09 އޯގަސްޓް 2017 - 07:04

އިންޑިއާ ރައްޔިތުންނަށް ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރު ދީ އެކަމަށް ފުރުސަތު ހުޅުވައި ދިނުމުގެ ގޮތުން ކިޔޯ.ފިޓް އިން ކުރިއަށް ގެންދާ ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަނާ އެކު 100 ކްރޯޑް (10 މިލިއަން) ރުޕީސްގެ އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.
މި އެއްބަސްވުމާ އެކު ރިތިކްވެގެން ދާނީ އެމްބެސެޑަރެއްގެ ގޮތުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އިންޑިއާގެ އެކްޓަރަށެވެ. މި ސްޓާޓްއަޕް ވަރަށް އަވަހަށް ރަސްމީކޮށް ލޯންޗް ކުރާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރިތިކާ އެކު ކިޔޯ.ފިޓުން ހެދި އެއްބަސްވުމުގެ ދަށުން ރިތިކްގެ އަމިއްލަ ބްރޭންޑް އެޗްއާރްއެކްސް ވޯކްއައުޓް ޕްލޭން ހިއްސާ ކުރުމާ އެކު، އެ ކުންފުނީގެ ހިއްސާ އިން ވެސް އޭނާ އަށް ބައި އެޅޭނެ އެވެ. މި އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރެވެ.
ކިއޯ.ފިޓުން ބުނީ އެ މީހުންގެ ޓާގެޓަކީ ރިތިކާ އެކު ކުރާ މަސައްކަތްތަކުން އެ މީހުންގެ އާމްދަނީ ވެސް ކުރިއަށް އޮތް ތަނުގައި އަހަރަކު 250 ކްރޯޑް ރުޕީސް އަށް ޖެއްސުން ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ކިއޯ.ފިޓްގެ ފައުންޑަ މެމްބަރު މުކޭޝް ބަންސަލް ބުނީ ރިތިކްގެ ބައިވެރިވުމާ އެކު އެ މީހުންގެ ފައިދާ އެތައް ގުނައެއް އިތުރުކޮށްލެވޭނެ ކަމަށެވެ. އަދި އެ މީހުންގެ ވޯކްއައުޓް ޕްލޭންތަކާއި އެތަނުގެ ފިލޯސަފީ ޕްރޮމޯޓްކޮށް ދިނުމުގެ ޒިންމާ ރިތިކް ނަގައިދިނުމުން އެކަމުގެ ފައިދާ ފެންނަން ފަށާނެ ކަމަށް ބުންޏެވެ.
ރިތިކް ބުނީ އޭނާ ކިއޯ.ފިޓްގެ އެއްބަސްވުން ގަބޫލު ކުރީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިއްމުކަން އަންގައިދޭން މިއަށް ވުރެ ވަކި ރަނގަޅު ފުރުސަތެއް ނުލިބޭނެތީ ކަމަށެވެ.
"އެހެންވީމާ އަހަރެމެން މި ކުރާ މަސައްކަތުން އެތައް ހާސް ބަޔެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ. ބޭނުމަކީ ހަރަކާތްތެރި ދުޅަހެޔޮ ދިރިއުޅުމަކަށް މީހުން ގެންގޮސް ދިނުން،" އޭނާ ބުންޏެވެ.
ރިތިކް ބުނީ މީގެ ސަބަބުން އޭނާގެ އެޗްއާރްއެކްސް ވެސް ފުޅާވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.