08 އޯގަސްޓް 2017 - 15:07

އޭޑީކޭ ހޮސްޕިޓަލްގައި ގާއިމްކުރި ހެލްތު ސައިންސަސް ސްކޫލުގެ ކޯސްތައް މި މަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ސިއްހީ ދާއިރާއަށް މީހުން ބިނާކުރަން އުފައްދާފައިވާ ސްކޫލު އޮފް ހެލްތު ސައިންސަސްގެ ދެ ކޯހަކަށް މިހާރު ވަނީ ކުރިމަތިލާން ހުޅުވާލައިފަ އެވެ. ސްކޫލްގެ ކިޔެވުން މި މަހު ފުރަތަމަ ފަށަނީ އެމަޖެންސީ މެޑިކަލް އެންޑް ޓެކްނީޝަން ކޯހުންނެވެ. ކްރިޓިކަލް ކެއާ ނާސިން އެންޑް މެނޭޖްމަންޓް ކޯސް ފަށަން އޮތީ އަންނަ މަހު އެވެ.
އެމަޖެންސީ މެޑިކަލް ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހު ހަމަވާއިރު ކްރިޓިކަލް ކެއާ ނާސިން އެންޑް މެނޭޖްމަންޓް ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.
- ކުރިމަތިލެވޭނީ 18 އަހަރުން މަތީގެ މީހުންނަށް
- ކޯހުގެ މުއްދަތު ދެ މަސް
- ކޯސް ފީ 5000ރ.
- ކުރިމަތިލެވޭނީ ރަޖިސްޓްރީކޮށްފައިވާ ނަރުހުންނަށް
- ކޯހުގެ މުއްދަތު ދެ މަސް
- މި ކޯސް ނިމުމުން އައިސީޔޫ، ސީސީޔޫ އަދި އެޗްޑީޔޫގައި މަސައްކަތްކުރެވޭނެ
- ކޯސް ފީ 4000ރ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ މި ދެ ކޯހުގައި އޭޑީކޭގެ ތަޖުރިބާކާރުންގެ އިތުރުން އެހެން ތަޖުރިބާކާރުން ވެސް ކިޔަވައިދޭނެ ކަމަށެވެ.
މަދު ކޯސްތަކަކާ އެކު ހެލްތު ސައިންސަސް ސްކޫލުގެ ކިޔެވުން މި މަހު ފެށި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ކޯސްތައް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ މިހާރު ވެސް ދެ ކޯހަށް މީހުން އެދެމުން އަންނަ ކަމަށެވެ. އަދި މިއީ ސިއްހީ ދާއިރާއިން ކުރިއަށް ދާން ރަނގަޅު ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.