08 އޯގަސްޓް 2017 - 14:31

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑަށް 12 މީހަކު ކުރިމަތިލާފައިވާ ކަމަށާއި މި މަހުގެ ފަހުކޮޅު އަހަރީ އާއްމު ޖަލްސާ ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
ޓޫރިޒަމްގެ ފައިދާ އާއްމުންނަށް ހޯދައިދިނުމުގެ ނަމުގައި ސަރުކާރުން އުފެއްދި ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ނުބޭއްވި ލަސްވެފައި ވަނީ އޮޑިޓް ރިޕޯޓް އެކުލަވާލައި ނުނިމިގެން ކަމަށެވެ. ނަމަވެސް މިހާރު އެ ރިޕޯޓް އެކުލަވާލައި ނިމި، ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ރިޕޯޓް އެކުލަވާލައި ނިމިފައިވާތީ ޑިރެކްޓަރުންގެ ބޯޑުން މިހާރު ނިންމާފައި ވަނީ މި މަހުގެ ފަހުކޮޅު އަހަރީ އާއްމު ޖަލްސާ ބާއްވާ ގޮތަށް. ނަމަވެސް ވަކި ދުވަހެއް އަދި ކަނޑައެއް ނާޅާ،" އޮފިޝަލް ވިދާޅުވި އެވެ.
އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ ބާއްވާނެ ދުވަހެއް ކަނޑައަޅާފައި ނުވި ނަމަވެސް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާއްމުންގެ ފަރާތުން ހޮވާ ފަސް ޑިރެކްޓަރުންގެ މަގާމަށް 12 މީހަކު ކުރިމަތިލާފައިވެ އެވެ. އެ ނަންތައް ފާސްކުރުން އޮންނާނީ އަހަރީ އާއްމު ޖަލްސާގަ އެވެ.
އެމްޓީޑީސީގެ އޮފިޝަލް ވިދާޅުވީ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަންކުރާ ހަތަރު ޑިރެކްޓަރުންގެ ނަން ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ނަންތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.