ހަތަރު ކޮލެޖެއްގައި ކިޔެވުމަށް އެމްއައިބީން ފައިސާ ދެނީ
ހަތަރު ކޮލެޖެއްގައި ކިޔެވުމަށް އެމްއައިބީން ފައިސާ ދެނީ

ރާއްޖޭގެ ހަތަރު ކޮލެޖެއްގައި މަތީ ތައުލީމް ހާސިލް ކުރުމުގައި މާލީ ގޮތުން އެހީތެރިވެދިނުމުގެ ގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފައިނޭންޝަލް ސްކީމެއް ތައާރަފް ކޮށްފި އެވެ.

ސައިރެކްސް ކޮލެޖް، މަންދު ކޮލެޖް، އެވިޑް ކޮލެޖް އަދި އެމްއައި ކޮލެޖްގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފައިނޭންޝަލް ސްކީމުގެ އެއްބަސްވުމުގައި އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު ހާރިސް ހާރޫނު އަދި އެ ކޮލެޖުތަކުގެ އިސްވެރިން ވަނީ މިއަދު ސޮއި ކުރައްވައިފަ އެވެ.

އެމްއައިބީގެ މި ސްކީމުގެ ދަށުން ތައުލީމް ހާސިލް ކުރެވޭނީ ޑިޕްލޮމާ ލެވެލް އިން މަތީގެ ކޯސްތަކުގަ އެވެ. މި ސްކީމުގެ ދަށުން އެންމެ މަދުވެގެން ދޫކުރަން ހަމަޖައްސާފައިވަނީ 30،000ރ. އެވެ. އަދި އެންމެ ގިނަވެގެން 250،000ރ. އެވެ.

ކިޔެވުން ނިންމާލުމަށް ފަހު ހަ އަހަރުގެ ތެރޭގައި އެ ފައިސާ ދެއްކޭނެ ކަމަށާއި ނަމަވެސް ފައިދާގެ ގޮތުގައި އިތުރަށް ނަގާނެ ކަމަށް ބޭންކުން ބުންޏެވެ.

އިސްލާމިކް ބޭންކްގެ ބިޒްނަސް ޑެވެލޮޕްމަންޓް އޮފިސަރު ނާހިދު އިދުރީސް ވިދާޅުވި ފައިނޭންސިން ސްކީމުގައި ބައިވެރިވެވޭނީ، އެ ބޭންކާ އެކު އެއްބަސްވުމެއް ހަދާފައިވާ ތަނެއްގައި ވަޒީފާ އަދާ ކުރާ، 18 - 50 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އެ މީހަކަށް މުސާރައިގެ ގޮތުގައި މަދުވެގެން 4،000ރ. ލިބެންޖެހޭނެ ކަމަށާއި އެ އަދަދަށް ނުލިބޭ ނަމަ، އެހެން މީހަކު ބައިވެރިކޮށްގެން ވެސް ސްކީމުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ދަރިވަރުންގެ މުސާރަ އިން ކެނޑޭ ގޮތަށް ކުރި އަށް ގެންދާ ސްކީމެކެވެ. މިކަމުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަންޖެހޭނީ އެ ދަރިވަރަކު ކިޔަވާ ކޮލެޖަކަށެވެ. އަދި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް، ބައިވެެރިވެވޭނެ ކަމަށް ނާހިދު ވިދާޅުވި އެވެ.

މި ސްކީމުގައި ސޮއިކުރި ކޮލެޖުތަކުން ވެސް ބުނި ގޮތުގައި ކޯހުގެ ފީގެ ގޮތުގައި ދަރިވަރުންނަށް ބޮޑު އަދަދެއް ދައްކަންޖެހުމުން ދަތިތަކާ ކުރިމަތިވެ އެވެ. އެހެންކަމުން އިސްލާމިކް ބޭންކާ އެކު މިފަދަ އެއްބަސްވުމެއް ގާއިމްކުރެވުމުން ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބުންޏެވެ.

އިސްލާމިކް ބޭންކުން މީގެ ކުރިން ވަނީ ވިލާ ކޮލެޖާއި އިސްލާމިކް ޔުނިވާސިޓީއާއެކު ވެސް ފައިނޭންޝަލް ސްކީމެއްގައި ސޮއިކޮށްފަ އެވެ.