ލަތީފާއި އަމީތުގެ މައްސަލަ މާދަމާ އަށް ތާވަލުކޮށްފި
ލަތީފާއި އަމީތުގެ މައްސަލަ މާދަމާ އަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ ތެރެއިން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ދިއްދޫ ދާއިގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މާދަމާ އަށް ތާވަލުކޮށްފި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު މެމްބަރުންގެ ތެރެއިން ލަތީފުގެ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ޝެޑިއުލް ކުރީ މާދަމާ ހެނދުނު 10:15 އަށެވެ. އަމީތުގެ މައްސަލަ އޮތީ މާދަމާ މެންދުރު އެވެ.

ލަތީފާއި އަމީތުގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އަދި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ މައްސަލައިގެ އަޑުއެހުން މިއަދު ބާއްވާ ގޮތަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. ވައްޑެގެ މައްސަލައިގެ އަޑުއެހުން މިއަދު ހެނދުނު 10:15ގަ އެވެ. ސައުދުގެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރު 1:15 އަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައި ވަނިކޮށް، ފުލުހުންގެ ސަފު ފޫއަޅުވާލައި މިދިޔަ މަހުގެ 24 ގައި މަޖިލިހުގެ އިދާރާ ތެރެއަށް ވަދެވަޑައިގަތް މައްސަލައިގެ ތަހުގީގަށް ވައްޑެ އާއި ސައުދު އަދި އަމީތު ވަނީ ދޫނިދޫގައި ބަންދުކޮށްފަ އެވެ. އެ ތިން ބޭފުޅުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ވައްޑެ އާއި ސައުދާއި އަމީތު އަދި ލަތީފުގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު އެ ދެ ބޭފުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެއް ނާޅުއްވަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އިލްހާމާއި ސިނާން ފަހަކަށް އައިސް އުޅުއްވަނީ ރާއްޖެ އިން ބޭރުގަ އެވެ. ދެ ބޭފުޅުންގެ ގޮނޑި ގެއްލުނުކަން އިލެކްޝަންސް އިން ކަނޑައެޅި ފަހުން ވެސް އިލްހާމާއި ސިނާން ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ.

އިދިކޮޅު ހަ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް، ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. އެކަމަކު ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ކުރި ހުކުމަށް ފަހު، ނެރުނު އަމުރެއްގައި ބުނެފައި ވަނީ އެއެީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށެވެ.

ގޮނޑި ގެއްލިފައިވާ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ އެ ބޭފުޅުން ޕީޕީއެމުން ވަކިވީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ކަމަށް ވާއިރު، މެމްބަރުކަން ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނަށް ކަނޑަނޭޅޭނެ ކަމަށެވެ.

ހަ މެމްބަރުންގެ ތެރެއިން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް މަޖިލިހަށް އިންތިޚާބުވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް ވާއިރު، ފަހުން ޕީޕީއެމުން ވަކިވެފައިވީ ނަމަވެސް، ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލޭނެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށް އޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ.