07 އޯގަސްޓް 2017 - 10:53

ބާސެލޯނާ (އޮގަސްޓް 7) – ބޮރޫޝިއާ ޑޯޓްމަންޑުގެ ފްރާންސް ވިންގާ އޮސްމާނޭ ޑެމްބެލޭއާ އެކު ބާސެލޯނާ އިން އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ހުނަރުވެރި ކުޅުންތެރިއާ ގެންދިއުމަށް މިދިޔަ ސީޒަން ނިމުނު ހިސާބުން ފެށިގެން ބާސެލޯނާ އިން މަސައްކަތްކުރަމުން އައިއިރު އެ މަސައްކަތުގެ ސްޕީޑް ބާރުކުރީ ނޭމާ ޕީއެސްޖީ އަށް ބަދަލުވުމުންނެވެ. ބާސެލޯނާ އިން ބޭނުންވަނީ ނޭމާ ނެތްތަން ފޫބައްދަން ޑެމްބެލޭ ގެންނާށެވެ.
ފްރާންސުގެ ލެއިކުއިޕޭ އިން ރިޕޯޓްކުރާ ގޮތުގައި ބާސެލޯނާ އާއި ޑެމްބެލޭއާ މެދު ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ހެދުމަށް ފުރިހަމަ އެއްބަސްވުމެއް އެބައޮތެވެ. ބާސެލޯނާ އަށް ދެން އޮތީ ޑޯޓްމަންޑާ އެކު އެއްބަސްވުމަކަށް އައުމެވެ.
ބާސެލޯނާ އިން 70 މިލިއަން ޔޫރޯ ހުށަހަޅާ ކަމަށް ރިޕޯޓްތައް ބުނާއިރު ޑޯޓްމަންޑުން ވަނީ 100 މިލިއަން ޔޫރޯ އިން ވެސް ނުފުދޭނެ ކަމަށެވެ.
"ޑެމްބެލޭ އަށް 100 މިލިއަން ޔޫރޯ؟ އެވަރުން ނުވާނެ،" ޑޯޓްމަންޑުގެ އޮފިޝަލަކު ބުނެފައިވެ އެވެ.
އުމުރުން 20 އަހަރުގެ ޑެމްބެލޭ އަކީ ވަރަށް ހުނަރުވެރި ވިންގެކެވެ. އޭނާ އަކީ ބޯޅަ ހިފަހައްޓައިގެން ކުޅޭ ސްޓައިލުގެ ވަރަށް ތަފާތު ހުނަރުވެރިއެކެވެ. ރޭނިސް އިން މިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް ބަދަލުވި ޑެމްބެލޭ ވަނީ ފްރާންސް ގައުމީ ޓީމަށް ހަތް މެޗު ކުޅެދީފަ އެވެ.
ނޭމާ ނެތްތަން ފޫބައްދަން ބާސެލޯނާ އިން ގެންނަން މަސައްކަތްކުރާނެ ކުޅުންތެރިންގެ ތެރޭގައި ޑެމްބެލޭގެ އިތުރުން އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރިޒްމަން އާއި ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ އާއި ލިވަޕޫލުގެ ފިލިއްޕޭ ކުޓީނިއޯ ހިމެނެ އެވެ.