08 އޯގަސްޓް 2017 - 16:05

ރެކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، އަންނަ މަހުގެ ހައެއްގައި އަޅުވާ ފިލްމް "ހައްދު" ގެ ޓިކެޓް މިއަދު އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.
ޑައިރެކްޓަރު އަބްދުލް ފައްތާހް ބުނީ ޓިކެޓް ވިއްކުމުގެ އިތުރަށް ފިލްމަށް ހާއްސަކޮށްފައިވާ ހޮޓްލައިން 7710088 އަށް ގުޅައިގެން ޓިކެޓް ބުކް ވެސް ކުރެވޭނެ ކަމަށެވެ.
އޭނާ ބުނީ މިއަދު ޓިކެޓް ވިއްކަން ފެށި އިރު، 10 ޝޯ އަށް ހުޅުވާލާފައިވާ ކަމަށެވެ. އާންމުކޮށް ދިވެހި ފިލްމްތަކުގެ ޕްރިމިއާ ޝޯގެ ޓިކެޓް ބޮޑުކޮށް ވިއްކި ނަމަވެސް "ހައްދު" ގެ ހުރިހާ ޝޯއެއްގެ ޓިކެޓް ވިއްކަނީ 100ރ. އަށެވެ.
ފައްތާހް ބުނީ "ހައްދު" އަކީ ވަރަށް މަސައްކަތްކޮށްފައި ހުންނާނެ ފިލްމެއް ކަމަށާއި ބެލުންތެރިންނަށް ފިލްމް ކަމުދާނެކަމާ ދޭތެރޭ އެއްވެސް ޝައްކެތް ނެތް ކަމަށެވެ.
"ބުނެލަން އޮތީ ސަތޭކަ ރުފިޔާ އަށް ޓިކެޓް ނަގައިގެން ބަލަން ހަމަ ވަރަށް ވޯތު ފިލްމަކަށޭ ހައްދު ވާނީ. އެ ޔަގީންކަން އެބަ އޮތް،" ދެ ގަޑި އިރުގެ ލޯބީގެ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "މި ފިލްމަކީ ބޮޑު ސްކްރީނުން ބަލާލަން ވަރަށް ޗާލު އެހާމެ ސަޅި އަދި މޮޅު ފިލްމަކަށް ވާނެ."
މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ހައްދު" ލީޑް ރޯލް ކުޅެފައި ވަނީ ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ އަހުމަދު ޝިބާން އާއި މަރިޔަމް އައްޒަގެ އިތުރުން އައިމިނަތު ރިޝްފާ އެވެ.
ފައްތާހް ބުނީ އަންނަ މަހުގެ ހައެއްގައި މި ފިލްމް އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ފަހު ސެޕްޓެމްބަރު ހަތެއްގައި އައްޑޫގައި އަދި ސާދައިގައި ހދ. ކުޅުދުއްފުށީގައި "ހައްދު" ވަރަށް ކުލަގަދަ ދެ ޕްރިމިއާ ބާއްވާނެ ކަމަށެވެ.
އެ ދެ އަތޮޅުން ވެސް ޓިކެޓް ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އައްޑޫގެ ހޮޓްލައިނަކީ 7690575 އެވެ. ކުޅުދުއްފުށީގެ ހޮޓްލައިނަކީ 9998280 އަދި 9969035 އެވެ.
ފައްތާހް ބުނީ އޭނާގެ އަމާޒަކީ "ހައްދު" ރާއްޖޭގެ ވީހާ ވެސް ގިނަ ރަށްރަށާއި ރިސޯޓްތަކުގައި ފިލްމް އެޅުވުން ކަމަށެވެ. އެގޮތުން މިހާރު ވެސް ގިނަ ރަށްރަށާ ވާހަކަ ދައްކަމުން އަންނަ ކަމަށް ބުންޏެވެ.
"ހައްދު" އަކީ މި އަހަރު އަޅުވާ ހަ ވަނަ ފިލްމެވެ.