08 އޯގަސްޓް 2017 - 22:56

ދުުނިޔޭގެ ޗެމްޕިއަނުން ދައުވަތު ދީގެން ފޯ ސީޒަންސް މޯލްޑިވްސް ކުޑަހުރާ ރިޒޯޓުން އިން ކޮންމެ އަހަރަކު ބާއްވާ ސާފިން ޗެމްޕިއަންސް ޓްރޮފީ މުބާރާތް މިރޭ ފަށައިފި އެވެ.

މިއީ ފޯ ސީޒަންސް އިން މި މުބާރާތް ބާއްވާ ހަތް ވަނަ ފަހަރެވެ. މި ފަހަރު ވެސް ފޯ ސީޒަންސް އިން ވަނީ ރާއްޖޭގެ ސާފަރަކަށް ފުރުސަތު ދީފަ އެވެ. އެއީ ރާއްޖޭގެ ކުޅަދާނަ ސާފަރު އަދި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުން ރަނގަޅު ވަނަތަކެއް ހޯދާފައިވާ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ.

މި ފަހަރު ވާދަކުރާ އެހެން ބައިވެރިންގެ ތެރޭގައި އެންމެ ފަހުގެ ޗެމްޕިއަން ބޮރޯގެ އިތުރުން ބްރެޒިލްގެ އަންހެން ޗެމްޕިއަން މާޔާ ގަބެއިރާ، އެމެރިކާގެ ސީޖޭ ހޮބްގުޑް، ހަވާއީގެ ޗެމްޕިއަން ރޮސް ވިލިއަމްސް އަދި މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ތަފާތު ދެއްކި އޮސްޓްރޭލިއާގެ ރޮބް މަޗާޑޯ ހިމެނެ އެވެ.
މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ކުޑަ އިއްސެ ބުނީ އެކަށީގެންވާ ވަރަށް ތައްޔާރުނުވެވުނު ކަމަށާއި އެހެން ނަމަވެސް މި ފަަދަ ފުރުސަތެއްގެ ބޭނުން ދޫކޮށްލާން ބޭނުންނުވާ ކަމަށެވެ.
"ހަގީގަތުގައި އެންމެ ރަނގަޅަށް ތައްޔާރުވާން ފުރުސަތެއް ނުލިބޭ. ރާޅުގަނޑު ބަންދުކޮށްފައި އޮތީމައާ ވެސް އެއްކޮށް ދެން ޕްރެކްޓިސް ކުރަން ފެރީއާ އެއްޗެހި ވެސް ހަމައެއް ނުޖެހޭ އެންމެ ރަނގަަޅަށް. މިކަހަލަ ދަތިތަކާ އެކު ވެސް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުމުން ހަގީގަތުގައި ވަރަށް ބޭނުން ކުރިއަށްދާން. އުއްމީދު ދޫކޮށް ނުލާނަން،" ކުޑަ އިއްސެ ބުންޏެވެ.
މިދިޔަ އަހަރު ރާއްޖޭން ވާދަކުރި އިބްރާހިމް އަރީފް (އިބޫ) ވަނީ ތުރަސްޓާ ޑިވިޝަންގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. ސެމީ ފައިނަލުން އިބޫ ބަލިވީ މުބާރާތް ކާމިޔާބުކުރި ތާޖް ބޮރޯ އަތުންނެވެ.
އެންމެ ފަހުގެ ޗެމްޕިއަން ބޮރޯ ބުނީ މިދިޔަ އަހަރުގެ އިވެންޓަށް ފަހު އޭނާ ހުރީ މި އަހަރުގެ މުބާރާތުގެ އިންތިޒާރުގައި ކަމަށެވެ.
"ހަގީގަތުގައި މި މުބާރާތަށް އަހަރެންގެ އިންތިޒާރު ފަށައިފިން މިދިޔަ އަހަރުގެ މުބާރާތް ނިމުނު ހިސާބުން. އަހަރެން ބޭނުންވަނީ ރަނގަޅު ވާދައެއް ކުރަން. މިތަނުގައި އަހަންނާ އިދިކޮޅަށް މިތިބީ ރައްޓެހިން. ރާއްޖޭގެ ރާޅުގައި އަހަންނަށް ލިބޭ ހިތްހަމަ ޖެހުމާއި ކުރެވޭ އިހުސާސް ވެސް ތަފާތު،" ބޮރޯ ބުންޏެވެ.
ފޯ ސީޒަންސް ރިސޯޓް ކުޑަހުރާގައި މިރޭ ބޭއްވި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެންވާރަމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އަދި މި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްޝުކޫރު އަބްދުﷲގެ އިތުރުން ފޯ ސީޒަންސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ކުރުމުއްދަތެއްގެ ތެރޭގައި ސާފިން ރާއްޖޭގެ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ކުޅިވަރަކަށްވެފައިވާ ކަމަށާއި މި ކުޅިވަރުން ބައިނަލްއަގްވާމީ ފުރުސަތުތައް ރާއްޖޭގައި ފަހިވުމުން އެކަމާ އުފާކުރައްވާ ކަމަށެވެ.
"ވަރަށް މަގުބޫލު ކުޅިވަރަކަށް ސާފިން ވެއްޖެ. ހަގީގަތުގައި ސާފިން އަކީ މިިހާރު އެންމެ ގިނަ ޒުވާނުން އެންމެ ގަޔާވާ އެއް ކުޅިވަރު. މީގެ ސަަބަބުތައް ބައިވަރު. އެއީ އަހަރެމެންގެ ގައުމު އޮތްގޮތުން ވަށައިގެން މިއޮތީ ކަނޑު ކަމަށްވެފައި ގުދުރަތީ ރީތިކަން އެނގިގެންދާ ކުޅިވަރެއް ސާފިން އަކީ. ހަގީގަތުގައި ސާފިންގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމަށް ވެސް ބާރު އަޅައިދޭ،" ތޯރިގު ވިދާޅުވި އެވެ.
ފޯ ސީޒަންސް ކުޑަހުރާގެ ޖެނެރަލް މެނޭޖަރު ރޭންޑީ ޝިމަބުކޫ ވިދާޅުވީ މިއީ އެ ރިސޯޓަށް ވަރަށް ހާއްސަ ދުވަސްވަރެއް ކަމަށާއި މި މުބާރާތަކީ އަހަރުން އަހަރަށް ވަރަށް ބޮޑު އުއްމީދަކާ އެކު ކުރިއަށްގެންދާ އިވެންޓެއް ކަމަށެވެ.
"މިއީ މި މުބާރާތުގެ ހަތް ވަނަ އަހަރު. ކޮންމެ އަހަރަކު ވެސް އަހަރެމެން މި އަންނަނީ މި އިވެންޓް ފުރިހަމަ ކުރަން އިތުރު ކަންތައްތަކެއް ކުރަމުން. ރާއްޖޭގެ ސަރުކާރާއި ސްޕޮންސަރުންގެ އެހީއާ އެކު މި އިވެންޓްގެ ފުރިހަމަކަން އިތުރުވެގެންދޭ. ހަގީގަތުގައި ހަވާއީގައި ތިބެވޭ ކަހަލަ އިހުސާސެއް މި މުބާރާތާ އެކު ކުރެވެނީ،" ރޭންޑީ ބުންޏެވެ.
މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް އޮތް މި މުބާރާތް ކުރިއަށްދަނީ ތިން ކެޓަގަރީ އަކުންނެވެ. އެއީ ސިންގަލް ފިން، ޑަބަލް ފިން އަދި ތުރަސްޓާ އެވެ. މި މުބާރާތުގެ ޗެމްޕިއަނަށް 25،000 ޑޮލަރުގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފަހަރުގެ މުބާރާތް ކުރިއަށްގެންދަނީ ވޯލްޑް ސާފިން ލީގުގެ އެހީތެރިކަމާ އެކު ކަމަށް ފޯ ސީޒަންސް އިން ބުނެ އެވެ.