07 އޯގަސްޓް 2017 - 18:25

ސޯލް (އޮގަސްޓް 7) - ކޮރަޕްޝަނުގެ ތުހުމަތުކޮށްފައިވާ ދެކުނު ކޮރެއާގެ ސެމްސަން ކުންފުނީގެ ވައިސް ޗެއާމަން ލީ ޖައި-ޔޮން އަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ޕްރޮސެކިއުޓަރުން ހުށަހަޅައިފި އެވެ.
ލީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ރިޝްވަތާއި ޚިޔާނާއި ދޮގު ހެކި ދިނުމުގެ މައްސަލަތަކެކެވެ. މި މައްސަލަތައް ގުޅިފައި ވަނީ ދެކުނު ކޮރެއާގެ ރައީސްކަމުން ޕާކް ގުއެން-ހައި ދުރު ކުރަން ޖެހުނު ބޮޑު ކޮރަޕްޝަނާ އެވެ.
ބޮޑެތި ކުންފުނިތަކުން ރިޝްވަތުގެ ގޮތުގައި ދިން ކަމަށް ތުހުމަތުކުރެވޭ އެތައް މިލިއަން ޑޮލަރެއް ރައީސް ޕާކުގެ އެކުވެރިއެއްގެ ޖަމިއްޔާއެއް މެދުވެރިކޮށް ރައީސް ނަންގަވާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މިގޮތަށް ފައިސާ ދިން ކުންފުނިތަކުގެ ތެރޭގައި ސެމްސަން ހިމެނޭ ކަމަށާއި ދެ ކުންފުންޏެއް އެއްކޮށްލުމަށް ހިންގި މައްސަލަ ބޮޑުވި މުއާމަލާތަކަށް ހުއްދަ ހޯދުމަށް ސެމްސަން އިން 36.3 މިލިއަން ޑޮލަރު ދިން ކަމަށް ޕްރޮސިކިއުޓަރުން ތުހުމަތުކުރެ އެވެ.
މި ފައިސާ ދިން ކަމަށް ސެމްސަން އިން އެއްބަސްވެ އެވެ. ނަމަވެސް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ އަށް އެ ފައިސާ ދިނީ ބަދަލުގައި އެއްވެސް ކަމެއް ބޭނުންވެގެން ނޫން ކަމަށް ސެމްސަން އިން ވަނީ ބުނެފަ އެވެ. މި މައްސަލާގައި ފެބްރުއަރީ މަހު ލީ ވަނީ ހައްޔަރުކޮށްފަ އެވެ.
މައްސަލައިގެ އެންމެ ފަހު އަޑު އެހުމުގައި ޕްރޮސެކިއުޓަރުން ވަނީ ރައީސް މަގާމުން ކުރުކުރަން ޖެހުނު މައްސަލަގަނޑުގައި އެންމެ ބޮޑު ފައިދާއެއްވި އެކަކީ ލީ ކަމަށް ބުނެފަ އެވެ. މި މައްސަލާގައި ހުކުމްކުރާނެ ކަމަށް ބެލެވެނީ މި މަހު 25 ވަނަ ދުވަހު އެވެ.