގެ ގޮތުގައި ބޭނުންކުރާ އިރު، އަނެއް ދެ ފްލޯ ބޭނުން ކުރަނީ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގަ އެވެ.