މިރޭގެ މެޗުގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ބޮޑު
މިރޭގެ މެޗުގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ބޮޑު

ސްކޯޕިޔޭ، މެސެޑޯނިއާ (އޮގަސްޓް 8) – ޔުއެފާ ސުޕަ ކަޕް މެޗުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންކޮށްފާނެ ކަމުގެ އިޝާރާތެއް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ދީފި އެވެ.

އޮފް ސީޒަން ޗުއްޓީ އަށް ފަހު މިދިޔަ ހަފުތާ ބަންދުގައި ރެއާލް މެޑްރިޑުގެ ފަރިތަކުރުންތަކާ ގުޅުނު ރޮނާލްޑޯ އަށް މިރޭގެ މެޗުގެ ސްކޮޑުން ވެސް ފުރުސަތު ލިބިދާނެ ކަމަށް ކުރިން ބެލެވިފައެއް ނުވެ އެވެ. އެކަމަކު މެޗު ކުޅެން މެސެޑޯނިއާ އަށް ދަތުރުކުރި ސްކޮޑުގައި ރޮނާލްޑޯ ވަނީ ހިމަނައިފަ އެވެ.

ކޮންފެޑެރޭޝަންސް ކަޕަށް ފަހު ރޮނާލްޑޯ އަށް އަރާމުކުރަން ރެއާލް މެޑްރިޑުން ދިން މުއްދަތު ހަމަވި ފަހުން ވެސް އެ ކްލަބުން އޭނާ އަށް އިތުރު ވަގުތު ދިނީ އާއިލީ ޒިންމާއެއް އަދާކުރުމުގެ ގޮތުންނެވެ. ޓެކްސް އަށް މަކަރު ހެދި މައްސަލައެއްގައި ރޮނާލްޑޯގެ މައްޗަށް ސްޕެއިނުގެ ޕްރޮސެކިއުޓަރުން ދައުވާކޮށްފައިވާއިރު އެ މައްސަލައާ ގުޅިގެން އޭނާ މެޑްރިޑް ދޫކޮށްލަފާނެ ކަމަށް ވެސް އޮތީ ބެލެވިފަ އެވެ.

މި ހުރިހާ ކަމެއް ރޮނާލްޑޯގެ ވަށައިގެން އެނބުރުނު ނަމަވެސް ޒިދާން ބުނީ އޭނާ ހުރީ ހަމަޖެހިފައި ކަމަށެވެ.

"ވަރަށް ގިނަ ކަންތައްތައް ވަމުން މިދިޔައީ. ކުރިއެރެކޭ އެއްގޮތަށް އޭނާއާ ބެހޭގޮތުން ތަފާތު ވާހަކަތަކެއް ދެކެވޭ އެކަމަކު ހުރީ ހަމަޖެހިފައި. އަހަރެން އެންމެ ހިތްހަމަޖެހޭ ކަމަކީ އޭނާ މިވަގުތު ވެސް އެހުރީ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅުނު ދުވަހު ހުރި ފިޒިކަލް ލެވެލުގައި ކަމަށް ވުން. މީގެ ދެ މަސް ކުރިއެކޭ ތަފާތެއް ނެތް،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ ޓީމާ އެކު ރޮނާލްޑޯ ހުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ސަބަބަކީ އޭނާ އައީ ކުޅެން ކަމަށްވުން ކަމަށެވެ.

މިރޭ އިދިކޮޅަށް ނުކުންނަ މެންޗެސްޓާ ޔުނައިޓެޑަކީ ރޮނާލްޑޯ ވިދާލި ކްލަބެވެ. އޭނާ އެ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާއިރު ރެއާލް މެޑްރިޑް ދޫކޮށްލާނަމަ އޭނާ ފެނުން އެންމެ ގާތީ ވެސް ޔުނައިޓެޑުންނެވެ.

ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޔުރޮޕާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާ ޔުއެފާ ސުޕަ ކަޕް އޮންނާނީ މެސެޑޯނިއާގެ ވެރިރަށް ސްކޯޕިޔޭގައި މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.