07 އޯގަސްޓް 2017 - 12:34

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ކުރީގެ ކުޅުންތެރިއާ އަދި ތަޖުރިބާކާރު ކޯޗު މުހައްމަދު ނަދީމް ހަމަޖައްސައި އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމު ފުރައިފި އެވެ.
އެންމެ ފަހުން ގައުމީ އަންހެން ޓީމު ކުޅުނު މުބާރާތްތަކުގައި ޓީމަށް އިރުޝާދު ދިނީ އަހުމަދު އަދީލް (ބޭބެ) އެވެ. އޭނާގެ އިރުޝާދުގެ ދަށުން މި ދިޔަ އަހަރު އިންޑިއާގެ ގުވަހާޓީގައި އޮތް ސައުތު އޭޝިއަން ގޭމްސް އާއި މިދިޔަ ޖެނުއަރީގައި މާލޭގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގައި ކުޅެފަ އެވެ.
ބޭބެ އަކީ މިހާރު 23 އަހަރުން ދަށުގެ އަންހެން ޓީމުގެ ހެޑް ކޯޗުގެ އިތުރުން ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗެކެވެ.
ފިލިޕީންސްގައި އަންނަ ބުދަ ދުވަހުން ފެށިގެން މި މަހު 19 ވަަަނަ ދުވަހުގެ ނިޔަަލަށް ކުރިއަށްދާ މި މުބާރާތަށް ރާއްޖޭގެ ޓީމަށް ތައްޔާރުވާން އެންމެ އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބެ އެވެ. އެއީ ފުވައްމުލަކުގައި ދާދި ފަހުން ނިމުނު ވީއޭއެމް އެސޯސިއޭޝަން ކަޕަށް ފަހު ލިބުނީ މަދު ދުވަސްތަކެއް ކަމަށް ވުމުންނެވެ.
މުބާރާތާ ގުޅޭގޮތުން ވީނިއުސް އަށް ދިން އިންޓަވިއުއެއްގައި ނަދީމް ބުނީ މުބާރާތުގައި ވާދަކުރަން ޖެހޭ ޓީމުތަކަކީ ވަރުގަދަ ޓީމުތަކެއް ނަމަވެސް ކުޅުންތެރިންގެ ހިތްވަރާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
މުބާރާތުގައި ރާއްޖެ ނުކުންނާނީ އީރާނާއި، ޗައިނީސް ޓައިޕޭގެ އިތުރުން، ތައިލޭންޑާއި ދެކޮޅަށެވެ. މީގެ ތެރެއިން އިރާން އަކީ މާލޭގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފައިން ބުރު ކާމިޔާބުކުރި ޓީމެވެ.
އަންހެން ވޮލީ ޓީމުގެ ކެޕްޓަނަކަށް މި ފަހަރު ވެސް ހަމަޖައްސާފައިވަނީ އައިޝަތު ޝައްފަ އެވެ. ޝައްފަ ބުނީ މުބާރާތަށް ތައްޔާރުވެފައިވާ ކަމަށާއި އުއްމީދަކީ ކުރިން ކުޅެފައި ހުރި މެޗުތަކަށް ވުރެން ރަނގަޅު ނަތީޖާތަކެއް ނެރުން ކަމަށެވެ.
މި ފަހަރުގެ ޓީމުން ފާތިމަތު މަޒިއްޔާ އަށް ފުރުސަތު ނުލިބުނުއިރު، ޓީމުން މުޅިން އަލަށް ފުރުސަތު ހޯދާފައިވަނީ މިސްކިތްމަގު ޓީމަށް މޮޅު ކުޅުމެއް ދެއްކި މަރިޔަމް މިޒްނާ އެވެ.