ސައުދާއި ވައްޑޭގެ މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާ
ސައުދާއި ވައްޑޭގެ މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ ތެރެއިން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ދެ މެމްބަރެއްގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު މެމްބަރުންގެ ތެރެއިން މާދަމާ ޝަރީއަތް ބާއްވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މައްސަލައިގަ އެވެ. ވަކިވަކިން ބަލާ އެ ދެ މައްސަލަ ވެސް ބައްލަވަނީ އުއްތަމަ ފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.

ވައްޑެ އާއި ސައުދުގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލަ މާދަމާ ބާއްވާއިރު، އެ ދެ ބޭފުޅުން މިވަގުތު ތިއްބެވީ ފުލުހުންގެ ބަންދުގަ އެވެ. ވައްޑެ އާއި ސައުދު ހައްޔަރުކުރީ މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުންނާ އެކު މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލައިގަ އެވެ.

ވައްޑެ އާއި ސައުދުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މެމްބަރުކަން ވެސް ގެއްލިފައިވާ ކަމަށް އިލެކްޝަނުން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރެއިން ލަތީފާއި އަމީތުގެ ގޮނޑި ގެއްލުނު މައްސަލަ ވެސް އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެކަމަކު ސިނާނާއި އިލްހާމްގެ މައްސަލަ އަދި ސުޕްރީމް ކޯޓަށް ހުށަހެޅި ކަމެއް ސާފެއް ނުވެ އެވެ.