މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

އީސްޓް ރުތުފޯޑް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 27) - އާޖެންޓީނާއާ އެކު ޖެހިޖެހިގެން ތިން ފައިނަލުން ބަލިވުމާ އެކު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

އުމުރުން 29 އަހަރުގެ މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ ކޮޕަ އެމެރިކާގެ ފައިނަލުގައި މިއަދު ހެނދުނު، ޗިލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.

"އަހަންނަށް ގައުމީ ޓީމު މި ނިމުނީ. އަހަންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރިން. ޗެމްޕިއަނަކަށް ނުވުމަކީ ވަރަށް ބޮޑު ހިތާމައެއް،" މެސީ ބުންޏެވެ.

ޕެނަލްޓީ ޖަހައިގެން 4-3 އިން އާޖެންޓީނާ ބަލިވިއިރު މެސީގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. ޗިލީގެ ފުރަތަމަ ޕެނަލްޓީ އާޖެންޓީނާ ކީޕަރު ސޭވްކޮށް އެ ޓީމަށް ލީޑު ނަގަން ލިބުނު ފުރުސަތު ބޭކާރުވީ މެސީގެ ޕެނަލްޓީ ނުވަނުމުންނެވެ.

މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުން އަދި މި ދެ އަހަރުގެ ކޮޕަ އެމެރިކާގެ ފައިނަލުން ބަލިވެފަ އެވެ. އޭގެ ކުރިން 2007 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލުން ވެސް އާޖެންޓީނާއާ އެކު އޭނާ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ.

އާޖެންޓީނާއާ އެކު އޭނާ އަށް ހޯދުނު ކާމިޔާބީތަކަކީ 2005 ވަނަ އަހަރުގެ ޔޫތު ވޯލްޑް ކަޕް ކާމިޔާބުކުރުމާއި 2008 ވަނަ އަހަރުގެ އޮލިމްޕިކްސް ރަން މެޑަލް ހާސިލްކުރުމެވެ. އެކަމަކު ސީނިއާ ޓީމާ އެކު ބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ. އޭނާ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބެންޗުން ފުރުސަތު ލިބުނުއިރު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ފުލްކޮށް ކުޅުނެވެ. އެކަމަކު އެ ފަހަރު ކުއާޓާ ފައިނަލުން ޖަރުމަން އަތުން ބަލިވެ ކެޓީ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރި ނަމަވެސް ޖަރުމަން އަތުން އަނެއްކާވެސް ބަލިވީ އެވެ.

ގައުމީ ޓީމަށް 2005 ވަނަ އަހަރުން ފެށިގެން 112 މެޗު ކުޅެ 55 ގޯލް ޖަހައިދީފައިވާ މެސީ އަކީ އާޖެންޓީނާ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އެވެ. އެކަމަކު ޑިއޭގޯ މަރަޑޯނާ އާއި ގެބްރިއަސް ބަޓިސްޓޫޓާ ފަދަ ކުޅުންތެރިން ގައުމީ ޓީމާ އެކު ހޯދި ކާމިޔާބީ އޭނާއަށް ނުހޯދޭތީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އޭނާ ވަނީ ކްލަބް ލެވެލްގައި ބާސެލޯނާއާ އެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.

އާޖެންޓީނާގެ ނެވެލް އޯލްޑް ބޯއީސް އިން ޔޫތު ކެރިއަރު ފެށި މެސީ ފާހަގަވީ 2001 ވަނަ އަހަރު ބާސެލޯނާގެ ޔޫތު ޓީމާ ގުޅުނު ހިސާބުންނެވެ. މެސީ އެ ކްލަބާ ގުޅެން އޭނާގެ ބެލެނިވެރިން އެއްބަސްވީ އޭނާ އަށް ކުރިމަތިވި ސީރިއަސް ސިއްހީ މައްސަލައަކަށް ފަރުވާ ދޭން އެ ކްލަބުން އެއްބަސްވުމުންނެވެ. އޭގެ ފަހުން ބާސެލޯނާގެ ސީނިއަ ޓީމަށް 2004 ވަނަ އަހަރު ކުޅެން ފެށި ފަހުން އޭނާ ފަސް އެނބުރި ބަލާފައެއް ނުވެ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދާފައިވާ އިރު އޭނާ ވަނީ ބާސެލޯނާއާ އެކު ސްޕެނިޝް ލީގު އަށް ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.