08 އޯގަސްޓް 2017 - 09:06

ފްރާންސާ އެކު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްފައިވާ ކުރީގެ ޑިފެންޑަރު މާސެލް ޑެސައިލީ އަންނަނީ މި ވަގުތު ރާއްޖޭގައި އުފާވެރި ދުވަސްތަކެއް ހޭދަކުރަމުންނެވެ. އޭނާގެ ބަހުން ނަމަ މިއީ ހުރިހާ ކަމެއް ފުރިހަމަ ދަތުރެކެވެ. ހޫނު މަރުހަބާތަކާއި މީރު ކެއުންތަކެވެ. ކުޑަކުދިންނާ އެކު ވަގުތު ހޭދަކުރެވި ދިވެހި ފުޓްބޯޅައިގެ ތަޖުރިބާ ކުރެވިއްޖެ އެވެ. އުފާވެރި ޗުއްޓީއެއް ހޭދަކުރެވި ސަކަރާތް ވެސް ޖަހާލެވިއްޖެ އެވެ.

ދިވެހި ޕްރިމިއާ ލީގު ހުޅުވައިދިނުމަށް އެފްއޭއެމުގެ ދައުވަތަކަށް މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި އޭސީ މިލާނާއި ޗެލްސީގެ ކުރީގެ ކުޅުންތެރިއާ ވަނީ ޕްރިމިއާ ލީގު މެޗެއް ބެލުމުގެ އިތުރުން ޔޫތު ޑިވެލޮޕްމަންޓުގެ ބައިވެރިވާ ކުދިންނަށް ޓްރެއިނިން ސެޝަނެއް ވެސް ނަގައިދީފަ އެވެ.

ފްރާންސަށް 2001 އަދި 2003 ގެ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަނުގެ ދަތުރުގެ އެންމެ ހާއްސަ އެއް ބަޔަކީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ޖުމެއިރާ ވިއްޓަވެލި ރިޒޯޓުގެ މުވައްޒަފުންނާ އެކު ފުޓްބޯޅަ ކުޅެލުމެވެ. ޖުމެއިރާގެ ސްޓާފް ޕިޗުގައި އިއްޔެ ހަވީރު ކުޅުނު ފުޓްސަލް މެޗުގައި އޭނާ ވަނީ ފުލްކޮށް ކުޅެ މުވައްޒަފުންނާ އެކު ވަރަށް ވެސް އުފާވެރި ވަގުތުތަކެއް ހޭދަކޮށްފަ އެވެ. ތިރީގައި އެވަނީ އެ މެޗަށް ފަހު އޭނާ މިހާރުގެ މުހައްމަދު ހަމްދޫނާއި ބައެއް ރާއްޖޭގެ ޓްރެވަލް ނޫސްވެރިންނަށް ދީފައިވާ އިންޓަވިއުއެކެވެ. ފުޓްސަލް ދަނޑުގެ ވިނަގަނޑު މަތީގައި އިށީނދެ އިނދެ އޭނާ 10 ވަރަކަށް މިނެޓު ވަންދެއްކި ނޫސްވެރިންނާ ދެއްކި ވާހަކައިގައި ވަނީ މިހާރު އެންމެ ބޮޑަށް ވާހަކަދެކެވޭ ނޭމާގެ ޓްރާންސްފާއާ ބެހޭގޮތުންނާއި ކްރިސްޓިއާނޯ ރޮނާލްޑޯ-ލިއޮނަލް މެސީގެ ވާދަވެރިކަމާ ބެހޭގޮތުން ވާހަކަދައްކައިފަ އެވެ.

.................

ޑެސައިލީ: ވަރަށް އުފާވެރި ދުވަސްތަކެއް. މިތަނުގައި އަހަރެން ޗުއްޓީ ހޭދަކޮށް ހިތްއުފާކޮށްލައި އަދި އަހަރެން އެންމެ ލޯބިވާ ކުޅިވަރު މި ޕްރޮމޯޓްކުރެވެނީ. (ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ) ފީފާ އަށް ވެސް އެނގޭ ރާއްޖޭން ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތާއި އަދި އަދި ހުރި ގޮންޖެހުންތައް. ރަށްތައް ދުރުވުމާއި އެފަދަ ކަންކަމަކީ ގޮންޖެހުންތަކެއް. އެކަމަކު ރާއްޖޭގައި ފުޓްބޯޅަ މިވަނީ އާލާވެފައި. އަހަރެން އެކަމަށް ހެކިވަން.

ޑެސައިލީ: ވަރަށް ރަނގަޅު. ޗެމްޕިއަން މާޒިޔާ ފެނުނީ ވަރަށް ރަނގަޅު ޓީމެއްގެ ގޮތުގައި. ޓެކްޓިކަލީ ވަރަށް އޯގަނައިޒް. އެކަމަކު އެ ޓީމަށް އެއީ ރަނގަޅެއް މި ލެވެލުގެ ފުޓްބޯޅައިގެ ތަޖުރިބާއެއް ނެތް އާ ޓީމަކާ ދެކޮޅަށް ކުޅުމަކީ. އޭގެ ސަބަބުން އެ ޓީމު (ކުޑަހުވަދޫ) ގެ ފެންވަރުން އެ ޓީމު ކުރިއަރާނެ. ހާއްސަކޮށް މަތީ ފަންތީގެ ފުޓްބޯޅައިގައި ކުރަން ޖެހޭ މަސައްކަތް ވަޒަންކުރެވޭނެ. މެޗުގެ ވަރަށް ކުރީކޮޅު (ކުޑަހުވަދޫ) ކޮޅަށް ގޯލެއް ވަން އެކަމަކު އެ ގޯލަށް ފަހު އެ ޓީމުން ކުޅުނު. ރަނގަޅަށް ކުޅުނުތަން ފެނުނު.
ޑެސައިލީ: އަހަންނަށް ޔަގީނެއް ނޫން. އަހަންނަކީ ފުޓްބޯޅައިގެ އެމްބެސެޑަރެއް. އަހަންނަށް ޔަގީނެއް ނޫން އަހަރެން ކޯޗިންގައި ސީދާ ބައިވެރިވާނެކަމެއް. އަހަރެންގެ އަތުގައި އެބައޮތްމެ ޔުއެފާ ޕްރޯ ލައިސަންސް. އެކަމަކު ވެސް އަހަންނަށް ޔަގީންކޮށް ބުނަން ނޭގޭ (ކޯޗިން އަށް ދާނެ ކަމެއް). ހަގީގަތުގައި އަހަރެންގެ ހިތްހަމަޖެހޭ ކުޑަކުދިންނާ އެކު މަސައްކަތްކޮށްލައި ހިލޭސާބަހަށް ކުރާ މަސައްކަތުގައި ބައިވެރިވެލައި އަދި ކުޑަކޮށް ވިޔަފާރީގައި އުޅެލުމުން. މި ހުރިހާ ކަމެއްގައި މަސްހުނިވެގެން އުޅެލުމުން އަހަރެން ހިތްހަމަޖެހޭ. އެގޮތަށް އުޅުމުން މާ ރަނގަޅަށް މަސައްކަތްކުރެވޭކަން އަދި އަހަރެންގެ ބޭނުން އެންމެ ރަނގަޅަށް ހިފޭކަމަށް އަހަންނަށް މާބޮޑަށް އިހުސާސްކުރެވޭ. ޒިދާން، ޑިޑިއާ ޑިޝޯމްޕްސް، ވިއޭރާ. އަހަރެންގެ ޖީލުގެ އެންމެން އެ އަންނަނީ އަހަންނަށާ އެއްކޮށް (ކޯޗިން) ވަޒީފާ އަދާކުރަމުން. އެވަރުން އަހަންނަށް ފުދޭ. އަހަރެންގެ ބައި ވެސް އެ ކޯޗުން އެބަ ފުރިހަމަކުރޭ.
ޑެެސައިލީ: އަހަރެން ވަރަށް އުފާވޭ ސަބަބަކީ އެ އެންމެންނަކީ ކޯޗުންނަށް ވާން ހައްގު މީހުން. އެ މީހުންނަކީ ކުޅުނު ދުވަސްވަރު މޮޅެތި ފުޓްބޯޅަ ކުޅުންތެރިން. ކޯޗުންނަށް ވުމުގެ ޝަރުތުތައް ފުރިހަމަވޭ. ވަރަށް އުފާވޭ އެ އެންމެން ކޯޗިން އިން ފެންނާތީ. ވަރަށް ހިތްހަމަޖެހޭ ޒިދާން ކޯޗިންގައި އެހާ މަތިން ގުނޭތީ.
ޑެސައިލީ: ރާއްޖޭގޭ ޓޫރިޒަމް ވަރަށް ރަނގަޅު. ސަބަބަކީ ގުދުރަތީ މާހައުލު އޭގެ ގޮތުގައި ބާއްވައިގެން މިކުރަން ކުރާތީ ވަރަށް އޯގަނައިޒްކޮށް (ރިޒޯޓްތަކުގެ މަސައްކަތްތައް ހުރީ). އަނެއްކާ މީގެ ސަބަބުން އާއްމުންނަށް، މުޖުތަމައުއަށް ފައިދާތަކެއްވޭ.
ޑެސައިލީ: އަހަންނަކީ އެކަމުން އެއްވެސް މައްސަލައެއް ނުފެންނަ ގްރޫޕަށް ނިސްބަތްވާ މީހެއް. މި ދައްކަނީ އާދަޔާ ހިލާފު ހުނަރުވެރި ކުޅުންތެރިއެއްގެ ވާހަކަ. މިސާލަކަށް ބަލާ ހޮލީވުޑުގެ ފިލްމެއް ހަދަން 400 މިލިއަން އެބަ އިންވެސްޓްކުރޭ. ދެން (ހޮލީވުޑް ތަރި) ބްރެޑް ޕިޓަށް ތިން މަހުގެ މަސައްކަތަށް 30 މިލިއަން ޑޮލަރުދޭ. އެއްވެސް މީހަކު އެކަމާ ބެހޭގޮތުން އެއްޗެކޭ ނުބުނޭ. އެއްވެސް މީހަކު ނުދައްކާ އެ ވާހަކައެއް. އެ ފިލްމުން އަނބުރާ އެތައް މިލިއަނެއް ލިބޭ. އަހަރެން ދެކޭ ގޮތުގައި (ހަމަ އެގޮތަށް) ނޭމާ ފްރާންސަށް އައުމުން ފްރާންސުގެ ޕްރޮފައިލް މަތި ވާނެ. ޕެރިސް ސެއިންޓް-ޖާމެއިން އަށް ސްޕޮންސަޝިޕުގެ ގޮތުގައި ބައިވަރު ލިބޭނެ އަނބުރާ. އެ ކްލަބުގެ ޖާޒީ އާއި އެފަދަ ތަކެތި ވިއްކައިގެން ފައިސާ ލިބޭނެ. މިއީ ވިޔަފާރިއެއް. ސަޕޯޓަރުންނާއި މީޑިއާއަށް އެބަ ޖެހޭ އެނގެން ފުޓްބޯޅަ މިހާރު ވިޔަފާރިއަކަށް ވެއްޖެކަން އޭގެ އަމިއްލަ ޒާތުގައި. ޓެކްސީ ޑްރައިވަރުންނާއި ޓޫރިޒަމަށާއި ބްރޯކަރުންނަށާއި ހޮޓާތަކަށް، މި އެންމެންނަށް ފައިދާ ވާނެ ނޭމާ ފްރާންސަށް އައުމުން. ފޯމިއުލާ ވަން ރޭސް ޖަހާ މީހުންނަށް އަހަރަކު 50 މިލިއަން ލިބޭ. ގޮލްފް ކުޅުންތެރިންނަށް އަހަރަކު 50 މިލިއަން ލިބޭ. ދެން ކޮން ވާހަކައެއް ތި ދައްކަނީ؟ ނޭމާ އަކީ ދުނިޔޭގެ ފެންވަރުގެ ތަރިއެއް. ނޭމާ އަކީ ފުޓްބޯޅައިގެ ތެރެއަށް އިއްޔެ އައި މީހެއް ނޫން. އުމުރުން ނުވަ އަހަރުން ފެށިގެން އޭނާ އަކީ އާދަޔާހިލާފު ހުނަރުވެރިއެއް. މި ޓްރާންސްފާގެ ސަބަބުން ފްރާންސް ފުޓްބޯޅައަށް ފައިދާވާނެ. އެކަމަކު އޭގެ ސަބަބުން ޖުމްލަކޮށް ފުޓްބޯޅައަށް ގެއްލުމެއް ނުވާނެ.
ޑެސައިލީ: އަހަރެން ވަރަށް އުފާވޭ (މިލާން އަލުން ވަރުގަދަވާތީ). ފައިސާ ދެކެ ބިރުގަނެގެން ނުވާނެ. އަހަރެން ބިރުގަތީ އަހަރެންގެ ރައީސް ސިލްވިއޯ ބާލުސްކޯނީ ކްލަބް ދޫކޮށްލެއްވުމުން. އެހެންވެ އަހަރެމެން އުއްމީދުކޮށްގެން ތިބީ ކްލަބަށް ހަރަކާތްތެރި ބަޔަކު އައުމަށް. އެކަންވެއްޖެ. އެ މީހުން އަންނަނީ ބައިވަރު ކުޅުންތެރިން ގަންނަމުން. އެކަމަކު އެވަރުން ކުރިއަށް އޮތް ދެ ސީޒަނަކަށް ނުވާނެ. ކްލަބެއްގެ ބިންގަލެއް އެޅުމަށް ބޭނުންވާނެ ލީޑަރުން. ކުރީގެ 90ގެ ވަރުގަދަ މިލާން އެނބުރި ގެނައުމަށް ބައިވަރު ކަންކަން ފުރިހަމަވާން ޖެހޭ.
ޑެސައިލީ: އެއްވެސް ކުޅުންތެރިއަކު އަހަރެން ކުޅުނު ގޮތަށް މިހާރު ނުކުޅޭ. ސަބަބަކީ މިހާރުގެ ކުޅުންތެރިން ޓެކްނިކަލީ މާ މޮޅު. އެ ކުޅުންތެރިން ބޯޅަ ގެންއުޅޭ ގޮތާއި ހުނަރު މާ މޮޅު. އަހަންނަކީ ފުޓްބޯޅައިގެ ދުނިޔޭގެ ހެވީވެއިޓް ކުޅުންތެރިއެއް. މިހާރު އެފަދަ ކުޅުންތެރިއެއް ނެތް. މިހާރު މިތިބީ އެންގޯލޯ ކާންޓޭ، މަޓުއިޑީ ޕޮގްބާ ފަދަ ކުޅުންތެރިން. ވަރަށް ހުނަރުވެރި. ފުޓްބޯޅަ މިހާރު ވަނީ ޓެކްނިކަލީ ވަރަށް ކުރިއަރާފައި.
ޑެސައިލީ: އެއްކަލަ ސުވާލު....(ފުން ނޭވާއެއްލާފައި). ތިއީ އަހަރެންގެ ކުދިންގެ ތެރެއިން ކުއްޖެއް އިހުތިޔާރުކުރަން އެހުން ކަހަލަ ކަމެއް. އެއީ ވާނެ ކަމެއް ނޫން. ނިކަން ބަލާލަބަ ތަފާސް ހިސާބުތަކަށް. އަޅެ ބަލާލަބަލަ ތަފާސް ހިސާބުތަކަށް. މައްސަލައެއް ނެތް ތިއީ ބާސެލޯނާގެ ސަޕޯޓަރެއް ނަމަ މެސީ އަށް ސަޕޯޓްކުރޭ. ތިއީ ރެއާލް މެޑްރިޑުގެ ސަޕޯޓަރެއް ނަމަ ރޮނާލްޑޯ ނަގާ. ނުވަތަ ތިއީ މެސީ ގޮތަށް ލަދުވެތި، މަޑުއިތިރިކަމަށް ލޯބިކުރާ މީހެއް ނަމަ މެސީ ނަގާ. އެކަމަކު ތިއީ ވަރަށް ބޮޑަށް ތިމާގެ ނަފްސަށް ސަމާލުކަންދޭ މީހެއް ނަމަ ރޮނާލްޑޯ ނަގާ. އެކަމަކު ފުޓްބޯޅައިގެ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން އަހަންނަށް ތިތަނުން ކުޅުންތެރިއަކު ނުނެގޭނެ. ބަލާލަބަލަ އެ ކުޅުންތެރިން އަހަރެއްގެ ތެރޭގައި ހަދަނީ ކިތައް ހެޓްރިކްތޯ؟ އެ ދެ ކުޅުންތެރިންގެ ޖީލުން އެ ދެ ކުޅުންތެރިން ވާނީ ފުޓްބޯޅައިގެ ތާރީހަށް. ބްރެޒިލްގެ ރޮނާލްޑޯ އާއި ޑިއޭގޯ އާމަންޑޯ މަރަޑޯނާ އާއި ޕެލޭ އާއި ކްރައިފް ފަދައިން. އަހަރެމެން އުއްމީދުކުރަން ކުރިއަށް އޮތް 10 އަހަރު އެފަދައިން ނޭމާ އާއި އެހެން ބައެއް ކުޅުންތެރިން ފުޓްބޯޅައިގެ ތާރީހު ލިޔާނެ ކަމަށް.
ޑެސައިލީ: އަމިއްލަ ގައުމުގައި ޔޫރޯގެ ފައިނަލުން ބަލިވުމަކީ ފްރާންސަށް ވަރަށް އުނދަގޫވި ކަމެއް، އެކަމަކު އަހަރެން ދެކޭ ގޮތުގައި އެއީ އަދި ޓީމަށް މާ އަވަސް މުބާރާތެއް. މި ޓީމުގައި ލީޑަރުންނެއް ނެތް. އެކަމަކު އަހަރެމެންގެ ޖީލާ ބަލާއިރު މިހާރު މާ ހުނަރުވެރި. މާ ބޮޑަށް ވެސް ރަނގަޅު. އެކަމަކު އެބަ ބޭނުންވާ ތަޖުރިބާ ވެސް. ފަހަރުގައި އަންނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ފްރާންސުގެ ފަހަރަށް. ޔަގީން. އެކަމަކު ޖަރުމަން ވެސް އެބައޮތްކަން ހަނދާން ކުރަން ޖެހޭ، އެ ޓީމުން އެ ވަނީ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށްފައި.