ފޯނުގައި ނަޖިސް، އަވަހަށް ސާފުކުރޭ
ފޯނުގައި ނަޖިސް، އަވަހަށް ސާފުކުރޭ

ފޯނު ހިފައިގެން ފާހާނާއަށް ވަނުމަކީ ބައެއް މީހުން ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. އެމެރިކާގެ ޓެލެކޮމް ކުންފުންޏަކުން 2015 ވަނަ އަހަރު ކުރި ސާވޭއަކުން އެނގުނު ގޮތުގައި އެ ގައުމުގެ 90 ޕަސެންޓް މީހުންނަކީ ފޯނާ އެކު ފާހާނާއަށް ވަންނަ މީހުންނެވެ.

ޔޫއެސްއޭ ޓުޑޭގައި މިކަމާ ބެހޭ ގޮތުން ލިޔެފައިވާ ގޮތުގައި، ފާނާހާއަށް ވަންނަނީ ކޮންމެ ބޭނުމެއްގައި ކަމަށް ވިޔަސް ފޯނު ހިފައިގެން ނުވަނުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އެއީ ފޯނު ހަލާކުވެދާނެތީއެއް ނޫނެވެ. ސިއްހަތަށް ހުރި ގެއްލުމުގެ ނުރައްކާ ބޮޑުކަމުންނެވެ.

ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން އިން 2001 ވަނަ އަހަރު ހާމާކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން ކޮންމެ ހަ ފޯނަކުން އެއް ފޯނެއްގައި ނަޖިހުގެ އަސަރު ހުރެ އެވެ.

އަތުގައި ހުންނަ ނަޖިސް ފޯނުގައި އުނގުޅި އިތުރަށް ފެތުރިގެން ދިއުމަށް މަގު ފަހިވެ އެވެ. އަދި ފާނާއަށް ވަދެ ފާހާނާ ފްލަޝްކުރުން ފަދަ ކަންކަން ކުރާއިރު ފޯނަށް ނަޖިހުގެ އަސަރު ކޮންމެވެސް ގޮތަކުން ކޮށް، އޭގައި އަތްލެވިގެން ވެސް ސިއްހީ ގޮތުން ނުރައްކާ ކުރިމަތިވެ އެވެ.

ޔޫއެސްއޭ ޓުޑޭ އަށް ވާހަކަ ދެއްކި ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ ނަޖިހުގެ އަސަރު ހުންނަ އަދި ޖަރާސީމުން ތަޣައްޔަރުވެފައިވާ ފޯނު ވަރަށް ގިނަ ކަމަށާއި އެހެންވެ ފޯނަކީ ސާފުކުރަން ޖެހޭ އެއްޗެއް ކަމަށެވެ. ފޯނު ފަދަ އިލެކްޓްރޯނިކް ސާމާނު ސާފުކުރުމަށް އުފައްދާފައި ހުންނަ ތަކެތި މި ކަމުގައި ބޭނުންކުރުމަށް އެ ފަރާތްތަކުން ލަފާ ދީފައިވެ އެވެ.