08 އޯގަސްޓް 2017 - 12:36

ކޭޕް ޓައުން (އޮގަސްޓް 8) - ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާގެ އިތުބާރު ނެތް ކަމުގެ ވޯޓު ޕާލަމެންޓުގައި މިއަދު ނަގާއިރު މެންބަރުން ދޭނީ ސިއްރު ވޯޓެއް ކަމަށް ޕާލަމެންޓުގެ ރިޔާސަތުން އިއުލާންކޮށްފި އެވެ.
ޕާލަމެންޓުގެ ރައީސް ބަލެކާ ބެޓޭ މި ގޮތަށް ނިންމެވީ އިދިކޮޅު ފަރާތްތަކުން މި މައްސަލަ ކޮންސްޓިޓިއުޝަނަލް ކޯޓަށް ގެންދިއުމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނީ ސިއްރު ވޯޓެއް ނަގައިފި ނަމަ ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) ގެ މެމްބަރުން ވެސް ރައީސްއާ ދެކޮޅަށް ވޯޓު ދޭނެ ކަމަށެވެ.
މީގެ ކުރިން ނެގި އިތުބާރު ނެތްކަމުގެ ވޯޓުތަކުން ޒޫމާ ވަނީ ސަލާމަތްވެފަ އެވެ. ސައުތު އެފްރިކާގެ ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮންނަނީ އޭއެންސީ އަށެވެ. ރައީސް ޒޫމާ މަގާމުން ދުރުކުރަން ބޭނުން ނަމަ އޭއެންސީގެ 249 މެންބަރުންގެ ތެރޭން 50 މެންބަރުން ޒޫމާއާ ދެކޮޅަށް ވޯޓު ދޭން ޖެހޭނެ އެވެ. ރައީސްއާ ދެކޮޅަށް ވޯޓު ދޭނެ ކަމަށް ބުނި އޭއެންސީގެ މެންބަރެއް ކަމަށްވާ މަކޮސީ ކޯޒާ އަށް ވަނީ މީގެ ދުވަސްތަކެއް ކުރިން މަރުގެ އިންޒާރު ދީފަ އެވެ.
އިިދިކޮޅު ޑިމޮކްރެޓިކް އެލަޔަންސްގެ ލީޑަރު މުސީ މައިމާން ވިދާޅުވީ ސިއްރު ވޯޓާ އެކު އޭއެންސީގެ މެންބަރުންނަށް ދެން ދެއްކޭނެ ބަހާނެއް ނޯންނާނެ ކަމަށެވެ.
ޒުމާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި ވަނީ މާލީ ވަޒީރު ޕްރެވިން ގޯޑަން މާޗު މަހު މަގާމުން ދުރުކޮށްފައި ވަނިކޮށެވެ. ރައީސް ޒޫމާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ވެސް ކޮށްފަ އެވެ.
ސައުތު އެފްރިކާގައި ރިޔާސީ އިންތިޚާބު އޮންނާނީ 2019 ވަނަ އަހަރު އެވެ. އޭއެންސީގެ ލީޑަރުކަމުން ޑިސެމްބަރު މަހު ޒޫމާ އިސްތިއުފާ ދެއްވުމަށް ވަނީ ނިންމަވައިފަ އެވެ.