ހަސަދަ
ހަސަދަ

އާދިއްތަ ދުވަހާ ގުޅޭ

"ޒިދުނާ ވަރަށް ބޭނުން ދޯ އަހަރެން ލައްވާ ޒުވާބު ކުރުވަން؟" ނާޒިމާއަށް އެ ވަރު ވިސްނެއެވެ. "އެކަމަކު އަހަރެން އެ ކަމެއް ނުކުރާނަމޭ. އަހަރެން މި އައީ ހަމަ އެންމެ ވާހަކައެއް ބުނެލަން. އަހަރުމެން ދެ މީހުންނަކަށް އެއް ފުރާޅެއް ދަށަކު ދެނެއް ނޫޅެވޭނެ. އަހަންނަށް ފެންނަނީ ޒިދުނާ މި ގެއިން ނުކުންނަން. މަސްލަހަތު އެންމެ ރަނގަޅުވާނެ ގޮތަކީ އެއީ."

ތަނަށް ވެރިވެގެންދިޔައީ ހަމަހިމޭންކަމެކެވެ. ނާޒިމާ ހުރީ ޒިދުނާ ހަޅޭއްލަވައިގަންނާނެކަމަށް އުންމީދުކޮށްގެންނެވެ.

"މަ ހިނގައިދާނަން،" ޒިދުނާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "މަ ނޫޅެން މި ގެއާ ބަގުޑިބައްދާކަށް. އެކަމަކު، މަ ގޮސްގެން މައްސަލަ ޙައްލުވާނެތަ؟ އަހަރުމެންނަށް ކިހިނެއް އެނގެނީ ތީ ޖައްސައިގެން އުޅޭ ފޭކެއް ނޫންކަމެއް؟ ފުރަތަމަ ފަލާހް. ދެން އަނިލް. ދެން އިނާޔާ. އަހަންނަށް ހީވަނީ އެންމެ ފަހުން މި ގޭގަ އުޅޭނީ އެންމެ ޢާއިލާއެއްހެން. އެއީ ކަންނޭނގެ ބޭނުންވެގެން ތި އުޅޭ ގޮތަކީ. އެކަމަކު މަށަށް މައްސަލައެއް ނެތް. މަ ހަމަ މި ރޭ ވެސް ނުކުމެގެން ހިނގައިދާނަން."

"ޒިދުނާ ހުންނާނީ މި ގޭގަ،" ފަލާހް ޖަވާބުދާރީ ވިއެވެ. "މީ އަހަރެންގެ ވެސް ގެ. މި ގެއަށް ދޮންތައަށް އޮންނަ ބާރެއް މަށަށް ވެސް އޮންނާނެ. މިހާރު ކިތަންމެ ފަހަރަކު ބުނެފިން އަހަރުމެން ސިހުރެއް ނަހަދަމޭ."

ނާޒިމާ އިރުކޮޅަކު ހުރެލައިފައި އެ ތަނުން ދިޔައީއެވެ. ހަދަންވީ ގޮތް ނާޒިމާއަށް ވިސްނިއްޖެއެވެ. ކޮޓަރިއަށް އައިއިރު ހައުލާގެ ފަރާތުން އިތުރު މަޢުލޫމާތު ލިބިއްޖެއެވެ. ޒިދުނާގެ ކޮޓަރިއަށް ދެވުނު ގޮތެއް ހައުލާއަކަށް ނޭނގެއެވެ. އެއް ސިކުންތުގައި ހައުލާގެ ކޮޓަރީގައި އިނދެފައި އަނެއް ސިކުންތުގައި އިނދެވުނީ ޒިދުނާގެ ކޮޓަރީގައެވެ. އެ ދެމެދުގައި ހިނގި އެއްވެސް ކަމެއް ހައުލާ ހަނދާނެއް ނެތެވެ. ރާޝިދު އައިސް އިތުރު މަސައްކަތް ކޮށްގެން ވެސް، ހައުލާގެ ހަނދާނެއް އެނބުރިއެއް ނައެވެ. ދެ ކޮޓަރި ދެމެދުގައި ހިނގި އެއްވެސް ކަމެއް ނޭނގުނެވެ. އެކަމަކު، ޒިދުނާގެ ކޮޓަރީގައި ހިނގި ބައެއް ކަންކަން ހައުލާ ކިޔައިދިނެވެ.

"އަހަރެންގެ ގަޔަށް ޒިދުނާގެ ބައްޕަ ދުންބުރުވި،" ހަނދާން އަންނަ ވަރަކުން ހައުލާ ކިޔައިދިނެވެ. "ފެން ވެސް ބުރުވި. ހުވަފެނެއް ގޮތަށް ހަނދާންވަނީ."

"މީ ދެން ކިހާ ވަރުގަދަ ކަމެއް،" ނާޒިމާއަށް ބުނެވުނެވެ. "ކިހިނެއްވެގެންތަ އޭނަ އެ އުޅެނީ؟ މަ ވެސް ފިސާރި ރަނގަޅަށް އޭނައަށް ސިހުރު ހަދާލަންވީތަ؟ ރާޝިދު އެ ކަން ނުކޮށްދިނަސް ކޮށްދޭނެ މީހުން ވާނެއްނު. އޭރުންތާ އޭނަޔަށް ވިސްނޭނީ މީ ކިހާ ވޭނެއްއަޅާ ކަމެއްކަން. މަ ވެއްޖެ މިނެދޭ ނާޅިން މިނެދޭން ދަސްކުރަން."

ހައުލާ އެ ތަނުގައި ހުރުމުން ރާޝިދު ޖަވާބެއް ނުދެއެވެ. ޖެހިލީ ތަންކޮޅެއް ދުރަށެވެ.

"އަހަރެން މި ދައްކާ ވާހަކަ ރަނގަޅަށް ހަނދާން ބަހައްޓާތި!" ރާޝިދު ވިސްނައިދިނެވެ. "އަހަރެން މަސައްކަތް މި ކުރަނީ، ނުފެންނަ އެހެން "ދުނިޔެއަކަށް" ބާރު ފޯރުވަން. އެއީ ޖިންނީންގެ ދުނިޔެ. ޖިސްމާނީ ގޮތުން ޖިންނީންނާ ހަނގުރާމަ ކުރާނެ ބާރެއް އިންސީންނަކަށް ލިބިފައެއް ނެތް އެ ފަދަ ކަމެއް ކުރެވޭނެ ހަމަ އެކަނި ބާރަކީ ﷲ. ޖިންނީން ކިޔަމަންކުރެވޭނީ ﷲ އަށް. އެހެންވެ، ސިހުރާ ހަނގުރާމަކުރުމަން ﷲ ގެ ވާގިފުޅަށް އެދޭ. ޖިންނިޝައިތާނުންގެ ކިބައިން ސަލާމަތްވާން ޤުރުއާނަށް ވުރެ މޮޅު ހަތިޔާރެއް ނެތެ. ޤުރުއާންގެ އަޑު އިވުމުން ޖިންނިޝައިތާނުން އަނދައި އަޅިއަށް ވޭ. ފަލަޤް، ނާސް، ފާތިޚާ، ކުރުސި، ބަޤަރާ ސޫރަތުން ރައްކާތެރިކަން ހޯދާ. ސިހުރުން ސަލާމަތްވާން، ނަމަނަމަ ސިހުރުވެރިއެއް ގާތަށް ނުދާތި. ހިނގައްޖެއްޔާ ސިހުރުވެރިޔާ އަނެއްކާ އެހީތެރިކަން ހޯދާނީ އެހެން ޖިންނިއެއްގެ ފަރާތުން. އޭގެ މާނައަކީ، ދެން ތިމާ ވާނީ އެ ޖިންނީގެ ސިކާރައަކަށޭ. ކެތްތެރިވޭ! އަހަރެން އަދި އުންމީދުކަނޑައެއް ނުލަމެއްނު."

ރާޝިދު ބުނި ގޮތުގައި އެކި ބަލިބައްޔަށް އަމާޒުކޮށްގެން ވެސް ސިހުރު ހެދެއެވެ. މިސާލަކަށް ހާޓްއެޓޭކު ޖެއްސުމަށް ޓަކައެވެ. ކެންސަރު ޖެއްސުމަށް ޓަކައެވެ. ނަފުސާނީ ބަލިތަކާއި، ލޯ އަނދިރި ކުރުމާއި، ޖިންސީ ގުނަވަނަށް ޖައްސާ ބަލިތަކާއި، އޯޓިސްޓިކު ކުދިންނަށް ހެދުމަށް ޓަކައި ހަދާ ސިހުރު ހުރެއެވެ. ދުނިޔޭގެ ކަންކޮޅުތަކުން އަތުލައިގަނެވޭ ބައެއް ސިހުރުވެރިންގެ އަތުން އެ ފަދަ، ވަކިވަކި ކަންކަމަށް އަމާޒުކޮށްގެން ހަދާ ސިހުރުތައް ލިޔެފައިވާ ފޮތްތައް ހުރީ ފެނިފައެވެ. އެހެންނަމަވެސް އުފާވެރި ޚަބަރަކީ، އިންސާނާއަށް ﷲ ދެއްވައިފައިވާ ބާރުތަކެވެ. ރައްކާތެރިކަމެވެ. އީމާންކަމާއި، ނަމާދާއި، ހެނދުނާއި ހަވީރު ކިޔާ ޒިކުރުތައް އެއީ ދަގަނޑު ދަހަނާތަކެވެ. ސާބިތުކަމާ އެކުގައި އޭގައި ހިފައިގެން ތިބެއްޖެ ނަމަ ޝައިތާނާއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯވެއެވެ.

ހައުލާއަށް ރުޤްޔާ ކުރާތާ ފަސްވަނަ ރެއެވެ. ރާޝިދު ވަރަށް ކުޅަދާނައެވެ. ކިޔަވަމުންދިޔަ ވަރަކަށް ގިނަ އެއްޗެހިތަކެއް އެނގެމުންދިޔައެވެ. އެނދުގައި އޮށޯވެލައިގެން އޮވެ ހުރިހާ އެއްޗެއް ހައުލާ ކިޔައިދިނެވެ. ހައުލާ ކުޑައިރު ދޭތެރެދޭތެރެއިން އަނބުރައިގަންނަ ސަބަބެވެ. ހަންގަނޑުގައި ނަގާ އެކި ކަހަލަ ބިހިތަކެވެ. ފިތްގަނޑުތަކާއި ލައްގަނޑުތަކެވެ. ކިތަންމެ ވަރަކަށް ޑޮކްޓަރަށް ދައްކައި ބޭސް ކެޔަސް އެ ކަން ރަނގަޅެއް ނުވެއެވެ. އަތްފައިގެ ހުދު ހަން ކެހުމަކީ ވެސް ހައުލާއަށް ދިމާވި ކަމެކެވެ. އެއީ ސިހުރުގެ ޢަލާމާތެއްކަމެއް ކުރިން ނާޒިމާއަކަށް ނޭނގެއެވެ.

ތަންކޮޅެއް ކުރީގައި ދިވެހި ޑޮކްޓަރަކަށް ނާޒިމާ ދެއްކުމުން ކަންތައް ހިނގައިދިޔަ ގޮތް ވެސް ނާޒިމާ ހަނދާންވިއެވެ. އެ މީހަކީ ލޮލުގެ ޑޮކްޓަރެކެވެ. ނާޒިމާ ލޮލަށް ތަދުވާތީ ގެންދިޔުމުން ލޯ ބަލައިފައި ޑޮކްޓަރު ބުނީ ވަރަށް އެހެން ކަހަލަ އެއްޗެކެވެ.

"އަޅުގަނޑު ނުދޭނަން އެއްވެސް ބޭހެއް،" ޑޮކްޓަރު ބުންޏެވެ. "ނަންބަރެއް ވެސް ނުދޭނަން. ބޮލުގެ ތެރޭގަ، ބުނެދޭން ނޭނގޭ އާދަޔާ ޚިލާފު ޕްރެޝަރެއް އެބައުޅޭ. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ އޭގެ ސަބަބެއް ބުނެދޭކަށް. ބަލައިގެން ވެސް ނޭނގުނު. ދައްކާލަބަލަ ކަރުންމަތީގެ މީހަކަށް."

އީއެންޓީ ޑަކުޓަރަކަށް ވެސް ނާޒިމާ ދެއްކިއެވެ. އެ ޑޮކްޓަރަކަށް ވެސް ވާގޮތެއް ނޭނގެއެވެ. ޕްރެޝަރެއް ހުރިކަމަށް އެއްބަސްވިއެވެ. ނާޒިމާ ރަނގަޅުވީ ވަރަށް ގިނަ މަސައްކަތް ކޮށްގެންނެވެ. އޭގެ ސިއްރު ހައުލާ ކިޔައިދިނެވެ.

"އޭނަގެ ބޭނުމަކީ މަންމަ ބިރުގަންނަވާލުން،" ހައުލާ ކިޔައިދިނެވެ. "ބިރުދައްކައި، ހުރިހާ ގޮތަކުން މަންމަ "ކުޑަކޮށްލަން" އޭނަ ބޭނުންވަނީ. އޭނަ ހާދަ މަސައްކަތެއް ކުރިޔޭ އެކި ގޮތްގޮތުން މަންމަ ބިރުގަންނަވާލަން. މައްސަލައަކީ މަންމަ ބިރު ނުގަންނާތީ. މަންމައަށް ބިރުދައްކަން ޖިންނިޔާ ވެސް ހަވާލުކޮށްފަ އޮންނަނީ. މަންމަ އަސްލު ތަންކޮޅެއް ކޫލް މީހަކަށް ވީމަ ކަންނޭނގެ، މަންމައަށް އެ ކަހަލަ އެއްޗެއް ފެނުނަސް މަންމައަކަށް ނުވެސް އެނގޭ. މަންމައަށް ހީވަނީ އެއީ މަންމައަށް ހީވާގޮތޭ. އެނގޭތަ؟ ކިތަންމެ ފަހަރަކު މަންމަ އެބަހުރި އެ ޖިންނިޔާ ވާހަކަ ވެސް ދައްކާފަ. މަންމަ ހީކުރަނީ އެއީ ހަމަ މީހެއް ކަމަށް. އެކަމަކު އެއީ އިންސާނުންނެއް ނޫން. އަސްލު ސިފައިގަ ނުފެންނާތީ މަންމައަށް ނޭނގެނީ. އެސޮރުމެން މަންމައަށް ޖެއްސުން ވެސް ކުރި. ވާހަކަ ވެސް ދެއްކި. އަދި ބުނަން. ހުވަފެނުގަ ވެސް މަންމައަށް ބިރުދެއްކި."

ހައުލާ ދެއްކި ހުރިހައި ވާހަކައަކީ ވެސް ތެދެވެ. ނާޒިމާއަށް އެ ކަމެއް ކުރިމަތިވެގެން އުޅުނުއިރު، ބިރުވެރި ހުވަފެން ފެނުމަކީ އާންމުކަމެކެވެ. އެ ހުވަފެންތައް ނާޒިމާ ހަނދާންވިއެވެ. އެކި ސިފަސިފައިގައި ހުންނަ އެއްޗެއްސާއި، ދަތި ތަންތަނުގައި ނާޒިމާ ތާށިވެގެން އުޅޭތަން ވެސް ފެނެއެވެ. ބައެއް ރޭރޭ ނޭވާ ހާސްވެގެން ހޭލެވެއެވެ. ދާހިތްލާ ފޯވެގެން ހޭލެވެއެވެ. ހޭލެވުމާއެކު ބިރުވެރިކަން ފިލައިދެއެވެ. ބައެއް ރޭރޭ ހޭލެވޭ ވަގުތު އެނދު ކައިރީގައި ހިޔަންޏެއް ހުރެއެވެ. ނާޒިމާއަށް ސުވާލު ކުރެވެއެވެ.

"ކާކުކާކު؟" ނާޒިމާ އެ ސުވާލު ކުރާ ހަނދާން ވިއެވެ.

"ނޭނގެ،" އަބަދުވެސް ޖަވާބު އަންނަނީ، ރުޅިއައިސްފައިވާ އަންހެން އަޑަކުންނެވެ. "މީ ކާކުތޯ ކަލޭ އަމިއްލައަށް ބަލައިބަލަ!"

ކޮންމެ ރެއަކު ވެސް އެއް ޖަވާބެއް ދިނުމަށް ފަހު، އިތުރު އެއްޗެއް ނުބުނެ ހިޔަނި ފޭދިގެން ގޮސް ގެއްލެއެވެ. ނާޒިމާ އެ ކަމުން ސަލާމަތްވުމުގެ އެންމެ ބޮޑު ސިއްރަކީ އީމާންކަމެވެ. ނުގުޑާ ޢަޒުމެވެ. ސިހުރުވެރިޔާއަށް ކުރި ނުލިބުނީއެވެ. ނަތީޖާއަކަށްވީ ނާޒިމާއަށް ސިހުރުހެދުން ހުއްޓައިލައިފައި އެހެން ދިމާއަކަށް ސިހުރުވެރިޔާ އެނބުރުމެވެ. ނާޒިމާގެ ދަރިންނަށް އަހުވަދައްކަން ފެށުމެވެ. އެ ކުދިންގެ ދިރިއުޅުން ހުންނަ ގޮތް ޒިދުނާއަށް އެނގޭތީއެވެ.

ނާޒިމާ ގަސްތުކޮށްގެންހުރީ ވީހާ ވެސް އަވަހަކަށް ގެއިން ނުކުންނާށެވެ. ނުކުމެގެން ގޮސް ދާނެ ތަނެއް ހަމީދު ހަމަޖެއްސި ވެސް މެއެވެ. ތަން ލިބުނީ ހުޅުމާލެއިންނެވެ. މައްސަލައަކީ ހައުލާ މުޅީން ރަނގަޅުނުވާތީއެވެ. ކޮންމެ ރެޔަކު ހުޅުމާލެއަށް ދިޔުމަކީ ރާޝިދަށް ފަސޭހަކަމެއް ނޫނެވެ. ކިޔަވަންޖެހޭ ދުވަހުގެ އަދަދު ފުރިހަމަވާން ގިނަ ދުވަހެއް ނެތެވެ. ވީމާ، އެކީއެކައްޗަކަށް ދިޔުން އެންމެނަށް ވެސް ބުއްދިވެރިކަމަށް ގަބޫލުކުރެވުނެވެ. ދެން ދިމާވީ މުޅީން އެހެން ކަހަލަ މައްސަލައެކެވެ. ނާޒިމާ ދުވަހަކު ވެސް އުންމީދު ނުކުރާ ކަހަލަ، އާދަޔާ ޚިލާފު ކަމެކެވެ. މުހިންމު ސުވާލެއްގެ ޖަވާބު ވެސް މެއެވެ.

ފަސްއެޅި ފޮރުވިފައިވާ ކަންކަން އަލުން ހާމަވުމަކީ، ރުޤްޔާކުރުމުގެ ތެރޭގައި ހިނގާ ކަމެކެވެ. ރާޝިދު އޮތީ އެ ވާހަކަ ބުނެފައެވެ. އެ ކަމަށް ސަމާލުވެގެން ތިބުމަށް ރާޝިދު ތަކުރާރުކޮށް ހަނދާންކޮށްދިނެވެ. ވަގުތަކީ، މާރިދެއް ހާޒިރުކޮށް ސުވާލުތަކެއް ކުރެވެމުންދިޔަ ވަގުތެކެވެ. ފުލުފުލުގައި ރާޝިދު ކުރި ސުވާލުތަކަށް ފުލުފުލުގައި ޖަވާބު ވެސް ދިޔައީ ލިބެމުންނެވެ. ކުއްލިއަކަށް ނާޒިމާ ފާޚާނާއަކަށް ދާންޖެހުނެވެ. އޭރު ހަމީދު ގޭގައި އުޅެއެވެ.

"ހަމީދު މި ތަނުގަ ބަހައްޓާފަ ދާންވާނީ،" ރާޝިދު އެދުނެވެ. "ޙަޤީޤަތުގަ މި ކަން ކުރާއިރު ބައްޕަ ހުންނަން ވެސް ޖެހޭނީ. އެކަމަކު އެހެން ގޮތެއް ނެތީމަ ނާޒިމާ މި ބަހައްޓަނީ. ގޮވާ ހަމީދަށް. އެބައުޅެއެއްނު ގޭގަ."

"އޭނަ އަޔަކަނުދޭނެ،" ކުރަކި އަޑަކުން ހައުލާ ބުންޏެވެ. "ނޭނގޭތަ ހަމީދު ކީއްވެގެންކަމެއް މި ތަނަށް ނާންނަނީ؟ އޭނައަކީ ޖިންނިއަކާ އިނދެގެން އުޅޭ މީހެއް. ނާޒިމާ ބަލާއަންނަކަން އެނގިގެން އޭނަ ނުކުމެގެން ރައްކާވެއްޖެ!"

ނުނިމޭ