ފާރިސްގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި
ފާރިސްގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ބަހައްޓަން ކުރި އަމުރުގެ އިސްތިއުނާފް ދެވަނަ އަޑުއެހުން މިއަދު މެންދުރު ބާއްވަން ނިންމި ނަމަވެސް އެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

އަޑުއެހުން ކެންސަލްކުރީ ފާރިސްގެ ފަރާތުން އެދިގެންނެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން އިއްޔެ ވެސް ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފަ އެވެ. މިއަދު މެންދުރު އަޑުއެހުން ބާއްވަން އުޅުނީ ފާރިސްގެ ފަރާތުން ހުށަހެޅި ކަންކަމަށް ދައުލަތުން ޖަވާބުދާރީ ވުމަށެވެ.

އިއްޔެގެ އަޑުއެހުމުގައި ފާރިސްގެ ފަރާތުން ވަނީ އެ މައްސަލާގައި ކުރިން ފާހަގަ ނުކުރާ އާ ކަމެއް ފާހަގަކޮށްފަ އެވެ. ފާރިސްގެ ވަކީލުން އަލަށް ނެގި މައްސަލައަކީ ފާރިސް ހައްޔަރު ކުރުމުގެ ކުރިން މެމްބަރުންނަށް ރިޝްވަތު ދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ މެމްބަރު އަހުމަދު ޝާފިއު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އެވެ.

އެ މައްސަލަ ނިމެންދެން ފާރިސް ވަގުތީ ގޮތުން ބަންދުން ދޫކޮށްލުމުގެ އަމުރަކަށް ފާރިސްގެ ފަރާތުން ވަނީ ހައި ކޯޓުގައި އެދިފަ އެވެ. އެކަމަކު އެކަމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ފާރިސް ބަންދުގައި ބަހައްޓަން ނެރުނު އަމުރުގެ އިތުރުން އޭނާ ހައްޔަރު ކުރަން ނެރުނު އަމުރު ވެސް ފާރިސްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ ނިންމާލައިފަ އެވެ.

ރިޝްވަތުގެ މައްސަލައިގެެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ތަހުގީގު ކުރިއަށް ގެންދާއިރު ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް އުފުލައި، ޝަރީއަތް ދަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ.