ސިންގަޕޫރު ކުންފުންޏަކުން ހިލަ އާއި ހިލަވެލި ވިއްކަން ފަށައިފި
ސިންގަޕޫރު ކުންފުންޏަކުން ހިލަ އާއި ހިލަވެލި ވިއްކަން ފަށައިފި

ހިލަ އާއި ހިލަވެލީގެ ޑިމާންޑާ އެއްވަރަށް ސަޕްލައި ދެމެހެއްޓުމުގެ ބޭނުމުގައި، ސިންގަޕޫރުގެ ކުންފުންޏަކުން ބޮޑު ސްޓޮކެއް ގެނެސް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ވިއްކަން ފަށައިފި އެވެ.

ރާއްޖެ އަށް ބޭނުންވާ ހިލަ އާއި ހިލަވެލި އާއްމުކޮށް ގެންނަނީ އިންޑިއާ އިން ދޫކުރާ ހާއްސަ ކޯޓާއެއްގެ ދަށުންނެވެ. ނަމަވެސް ރާއްޖެ އަށް ދޭ ހިލަ އާއި ހިލަވެލީގެ ކޯޓާ އިންޑިއާ އިން އާ ނުކުރުމުން އެ ދެ ބާވަތް އެތެރެކުރުން ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އިންޑިއާ އިން ހިލަވެލީގެ ކޯޓާ އާކޮށް ނުދިން ސަބަބެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

އިންޑިއާ އިން ހިލަ އާއި ހިލަވެލީ ކޯޓާ އާކޮށް ނުދިނުމުން އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީގެން އެޗްޑީސީން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ހިލަ އާއި ހިލަވެލި ވިއްކަން ވަނީ ފަށައިފަ އެވެ.

އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހިލަ އާއި ހިލަވެލީގެ ބޮޑު ސްޓޮކެއް ގެނެސް ވިއްކަން ސިންގަޕޫރުގެ ކުންފުންޏަކާ މިދިޔަ މަހު ހަވާލުކުރީ ރާއްޖޭގައި ހިންގާ އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓި ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ. އެ ކުންފުނިން ހިލަ އާއި ހިލަވެލި ގެންނަނީ މެލޭޝިއާ އާއި އިންޑޮނޭޝިއާ އިން ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

"ސިންގަޕޫރުގެ ކުންފުނިން މިހާރު ވެސް އެބަހުރި ދެ މަސް ދުވަހުގެ ސްޓޮކެއް ގެނެސް ދެވަނަ ފިޔަވަހީގައި ބަހައްޓާފައި. އެ ކުންފުނިން މާކެޓް ރޭޓާ އެއް އަގެއްގައި ހުރިހާ ފަރާތަކަށް ވެސް ހިލަ އާއި ހިލަވެލި ވިއްކާނެ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ދެވަނަ ފިޔަވަހީގައި ހިލަ އާއި ހިލަ ވިއްކާނެ އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ކުރިޔަށް އޮތް ތިން އަހަރެއްހާ ދުވަހު ރާއްޖެއަށް ބޭނުންވާ ހިލަ އާއި ހިލަވެލި މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖައްސަން. މިތަނަށް ގެންނަ ހިލަ އާއި ހިލަވެލި ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް ވިއްކާނެ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ޑިމާންޑާ އެއްވަރަށް ސަޕްލައިކުރުމުގެ ގޮތުން މިހާރު ވެސް 60،000 ޓަނުގެ ހިލަ އާއި ހިލަވެލި ގެނެސްފައިވާ ކަމަށެވެ.