07 އޯގަސްޓް 2017 - 13:22

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ފައިސާ ބެހި ކަމަށް ވިދާޅުވި، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ މައްސަލަ ނުބަލަނީ ކީއްވެތޯ ސުވާލުކުރައްވައި، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމަށް ސިޓީއެއް ފޮނުއްވައިފި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފާރިސް، ޕީޖީ ބިޝާމަށް ފޮނުއްވި ސިޓީގައިވަނީ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ބެހި ކަމަށް އިއުތިރާފުވެ ވަޑައިގެންނެވި މުހައްމަދު އިސްމާއިލާ މެދު އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިނުވާ ކަމަށެވެ. އެހެންވެ، ފާރިސް ވަނީ އޭނާ އާއި މުހައްމަދު އިސްމާއިލްގެ މައްސަލާގައި ތަފާތު އުސޫލަކުން އަމަލުކުރަނީ ކީއްވެގެންތޯ ސާފުކޮށްދޭން އެދިވަޑައިގެންފަ އެވެ.
މެމްބަރު މުހައްމަދު އިސްމާއިލާ މެދު ފިޔަވަޅު އެޅުން ޕީޖީގެ ހައިސިއްޔަތުން ލާޒިމް ކަމަށާއި އެގޮތަށް އަމަލު ކުރެއްވުމަށް ފާރިސްގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
އެ ސިޓީގައި ފާރިސް ވިދާޅުވެފައިވާ ގޮތުން ރިޝްވަތުގެ ތުހުމަތު އޭނާއަށް އެންމެ ފުރަތަމަ ކުރި ހިސާބުން ފެށިގެން ވެސް އެ ތުހުމަތަށް އިންކާރު ކުރައްވާފައި ވާނެ އެވެ. އަދި އޭނާގެ ބޮލުގައި ބަޔަކު ދޮގު އިލްޒާމް އެޅުވިއިރު ވެސް މެމްބަރު އިސްމާއިލާ މެދު ފިޔަވަޅެއް ނޭޅި އޮތުމަކީ ހަމަހަމަ ކަމުގެ އުސޫލާ ޚިލާފް ކަމެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާއިރު ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ވަނީ އުފުލައިފަ އެވެ.