ރައީސް ޔާމީނަށް ތަރައްގީގެ އެވޯޑެއް ލިބިވަޑައިގެންފިި
ރައީސް ޔާމީނަށް ތަރައްގީގެ އެވޯޑެއް ލިބިވަޑައިގެންފިި

ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވާ މަސައްކަތްތައް ފާހަގަކޮށް، އޭޝިއާ ހިއުމަން ރިސޯސަސް ޑިވެލޮޕްމެންޓް (އެޗްއާރުޑީ) އެވޯޑް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފި އެވެ.

މެލޭޝިޔާގެ ޕުޓްރަޖަޔާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ އެޗްއާރުޑީ ލައިފްޓައިމް އެޗީވްމެންޓްގެ އެވޯޑެވެ. މި އެވޯޑާ އެމަނިކުފާނުގެ ފަރާތްޕުޅުން ހަވާލުވެވަޑައިގެންނެވީ މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ފަހުމީ ހަސަނެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމީނަށް މި އެވޯޑު ލިބިވަޑައިގެންނެވީ ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ތަރައްގީއަށް ކުރައްވާފައިވާ މަސައްކަތްޕުޅާއި އެޗްއާރުޑީ ދާއިރާގައި މަސައްކަތް ކުރާ ފަންނީ މީހުންނަށް ދެއްވާ ހިތްވަރާއި އެއްބާރުލުން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.

އެވޯޑް ދިނުމުގެ ހަފުލާގައި ވީޑިއޯ މެދުވެރިކޮށް ރައީސް ޔާމީން ވިދާޅުވީ މިއީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު އެވޯޑަކާއި ކާމިޔާބީއެއް ކަމަށެވެ. އަދި ކުރިމަގުގައި ރާއްޖެއަށް ގެންނަން ބޭނުންވާ ބިނާކުރަނިވި ބަދަލުތަކުގެ މަސައްކަތުގައި ރައްޔިތުންނަށް ލިބުނު ހިތްވަރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީއަށް ކުރަމުން އަންނަ އަދި ކުރަން ރާވާފައިވާ ގިނަ ކަންކަމަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ރާއްޖޭގެ އިގްތިސޯދު އެހެން ހަރުފަތަކަށް ގެންދިއުމުގައި މިހާރު ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރަން ދޭ ސަމާލުކަމާ ގުޅޭ ގޮތުން ވެސް ވާހަކަފުޅުދެއްކެވި އެވެ.

ރައީސް ވިދާޅުވީ މުސްތަގްބަލުގައި ރާއްޖެ އަކީ ބައިނަލްއަގްވާމީ ދުނިޔޭގައި ފައިތިލަ ސާބިތުކުރެވޭ، ސުލްހަވެރި އަދި ކުރިއަރާފައިވާ ގައުމަކަށް ވާން އެދިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން، ގައުމީ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރު އެންމެ މަތީ ގައުމު ކަމަށެވެ. އެގޮތުން މީގެ 50 އަހަރު ކުރިން ގައުމީ އުފެއްދުންތެރިކަމުން ބޮލަކަށް ޖެހުނީ 200 ޑޮލަރު ނަމަވެސް މިއަދު އެ ނިސްބަތް 8،000 ޑޮލަރަށް މަތިވެފައިވާ ކަން ފާހަގަކުރެއްވި އެވެ.