ސިންގަޕޫރުގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު ވާދަކުރަނީ
ސިންގަޕޫރުގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު ވާދަކުރަނީ

ސިންގަޕޫރު (އޮގަސްޓް 6) - ސިންގަޕޫރުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޕާލަމެންޓުގެ ރައީސް ހަލީމާ ޔައުގޫބު ނިންމަވައިފި އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މާސިލިން މެގަ ސްޕޯޓްސް ޕާކުގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ވާހަކަ ދައްކަވަމުން މާސިލިން-ޔޫ ޓީގެ މެންބަރު ވިދާޅުވީ އިންތިޚާބުކޮށްފައިވާ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައްޔިތުންނަށް މާ ފުރިހަމަ އަށް ޚިދުމަތް ކޮށްދެވޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. މިއީ ސިންގަޕޫރުގެ ރައީސްގެ މަގާމަށް އަންހެނަކު ވާދަކުރާ ފުރަތަމަ ފަހަރެވެ.

"އެހެންވެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވާދަކުރާނެކަން އިއުލާންކުރަން،" ހަލީމާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށްޓަކައި ހަލީމާ މިއަދު ވަނީ ޕާލަމެންޓުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެކަމަނާ ވިދާޅުވީ އޭނާ އަދާކުރަމުން ދިޔަ މަސްއޫލިއްޔަތު އެހެން މީހަކާ ހަވާލު ކުރުމުގެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖައްސައިދިނުމަށް ބޮޑު ވަޒީރު ލީ ސިއެން ލޫން އަށް ފޮނުވި އިސްތިއުފާގެ ސިޓީގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

ހަފުލާގެ ތެރޭން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަލީމާ ވިދާޅުވީ ޕާލަމެންޓުގެ ރައީސްގެ މަސްއޫލިއްޔަތަކީ ވެސް ބޮޑު ކަމަކަށްވުމުން އެ މަގާމު ދޫކޮށްލުމަށް ފަހު ރައީސް ކަމަށް ވާދަކުރުމާ ބެހޭ ގޮތުން ވަރަށް ފުންކޮށް ވިސްނަން ޖެހުނު ކަމަށެވެ. އަދި އެކަމަނާގެ ދާއިރާގެ ގޮނޑި ދޫކޮށްލަން ޖެހުމަކީ ވެސް އުނދަގޫ ތަޖްރިބާއެއް ކަމަށް ވިދާޅުވި އެވެ.

އުމުރުން 62 އަހަރުގެ ހަލީމާ ރައީސްކަމުގެ ޝައުގު ފުރަތަމަ ފާޅު ކުރައްވާފައި ވަނީ ޖުލައި މަހު އެވެ. ސިންގަޕޫރުގެ ރައީސްކަމުގެ މަގާމު އޮންނަނީ މެލޭ ކޮމިއުނިޓީ އަށް ރިޒާވްކޮށްފަ އެވެ. ހަލީމާގެ ބައްޕަ އަކީ އިންޑިއާ ދަރިކޮޅުގެ މުސްލިމެއް ނަމަވެސް ހަލީމާ އަކީ މެލޭ ކޮމިއުނިޓީ އަށް ނިސްބަތްވާ މީހެއް ކަމަށް ކޮމިއުނިޓީ ކޮމިޓީން ނިންމާފައިވާ ކަމަށް ހަލީމާ ވިދާޅުވި އެވެ.

ސިންގަޕޫރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ މަހު އެވެ. ކެންޑިޑޭޓުން ރަޖިސްޓްރީ ކުރުން ވަނީ ޖޫން 1 ގައި ހުޅުވާލައިފަ އެވެ.