27 ޖޫން 2016 - 10:28

ޕެރިސް، ފްރާންސް (ޖޫން 27) - ނޮކްއައުޓް ބުރުގައި ކުޅޭއިރު ވަރަށް ސަމާލުވާން ޖެހޭނެ ކަމަށާއި ހެދޭ އެންމެ ގޯހަކުން ވެސް މުބާރާތުން ކެޓުމުގެ ފުރުސަތު އެބައޮތް ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ރޭ ރޮބަޓް ބްރޭޑީގެ ޕެނަލްޓީން އަޔަލެންޑް ލީޑު ނަގާފައިވަނިކޮށް ފްރާންސަށް ކުއާޓާ ފައިނަލުން ޖާގަހޯދީ އެންޓޮއިން ގްރީޒްމަންގެ ދެ ލަނޑާ އެކު 2-1 އިން މޮޅުވެގެންނެވެ.
ޑިޝޯމްޕްސް ބުނީ ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ފްރާންސްގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށެވެ.
"ފުރަތަމަ ހާފްގައި އަހަރެމެންގެ ފަރާތުން ފެންނަނީ ވަރަށް ދަށް ކުޅުމެއް. މޮޅުވީ ދެ ވަނަ ހާފްގައި ގެނައި ބަދަލުތަކާ އެކު ކުރި ހިތްވަރުން. އެކަމު އެބަ ޖެހޭ ވިސްނަން. އެއީ ނޮކްއައުޓް ބުރެއްގައި ހެދޭ އެންމެ ގޯހަކުން ވެސް މުބާރާތުން ކެޓުމުގެ ފުރުސަތު އެބައޮތް،" ޑިޝޯމްޕްސް ބުންޏެވެ.
ރޭގެ މެޗުގައި ހޯދި ރީނދޫ ކާޑާއެކު ފްރާންސްގެ ދެ ކުޅުންތެރިން ކަމަށްވާ އެންގޯލޯ ކޯންޓޭ އާއި އާދިލް ރަމީ ވަނީ ކުއާޓާ ފައިނަލަށް ސަސްޕެންޑްވެފަ އެވެ. ފްރާންސް ކުއާޓާ ފައިނަލުގައި ކުޅޭނީ މިރޭ އައިސްލޭންޑާއި އިންގްލެންޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.
ފްރާންސްގެ ފޯވާޑް ގްރީޒްމަން ބުނީ ދެ ވަނަ ހާފްގައި އޭނާގެ ދެ ލަނޑު ފެނުނީ އަސްލު ކުޅެން ބޭނުންވާ މަގާމަށް ކުޅުވުމުން ކަމަށެވެ.
"އެތުލެޓިކޯގައި އަހަރެން ކުޅެނީ ފޯވާޑަކަށް. އެކަމު އަހަރެންގެ ޝަކުވާއެއް ނެތް ކަނާތު ފަޅިން ކުޅުވިޔަސް. އެކަމު ރޭގެ މެޗުގައި ލަނޑުތައް ޖެހުނީ ފޯވާޑަށް ކުޅުވުމުން. އަހަރެން އެންމެ ކުޅެން ބޭނުންވާ މަގާމަކީ އެއީ،" ރޭގެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ގްރީޒްމަން ބުންޏެވެ.
މި ފަހަރުގެ ޔޫރޯގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތީ ވޭލްސްގެ ގަރެތު ބޭލް އާއި ސްޕެއިނުގެ އަލްވާރޯ މޮރާޓާ އަދި ގްރީޒްމަން އެވެ. މި ތިން ކުޅުންތެރިން ވެސް ވަނީ ތިން ލަނޑު ޖަހައިފަ އެވެ.