ހައްޖު ސިޔާސީ ކަމަކަށް ހަދާކަށް ފުރުސަތެއް ނެތް: ސައުދީ
ހައްޖު ސިޔާސީ ކަމަކަށް ހަދާކަށް ފުރުސަތެއް ނެތް: ސައުދީ

މައްކާ (އޮގަސްޓް 7) - ހައްޖު އަޅުކަން ސިޔާސީ ކަމަކަށް ހަދަން އުޅުނު ނަމަވެސް އެކަމަށް ފުރުސަތު ނުދޭނެ ކަމަށް ސައުދީ ސެންޓްރަލް ހައްޖު ކޮމިޓީގެ ޗެއާމަން އަދި މައްކާގެ އަމީރު ޕްރިންސް ޚާލިދު އަލް ފައިސަލް ވިދާޅުވެއްޖެ އެވެ.

"ހައްޖަކީ އަޅުކަމެއް އަދި ތަހުޒީބީ އާދައެއް"ގެ ނަމުގައި މައްކާގައި ހިންގާ ކެމްޕޭން ފައްޓަވައިދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕްރިންސް ޚާލިދު ވިދާޅުވީ ސައުދީގައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މަސައްކަތް ކުރަމުން ދަނީ ހައްޖާއި އުމުރާ އަށް އަންނަ މީހުންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައި ދިނުމަށް ކަމަށެވެ. ހައްޖުގެ އަޅުކަމަށް އަންނަ މީހުން ވެސް އިސްލާމީ އަޚުލާގުގައި ހިފަހައްޓާ އަދި ތަހުޒީބު ނަމޫނާއެއްގެ ގޮތުގައި މުސްލިމުންނަށް ދެއްކުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ހައްޖުގެ އަޅުކަން ގަތަރުން ސިޔާސީ ކުރަން އުޅުމާ އަދި މައްކާ އާއި މަދީނާގައިވާ މުގައްދަސް ބިނާތައް ބައިނަލްއަގުވާމީ ތަންތަނަށް ހަދަން ކުރާ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕްރިންސް ޚާލިދު ވިދާޅުވީ އެ ސުވާލުގެ ޖަވާބަކީ ހައްޖު ކެމްޕޭނުގެ ނަން ކަމަށެވެ. އެއީ "ހައްޖަކީ އަޅުކަމެއް އަދި ތަހުޒީބީ އާދައެއް" ކަމަށާއި ހައްޖު ސިޔާސީ ކުރުމެއް ނެތް ކަމަށެވެ.

އަމީރު ވިދާޅުވީ މި ކެމްޕޭނުގެ ސަބަބުން ހެޔޮ ބަދަލުތައް ފެންނަމުންދާ ކަމަށާއި ހައްޖުގައި ގަވާއިދާ ޚިލާފަށް އުޅޭ މީހުން އަހަރުން އަހަރަށް މަދުވަމުންދާ ކަމަށެވެ.

ޕްރިންސް ޚާލިދު ވިދާޅުވީ ހައްޖާއި އުމްރާ އަށް އަންނަ މީހުންނަށް ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް މައްކާ ޑިވެލޮޕްމަންޓް ކޮމިޝަނުން ވަނީ 300 މިލިއަން ރިޔާލުގެ ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށެވެ.