07 އޯގަސްޓް 2017 - 20:35

ފުލުހުންގެ ސަފު ފަޅައިލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް މާލެ ގެނެސް މިރޭ ޑޮކްޓަރަށް ދައްކައިފި އެވެ.
ފުލުހުންގެ ނޫސަންދަ ކްލިނިކްގައި ވަހީދަށް ފަރުވާ ދިން ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، އޭނާ ދެއްކީ ކަށީގެ ޑޮކްޓަރަކަށެވެ.
ވަހީދު މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ، ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ސޮއި ކުރައްވައި ނެރުއްވާފައިވާ އަމުރުގައި ވަހީދު ހައްޔަރުކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައި، މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ. އަދި އެ މައްސަލާގައި ވަހީދު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރަފާނެ ކަމަށް ފެންނާތީ ވަހީދު ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ކަމަށް އޭގައިވެ އެވެ.
ވަހީދަކީ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް ވަހީދު ހިމެނިވަޑައިގަންނަވާ ގޮތަށް ހަތަރު ބޭފުޅަކު ވަނީ އެ މައްސަލަ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ވަހީދުގެ ގޮނޑިއާ ގުޅޭ މައްސަލަ މާދަމާ އަށް ވަނީ ޝެޑިއުލް ވެސް ކޮށްފަ އެވެ.