މޫދުގައި އުޅެފައި މާ ފަހުން ވެސް ގެނބިގެން މަރުވެދާނެ
މޫދުގައި އުޅެފައި މާ ފަހުން ވެސް ގެނބިގެން މަރުވެދާނެ

މޫދުގައި އުޅެފައި އަންނަ ކުއްޖެއްގެ ފަރާތުން އާދަޔާޚިލާފު ކަންތައްތަކެއް ފާހަގަކުރެވިއްޖެއްޔާ ފަރުވާކުޑަ ނުކުރާށެވެ. އެއީ ވަރަށް ނުރައްކާތެރި ކަމެއްގެ އަލާމާތަކަށް ވުން އެކަށީގެންވެ އެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި މޫދުގައި ނުވަތަ ފެނުގައި އުޅެފައި، އޭގެ އެތަކެއް ގަޑި އިރު ފަހުން، އެއްގަމުގައި އުޅެނިކޮށް ވެސް ގެނބިގެން މަރުވެދާނެ އެވެ. މިއީ ވަރަށް ނާދިރު، އެކަމަކު ހިނގާ ކަމެކެވެ.

އެމެރިކާގެ ޓެކްސަސް އޭ އެންޑް އެމް ކޮލެޖު އޮފް މެޑިސިންގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޑރ. ޖެސިކާ ލެނެރީއާ ހަވާލާދީ މެޑްލައިން ޕްލަސްގައި ބުނެފައިވާ ގޮތުގައި މި ފަދައިން ގެނބިގެން ދެ ގޮތަކަށް މަރުވެ އެވެ. އެއީ "ޑްރައި ޑްރައުނިން" އަދި "ސެކަންޑްރީ ޑްރައުނިން" އެވެ.

"ޑްރައި ޑްރައުނިން" މެދުވެރިވަނީ ފެނުގައި އުޅުނުތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. ވޯކަލް ކޯޑްތަކާ ހަމައަށް ފެން ދިޔުމުން ނޭވާ ހޮޅި ބެދޭ ގޮތް ދިމާވަނީ އެވެ. އެއާ ޚިލާފަށް "ސެކަންޑްރީ ޑްރައުނިން"އަކީ ފެނުގައި އުޅުނުތާ 24 ގަޑި އިރު ތެރޭ މެދުވެރިވާ ކަމެކެވެ.

"ސެކަންޑްރީ ޑްރައުނިން"ގައި ފުއްޕާމެ އަށް ފެންއެޅި، އެތައް އިރެއް ވަންދެން ހިފެހެއްޓިފައި ހުރެ އެވެ. އޭގެ ސަބަބުން ފުއްޕާމޭ ދުޅަވެ، ނޭވާ ހޮޅީގެ ތިރީބައި ބެދި ނޭވާލާން ދަތިވެ އެވެ.

ވަރަށް މަދުން ދިމާވާ މި ނުރައްކާ ކުރިމަތިވުމުގެ ފުރުސަތު ބޮޑީ ކުޑަކުދިންނަށެވެ. ފެނުގައި އުޅުނު ފަހުން ނުވަތަ ގަސްދަކާ ނުލައި ފެން ބޮވުމުގެ ސަބަބުން ގެނބިގެން މަރުވާން އުޅޭ ކުއްޖެއްގެ ފަރާތުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ނޭވާ ކުރުވުން، ނޭވާ ލާން އުނދަގޫވުން، ހޮޑުލުން، ވަރުބަލިވުން، އަވަސް އަވަހަށް ނިދަން ބޭނުންވުން، އަދި ކާންބޯން ބޭނުން ނުވުން ހިމެނެ އެވެ.

ލެނެރީ ވިދާޅުވިގޮތުގައި "ސެކަންޑްރީ ޑްރައުނިން" ދެނެގަންނަން އެންމެ ރަނގަޅު ގޮތަކީ ނޭވާލުމުގެ މައްސަލައެއް އުޅޭތޯ ބެލުމެވެ.

"ދަރިފުޅު ހޮޑުލަންޏާ އަދި ނޭވާ ލާން އުނދަގޫވުން، ނިދުން ނުވަތަ ހޭލާ ހުންނަން އުނދަގޫވުން ފަދަ ކަމެއް ދިމާވަންޏާ ކުއްލި ފަރުވާ ހޯދާ. އެކަމަކު ކުޑަކުދިން ބަލިވުމަކި އާއްމު ކަމެއް. އެހެންވީމާ ހަމައެކަނި ކެއްސުމެއް ކަހަލަ ކަމެއް ވެއްޖެއްޔާ ސިއްހީ ފަރުވާ ދޭ މީހެއްގެ އެޕޮއިންޓްމެންޓެއް ހަދާލީމަ ފުދޭނެ،" އޭނާ ވިދާޅުވި އެވެ.

ލެނެރީ ވިދާޅުވިގޮތުގައި ކުއްޖަކު ގެނބެން އުޅެފައި ސަލާމަތްވިޔަސް އަވަސް ފަރުވާ ހޯދައި އޭނާގެ ފުއްޕާމެ އަށް ގެއްލުމެއް ލިބިފައި ހުރިތޯ ބަލަން ޖެހޭނެ އެވެ.