އަލީ ހުސެއިނަށް ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ނުވަދެވުނު
އަލީ ހުސެއިނަށް ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ނުވަދެވުނު

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ ތެރެއިން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި ކުރިއަށްދާ އަޑުއެހުންތަކަށް ނުވަދެވޭނެ ކަން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނަށް އެ ކޯޓުން މިއަދު އަންގައިފި އެވެ.

ރައްޔިތުންގެ މަޖލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ މައްސަލައިގެ އަޑުއެހުމަށް ވަންނަވަން އުޅުއްވަނިކޮށް އެކަން ނުކުރެއްވޭނެ ކަމަށް އެންގީ، އަލީ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރެއްވުން ވަގުތީ ގޮތުން، އޭނާއަށް ސުޕްރީމް ކޯޓުން މަނާކޮށްފައިވާތީ އެވެ.

"ވަކީލު ކަމުން ސަސްޕެންޑްކޮށްފައި އޮތީމައޭ ބުނީ ކޯޓުން. ވަރަށް ބޮޑަށް މަސައްކަތް ކުރިން އަޑުއެހުމެއް ވަންނަން. އެކަމަކު އެކަމެއް ކާމިޔާބެއް ނުވި،" އަލީ ވިދާޅުވި އެވެ.

ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އަލީ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެކަމަކު އެ ފިޔަވަޅު އެޅި ސަބަބެއް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކި މަގްސަދުތައް ހާސިލްކުރަން ކޯޓުތަކުގެ ހުކުމްތައް މާނަކުރަމުންދާ ކަމަށް ބުނެ އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށް އަންގައި ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ، ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކާ ވަކީލުން ވަކި މުއްދަތެއް ނެތް ގޮތަށް ވަކާލާތުކުރުން މަނާ ކުރުމާއި ހުއްދަ ބާތިލް ކުރުމުގެ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ.

އަލީ އަކީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ފާޑުވިދާޅުވަމުން ގެންދަވާ އެއް ބޭފުޅެވެ.