އިންސްޓަގްރާމްގައި އެންމެ ގިނައިން ޓެގް ކުރަނީ ކޮން ތަނެއް؟
އިންސްޓަގްރާމްގައި އެންމެ ގިނައިން ޓެގް ކުރަނީ ކޮން ތަނެއް؟

އަލަށް ތަނަކަށް ދެވިއްޖެ ނަމަ އެ ތަނަކުން ލޮކޭޝަން ޓެގްކޮށް އިންސްޓަގްރާމް ނުވަތަ ފޭސްބުކް ޕޯސްޓެއް ޖަހާލުމަކީ މިހާރު ކޮންމެހެން ވެސް ކުރަންޖެހޭ ކަމަކަށް އޮންނަނީ ވެފަ އެވެ. އިންސްޓަގްރާމްގެ "ސްޓޮރީސް" އަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންސްޓަގްރާމުން ވަނީ އެ އެޕްލިކޭޝަންގައި އެންމެ ގިނައިން ޓެގްކޮށްފައިވާ ލޮކޭޝަންތަކާއި ހޭޝްޓެގްތައް ހާމަކޮށްފަ އެވެ.

މި ލިސްޓުން ފެންނަނީ ކުރިން ހީކޮށްފައިވާ ނަންތަން ނޫން ކަމަށް ވެދާނެ އެވެ.

އެންމެ ގިނައިން ޓެގްކޮށްފައިވާ ލޮކޭޝަނަކީ އިންޑޮނީޝިއާގެ ޖަކާޓާ އެވެ. ދެން މި ލިސްޓު ތަރުތީބުވެފައި ވަނީ މިގޮތަށެވެ. އެއީ، ބްރެޒިލްގެ ސާއޮ ޕާލޯ، އެމެރިކާގެ ނިއު ޔޯކް، އިނގިރޭސި ވިލާތުގެ ލަންޑަން އަދި ސްޕެއިންގެ މެޑްރިޑެވެ.

އެންމެ ގިނައިން ޖަހާފައިވާ ހޭޝްޓެގްތަކަށް ބަލާއިރު އޭގެ ތެރެއިން 90 ޕަސެންޓަކީ އިނގިރޭސި ބަހުން ޖަހާފައިވާ ޓެގްތަކެވެ. އެންމެ ގިނައިން ޖަހާފައިވާ ހޭޝްޓެގަކީ "ގުޑްމޯނިން" އެވެ. އެއަށް ފަހު، ވާކް، ގުޑްނައިޓް، މޫޑް، ހެޕީބާތުޑޭ، ޓީބީޓީ، ލަވް، ހޯމް، ބޮމްޑިއާ (ޕޯޗްގީޒް ބަހުން ހެލޯ/ބާއްޖަވެރި ދުވަހެއް) އަދި ރިލެކްސް އެވެ.

އެހެންވެ، ވީހާވެސް ގިނަ މީހުންނަށް އިންސްޓަގްރާމްގެ ޕޯސްޓެއް ދައްކަން ބޭނުން ނަމަ މި ލޮކޭޝަން ޓެޑްތަކާއި ހޭޝް ޓެގްތައް ބޭނުންކޮށްލުމަކީ ކާމިޔާބު ގޮތަކަށް ވާނެ އެވެ.