09 އޯގަސްޓް 2017 - 07:03

ފޯނުގައި ކާއްތާލާ ކުލައަކުން ވެސް ސަޕޯޓަރުން ތެޅިގަނެ އެވެ. އެ ގަންނަން އެންމެން ދުއްވައިގަނެ އެވެ. އަގު ބޮޑަސް މައްސަލައެއް ނުޖައްސަ އެވެ. ވަންޕްލަސް 5 އަށް ވެސް މި އޮތީ އެ ބަދަލު ގެނެސްފަ އެވެ. ބޭރު ކަވަރު "ސޮފްޓް ގޯލްޑް" އަށް ބަދަލުކޮށްފި އެވެ. އެކަމަކު ހާޑްވެއާ އަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.

ވަންޕްލަސް ކުންފުނިން އެ ކުލަ އަށް ކިޔަނީ ސޮފްޓް ގޯލްޑް އެވެ. "ފަނޑު ރަން" ކުލައޭ ކިޔަމާ ދޯ އެވެ. އެކަމަކު ފޯނުތަކުގައި ހުންނަ ކުލަތައް، ދިވެއްސަށް ބަދަލުކޮށްގެން ކިޔައި ނޫޅެ އެވެ. ސޮފްޓް ގޯލްޑް އެއީ އެ ކުލަ އެވެ. މިޑްނައިޓް ބްލެކް ކިޔާލަން އުނދަގުލެއް ނޫނެވެ. ގްރޭ ކުލަ ވެސް އެބަ އޮތެވެ.
ވަންޕްލަސް އިން ބުނި ގޮތުގައި، ވަންޕްލަސް 5 ގައި ފަނޑު ރަން ކުލަ ކާއްތާލުން އެއީ ނަމަކަށް ކުރި ކަމެއް ނޫނެވެ. އެ މަރުކާގައި ކުރިން ނެރުނު ފޯނުތަކަށް ވުރެ މި ފޯނު އޮމާނެ އެވެ. ބީހިލުން ހިމުނެވެ.
މި މަރުކާގައި ފުރަތަމަ މާކެޓަށް ނެރުނީ އަޅި ކުލަ އާއި މިޑްނައިޓް ބްލެކް އެވެ. އަޅި ކުލައިން 64ޖީބީ ފޯނުތަކެވެ. މިޑްނައިޓް ބްލެކް 128 ފޯނުތަކުގަ އެވެ. މި ފަހަރު 64ޖީބީ ފޯނުތަކުތަގައި، ސޮފްޓް ގޯލްޑް ވެސް ކާއްތާލީ އެވެ. ވަންޕްލަސް އިން ބުނި ގޮތުގައި 128ޖީބީ މޮޑެލް އަށް އަދި އަޅި ކުލަ ވެސް އިތުރުކުރާނެ އެވެ. މާކެޓިން ސްޓަންޓް ނޫން ކޮން ކަމެއް ހެއްޔެވެ؟