07 އޯގަސްޓް 2017 - 11:11

ލަންޑަން (އޮގަސްޓް 7) – ނެދަލެންޑްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު ވެސްލީ ސްނެއިޑާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ފްރާންސުގެ ނީސް އަށް ބަދަލުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފަހަކަށް އައިސް ނީސް އިން އަންނަނީ މަޝްހޫރު ތަރިން ގެންނަމުންނެވެ. އެގޮތުން އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީ ވެސް އެ ޓީމަށް ކުޅެމުން އަންނައިރު އޭނާ އަކީ ސްނެއިޑާގެ މޮޅު ކުޅުމާ އެކު އިންޓަ މިލާނުން 2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު އެ ޓީމުގައި ހިމެނު ކުޅުންތެރިއެކެވެ. މީގެ އިތުރުން ނީސް އިން ވަނީ ބްރެޒިލްގެ ސެންޓްރަލް ޑިފެންޑަރު ޑަންޓޭ ވެސް ގެނެސްފަ އެވެ.
މިދިޔަ ސީޒަނުގެ ފްރާންސް ލީގުގެ ތިން ވަނަ ހޯދި ނީސް މިހާރު ތައްޔާރުވަނީ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފަށެވެ. އެ ޓީމު ބައްދަލުކުރަން ޖެހެނީ އިޓަލީގެ ނަޕޯލީއާ އެވެ.
އަޔަކްސް އިން ކެރިއަރު ފަށައި ރެއާލް މެޑްރިޑަށް ވެސް ކުޅުނު ސްނެއިޑާ، 33، ގެ މޮޅު ކުޅުން ފެނުނީ އިންޓަގަ އެވެ. ހޯސޭ މޮރީނިއޯއާ އެކު އިންޓަ އިން 2010 ވަނަ އަހަރުގެ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކުރިއިރު އޭނާ ތަފާތު ދެއްކި އެވެ. އަދި އެ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުގައި ނެދަލެންޑްސް ކުޅުނުއިރު ވެސް ސްނެއިޑާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.