10 އޯގަސްޓް 2017 - 06:57

އެމެރިކާގެ ކުރީގެ މަޝްހޫރު ބަތަލާ/މޮޑެލް އަދި ޕްރޮޑިއުސަރު ލުސިލީ ބޯލްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމުގައި އޭނާގެ ރޯލް ކުޅެން ބަތަލާ ކޭޓް ބްލެންޝެޓަށް ހުށަހަޅައިފި އެވެ.

މި ފިލްމް ހަދަން އުޅޭ ވާހަކަތައް ދެކެވޭތާ ދެ އަހަރެއްހާ ދުވަސްވީ ނަމަވެސް، ބައެއް ސަބަބުތަކާ ހެދި ފިލްމުގެ ވާހަކަ ފަހުން އޮތީ ހިނދިފަ އެވެ. އެކަމަކު އެމެޒޯން ސްޓޫޑިއޯ އިން ލުސިލީގެ ބައޮޕިކްގެ ހެދުމުގެ ރައިޓްސް ހޯދުމާ އެކު، ފިލްމުގެ މަސައްކަތް ފެށުމުގެ ވާހަކަތައް މިހާރު އަނެއްކާ ވެސް ވަނީ ގަދަވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ލޫސީ އެންޑް ދޭސީ" ގެ ނަމުގައި ހަދާ ފިލްމްގެ ސްކްރީންޕްލޭ ލިޔަނީ ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގްގެ ވާހަކަ ކިޔައި ދިން ފިލްމް ދަ ސޯޝަލް ނެޓްވާކް (2010) ގެ ސްކްރީންޕްލޭ ލިޔެގެން އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭގެ އޮސްކާ ހޯދާފައިވާ އާރޮން ސޯކިން އެވެ.
"ލޫސީ އެންޑް ދޭސީ" ގެ ވާހަކައިގެ މައިގަނޑު ބިނާ ކުރަނީ ލުސިލީގެ އެންމެ ޒުވާން އުމުރުގައި އޭނާގެ ކެރިއާގައި ހިނގާފައިވާ ކަންތައްތަކާއި ފިރިމީހާ ދޭސީ އާނަޒްގެ ކައިވެނީގެ މައްޗަށެވެ.
ވަރަށް ކާމިޔާބު ޓީވީ ޝޯތަކެއް ވެސް ޕްރޮޑިއުސްކޮށް، ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ލުސިލީގެ ފާހަގަކޮށްލެވޭ ބައެއް ޕްރޮޖެކްޓަކުގެ ތެރޭގައި "އައި ލަވް ލޫސީ"، "ލޫސީ-ދޭސީ ކޮމެޑީ އަވާ" އަދި ލައިފް ވިތު ލޫސީ" ފަދަ ޝޯތައް ހިމެނެ އެވެ.
އުމުރުން 77 އަހަރުގައި ލުސިލީ މަރުވީ އެޕްރީލް 26، 1989 ގަ އެވެ.
ލުސިލީގެ ރޯލް ބޮޑު ސްކްރީންގައި ދައްކުވައި ދޭން ކޭޓް، 48، ހޮވުމުން އެކަމާ ބައެއް މީހުން ހިތްހަމަނުޖެހިގެން ޓްވިޓާގައި ޝުއޫރުތައް ބަންޑުންކޮށްފައިވެ އެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ ހޮވުން ވަރަށް ގޯހެވެ.
އެހެން ނަމަވެސް އޮސްޓްރޭލިއާ އަށް އުފަން ކޭޓަކީ އޮސްކާ ވެސް ހޯދާފައިވާ މޮޅު ބަތަލާއެއްކަން ފާހަގަކޮށްލެވެ އެވެ. އޭނާ އަށް އެންމެ މޮޅު ބަތަލާގެ އޮސްކާ ލިބުނީ ވުޑީ އެލަންގެ ބްލޫ ޖޭޒްމިން (2013) އިންނެވެ.