"ރޭސް 3" ގައި ސަލްމާން ހާން؛ ޑައިރެކްޓަރަކީ ރެމޯ ޑި ސޫޒާ
"ރޭސް 3" ގައި ސަލްމާން ހާން؛ ޑައިރެކްޓަރަކީ ރެމޯ ޑި ސޫޒާ

ބޮލީވުޑްގައި ސަސްޕެންސް ތުރިލާތައް އުފައްދަން ކުޅަދާނަ ޑައިރެކްޓަރުންގެ ޖޯޑު ކަމަށްވާ އައްބާސް-މަސްތާން ގެ "ރޭސް" ފްރެންޗައިޒަކީ އެ މީހުންގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރެއިން ފިލްމްތަކެވެ. "ރޭސް" ގެ ދެ ފިލްމެއް މިހާތަނަށް ވަނީ ރިލީޒްކޮށްފަ އެވެ.

"ރޭސް 3" ގައި ސަލްމާން ހާން؛ ޑައިރެކްޓަރަކީ ރެމޯ ޑި ސޫޒާ
"ރޭސް 3" ގައި ސަލްމާން ހާން؛ ޑައިރެކްޓަރަކީ ރެމޯ ޑި ސޫޒާ

އެއީ 2008 ގައި ރިލީޒް ކުރި "ރޭސް" އާއި "2013" ގައި ރިލީޒް ކުރި "ރޭސް 2" އެވެ. ކުރިއަށް މިއޮތީ އޭގެ ތިން ވަނަ ފިލްމެވެ.

އެކަމަކު މި ފަހަރުގެ ފިލްމާ އެކު ބޮޑު ޓްވިސްޓެއް މިހާރު ވަނި އައިސްފަ އެވެ. އެއީ ރަމޭޝް ތައުރާނީ ޕްރޮޑިއުސް ކުރާ "ރޭސް" ގެ ތިނަ ބައިގެ ޑައިރެކްޝަނުން އައްބާސް-މަސްތާން ނުފެންނާނެ ވާހަކަ އެވެ. ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން "ރޭސް 3" ޑައިރެކްޓް ކުރަން މަޝްހޫރު ކޮރިއޮގްރާފަރު އަދި "އޭބީސީޑީ" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ރެމޯ ޑި ސޫޒާ އަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

ފިލްމުގެ އެންމެ މުހިއްމު ތަރިއަކީ މި ފަހަރު ސަލްމާން ހާނެވެ. އެހެންވެ "ރޭސް 3" ވެގެން ދާނީ އެ ފްރެންޗައިޒްގެ ފިލްމަކުން ސަލްމާން ފެންނަ ފުރަތަމަ ފަހަރަށެވެ.

މި ފިލްމާ އެކު ސަލްމާނާއި ރެމޯގެ ނަން ތިލަވެފައި މި ވަނީ އެ ދެ މީހުން އެހެން ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން ދަނިކޮށެވެ. އެއީ ޑާންސް ތީމަކަށް ރެމޯ ޑައިރެކްޓްކޮށް، ސަލްމާން ލީޑް ރޯލް ކުޅޭ "ޑާންސިން ޑޭޑް" އެވެ. މި ފިލްމުގައި ސަލްމާންގެ ބަތަލާއަކީ "ކިކް" ގައި އޭނާގެ ބަތަލާގެ ރޯލް ކުޅުނު ޖެކޮލިން ފެނާންޑޭޒެވެ.

އެހެން ނަމަވެސް ސަލްމާނާއި ރެމޯ އަށް "ރޭސް 3" ހުށަހެޅުމުން "ޑާންސިން ޑެޑީ" މިހާރު ވަނީ ތަންކޮޅެއް ފަހުން މަސައްކަތް ފަށަން ބާއްވައިފަ އެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ "ރޭސް 3" އަށް ސަލްމާން ގެނެވިފައި ވަނީ ތައުރާނީ އެކަމަށް މަސައްކަތް ކުރާތާ ހަތަރު ވަރަކަށް އަހަރު ފަހުންކަމެވެ.

"ރޭސް" ގެ ފިލްމްތަކަށް ބަލާ އިރު އޭގެ ހުރިހާ ކެރެކްޓާތަކަކީ ގްރޭ ޝޭޑްސްގެ ކެރެކްޓާތަކެވެ. އެހެން ގޮތަކަށް ބުނާ ނަމަ ފިލްމްގެ ކޮންމެ ކެރެކްޓާއަކީ "ވިލަންއެކެވެ." އެހެން ނަމަވެސް ސަލްމާންގެ ރޯލާއި ފިލްމުގެ ދެން ހިމެނޭ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

"ރޭސް" ގައި ލީޑް ރޯލް ކުޅުނީ ސައިފް އަލީ ހާނާއި ކެޓްރީނާ ކެއިފާއި އަކްޝަޔޭ ކަންނާގެ އިތުރުން ބިޕާޝާ ބާސޫ އެވެ. އަދި ފިލްމުގެ ވަރަށް މުހިއްމު ރޯލެއް އަނިލް ކަޕޫރާއި ސަމީރާ ރެޑީ ކުޅެފައިވެ އެވެ.

"ރޭސް 2" ގައި ސައިފްއާ އެކު ފެނިފައި ވަނީ ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް އާއި ޖެކޮލިން އެވެ. އަދި އަނިލް އާއި އަމީޝާ ޕަޓޭލް މުހިއްމު ރޯލްތަކެއް ކުޅުނެވެ.

"ރޭސް 3" ގެ ޑައިރެކްޓަރު ބަދަލުވި އިރު އައްބާސް-މަސްތާން އެންމެ ފަހުން ގެނެސް ދިން "މެޝިން" އަކީ ބޮޑު ފްލޮޕެކެވެ. އޭގައި ލީޑް ކުޅުނީ އައްބާސްގެ ދަރިފުޅު މުސްތަފާ ބުރުމާވާލާ އާއި ކިއާރާ އަދްވާނީ އެވެ.